ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާއެއް މާދަމާ ބާއްވާ ގޮތަށް ނިންމައިފި އެވެ.
މަޖިލީހުގެ އިދާރާއިން ބުނީ މާދަމާ ހެނދުނު 9:00 ގައި ބާއްވަނީ ދައުރުން ބޭރުގެ ޖަލްސާއެއް ކަމަށެވެ. ނަމަވެސް އެ ޖަލްސާއާ ގުޅޭ އެއްވެސް ތަފުސީލެއް އަދި ހާމައެއްނުކުރެ އެވެ. ހަމައެކަނި ބުނީ ޖަލްސާގެ އެޖެންޑާ މަޖިލީހުގެ އިދާރާގެ ވެބްސައިޓަށް އަޕްލޯޑް ކުރުމަށް ފަހު މެމްބަރުންނަށް އަންގާނެ ކަމަށެވެ.
މަޖިލިހުގެ އިދިކޮޅު ބައެއް މެމްބަރުން ގަބޫލުކުރައްވާ ގޮތުގައި މާދަމާ އެޖެންޑާ ކުރާނެ ކަމަށް ބެލެވެނީ މިހާރު ހިންގަމުން ދާ ކުއްލި ނުރައްކަލުގެ ހާލަތާ ބެހޭ ކަމެކެވެ. ގާނޫނުއަސާސީ ބުނާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރާއިރު މަޖިލިހުގެ ދައުރެއް ހިނގަމުން ނުދާ ނަމަ 14 ދުވަހުގެ ތެރޭގައި މަޖިލިސް ބައްދަލުކޮށް، އެ ގަރާރާ މެދު ވަކި ގޮތެއް ނިންމަން ޖެހެ އެވެ.
މަޖިލިހުގެ ދައުރެއް ހިނގަމުން ދާ ދުވަސްވަރެއް ނަމަ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރާ ގަރާރު މަޖިލިހަށް ހުށަހަޅަން ޖެހެނީ ދެ ދުވަހުގެ ތެރޭގަ އެވެ.
ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ސަބަބުން ރައީސް އަބްދުﷲ ޔާމީން އިއުލާންކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަންގާރަދުވަހު ހަމަވާނެ އެވެ. އެހެންކަމުން އޭގެ ކުރިން ރައްޔިތުންގެ މަޖިލިހުން އެ ގަރާރާ މެދު ވަކި ގޮތެއް ނިންމުމަކީ ގާނޫނުއަސާސީން ލާޒިމް ކަމެކެވެ.
މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ މި މަހުގެ 5 ގައި ދަރުބާރުގޭގައި ބާއްވަން މީގެ ކުރިން އޮތީ ނިންމާފަ އެވެ. އެކަމަކު ޖަލްސާ ބާއްވަން ތާވަލުކޮށް މެމްބަރުންނަށް އެކަން އެންގުމަށް ފަހު، ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ އެ ޖަލްސާ ކެންސަލްކުރީ އެވެ. އޭރު ވަނީ ސުޕްރީމް ކޯޓުގެ އަމުރާ އެކު ސިޔާސީ ކޯޅުންތައް ވަރަށް ބޮޑަށް މައްޗަށް ގޮސްފަ އެވެ.
އެ ދުވަހުގެ ޖަލްސާގައި އެޖެންޑާކޮށްފައި އޮތީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވުމެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާގައި ބާއްވަން ޖެހެ އެވެ.
ފުރަތަމަ ދައުރު ހިނގާނީ، ގަވާއިދުގައިވާ ގޮތުން، މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. އެކަމަކު ޖަލްސާއެއް އެޖެންޑާކޮށްފައި މިވަނީ މި މަހުގެ ތިން ވަނަ ހަފްތާގަ އެވެ.
ޖަލްސާތައް ނުބާއްވައި، ދިގުލައިގެން ދާތީ މަޖިލީހުގެ އިދިކޮޅު މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެ މެމްބަރުން ވިދާޅުވާ ގޮތުން ނަމަ، ޖަލްސާތައް ނުބާއްވައި ލަސްކުރަނީ ސަރުކާރަށް މެޖޯރިޓީ ލިބެންދެނެވެ. އިދިކޮޅު ބައެއް މެމްބަރުން ހައްޔަރުކުރަމުން ދިޔުމަކީ އެ ކަމުގެ އެންމެ ބޮޑު ހެކި ކަމަށް އެ މެމްބަރުން ގަބޫލުކުރައްވަ އެވެ.
އެކަމަކު ވެރިކަން ކުރާ ޕީޕީއެމުން އެކަން ދޮގުކުރެ އެވެ. ޕީޕީއެމުން ބުނެފައި ވަނީ ޖަލްސާތައް ނުފެށި ލަސްވީ ބަޔަކު ގެންނަން އުޅުނު "ބަޣާވާތްފުޅު"ގެ ސަބަބުން ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތު ނިމުމާ އެކު ޖަލްސާތައް ފަށާނެ ކަމަށެވެ.
ޖަލްސާތައް ނުބާއްވައި، ދިގުލައިގެންދާ ސަބަބު ހޯދަން އިދިކޮޅު މެމްބަރުން މިދިޔަ ހަފްތާގައި މަޖިލީހަށް ވަޑައިގަތުމަށް މަސައްކަތް ކުރުމުން ސިފައިންނާއި ފުލުހުން ވަނީ އެކަމަށް ހުރަސް އަޅައިފަ އެވެ.
އިދިކޮޅު ކޯލިޝަންގެ މަޖިލީހުގެ ތިން މެމްބަރަކު މިވަގުތު ވެސް ތިއްބެވީ ބަންދުގަ އެވެ. އެއީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތި ދާއިރާގެ މެމްބަރު އަހުމަދު އިލްހާމެވެ. އަދި އެކި ތުހުމަތުތަކުގައި މަޖިލީހުގެ އިދިކޮޅު އެހެން ބައެއް މެމްބަރުން ވެސް ފުލުސް އޮފީހަށް ހާޒިރުކުރަން ވަނީ ފަށައިފަ އެވެ.