ރާއްޖެ ހިމެނޭ ސަރަަހައްދު ބަލަހައްޓަން ހާއްސަކޮށްފައިވާ އިންޑިއާ ސިފައިންގެ ވަރުގަދަ ކުއްލި ތަމްރީނުތަކެއް މި ހަފުތާގެ ތެރޭގައި ފަށާފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ.
އަރަބި ކަނޑުގައި ކުރިއަށްގެންދާ، "ޕާޝިމް ލިހާރު"ގެ ނަން ދީފައިވާ ތަމްރީނު ތަކުގައި ހަނގުރާމަމަތީ 40 އަށް ވުރެ ގިނަ އުޅަނދު ބޭނުންކުރާ ކަމަށް އިންޑިއާގެ ނޫހެއް ކަމަށްވާ "ނިއު އިންޑިއަން އެކްސްޕްރެސް"ގައި ރިޕޯޓްކޮށްފައިވެ އެވެ. އެއްގަމާއި ކަނޑުގެ ސަރަހައްދުތަކުގައި ހިންގާ އެ ތަމްރީނުތަކުގައި ސަބްމެރީނާއި އެއާކްރާފްޓްތައް ބޭނުންކުރާ އިރު، އަސްލު މިސައިލާއި ހަތިޔާރު ވެސް ހިމެނޭ ކަމަށް އެ ނޫހުން ބުންޏެވެ.
ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން، އެ ތަމްރީނުތައް ކުރިއަށް ގެންދަނީ "ވެސްޓާން ނޭވަލް ކޮމާންޑު"ގެ ދަށުންނެވެ. ރާއްޖެ ހިމެނެނީ އެ ކޮމާންޑުން ބަލާ ސަރަހައްދެއްގެ ގޮތުގަ އެވެ.
އެފަދަ ތަމްރީނެއް މިދިޔަ ނޮވެމްބަރު މަހު ވެސް ހިންގާފައިވާ ކަމަށް ނިއު އިންޑއިން އެކްސްޕްރެސްގައި ރިޕޯޓްކޮށްފައިވެ އެވެ.
އިންޑިއާގެ އަސްކަރިއްޔާއާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ އެ ތަމްރީނުގައި ކަނޑާއި އެއްގަމުގެ ސިފައިން ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.
މިކަމާ ގުޅޭގޮތުން، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ ރާއްޖެ އަށް އަމާޒުކޮށްގެން އިންޑިއާގެ ސިފައިން ތަމްރީނުތަކެއް ހިންގާކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.
ސިޔާސީ ލީޑަރުންތަކެއް ދޫކޮށްލަން ސުޕްރީމް ކޯޓުން މި މަހު 1ގައި ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ފަހުން އެ އަމުރު ބާތިލްކޮށް ރާއްޖޭގައި ހިނގަމުންދާ ކަންކަމާ ގުޅިގެން އިންޑިއާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ރާއްޖެ އަށް އެ ގައުމުން ސިފައިން ފޮނުވަން ޖެހިދާނެ ކަމަށް އިންޑިއާގެ ސިޔާސީ އިސް ފަރާތްތަކުން ވެސް ބުނެފައިވެ އެވެ.
ނަމަވެސް ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ބުނެފައި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި ކަންކަން ހައްލު ކުރުމަށް އިންޑިއާގެ އަސްކަރިއްޔާ ރާއްޖެ އަށް ނުފޮނުވާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.