އިދިކޮޅު އިއްތިހާދުގެ ޖަލްސާ އަށް ގޮވަމުން ދިޔަ ޕިކަޕެއް ހުއްޓުވަން ފުލުހުން އުޅުމުން އެކަމަށް ހުރަސް އެޅުމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަހުމަދު މަހުލޫފް ދާދި ދެންމެއަކު ހައްޔަރުކޮށްފި އެވެ.
އިދިކޮޅު އިއްތިހާދުގެ ޖަލްސާއެއް މިދިއަ ހުކުރު ވިލޭރޭ ބާއްވަން އުޅުމުން ސަރުކާރުން ވަނީ ކާނިވާ ސަރަހައްދު ނުދީފަ އެވެ. އެކަމަކު އިއްތިހާދުން ބުނި ގޮތުގައި އަންނަ ހުކުރު ވިލޭރޭ، ސަރުކާރުން ހުއްދަ ދިޔަން ނުދިނަސް ޖަލްސާ ބާއްވާނެ އެވެ.
ޖަލްސާ އޮންނާނެ ކަން އިއުލާންކުރަމުން ދުއްވި ޕިކަޕް ބާޒާރު މަތިން ހުއްޓުވާ، މަހުލޫފްގެ އިތުރުން ދެ އެހެން ދެ މީހަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.
"މަހުލޫފް ހައްޔަރުކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުއްވުމުން،" އޮފިޝަލް ވިދާޅުވި އެވެ.
ޕިކަޕް ހުއްޓުވުމުން މަހުލޫފް ވަނީ އެ ސަރަހައްދުގައި ހުންނަވައި ނޫސްވެރިންގެ ބައްދަލުވުމެއް ކުރިއަށް ގެންދަވަން މަސައްކަތް ކުރައްވައިފަ އެވެ.
އޭނާގެ އިތުރުން ދެން ހައްޔަރުކުރީ ޕިކަޕްގެ ޑްރައިވަރާ އާންމުންގެ މީހެކެވެ.
މިދިއަ ހުކުރު ވިލޭރޭ އެމްޑީޕީގެ ޖަލްސާއެއް ބާއްވަން ސަރުކާރުން ކާނިވާ ސަރަހައްދު ދޫކުރި އެވެ. އެކަމަކު އެ ތަނުގައި ޖަލްސާ ބާއްވަނީ އިދިކޮޅު އިއްތިހާދުން ކަމަށް ބުނެ، އިއުލާންކުރުމުން ހައުސިން މިނިސްޓްރީން ވަނީ އެ ހުއްދަ އަނބުރާ ގެންގޮސްފަ އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި އިދިކޮޅު އިއްތިހާދު ކިޔާ ބަޔަކަށް އެއްވެސް ތަނެއް ދޫކޮށްފައެއް ނުވާނެ އެވެ. އަދި ޖަލްސާ ބާއްވަން އެމްޑީޕީ އަށް ދިން ހުއްދަ އަނބުރާ ގެންދިޔައީ ގާނޫނާއި ގަވާއިދާ ހިލާފު ކަންކަން ކުރަން އުޅޭތީ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
ހުއްދަ ނުދިން ނަމަވެސް އެރޭގެ ޖަލްސާ ބާއްވަން ކާނިވާ ސަރަހައްދުގައި ގޮނޑި ވެސް އެތުރި އެވެ. އެކަމަކު ވިއްސާރަވުމުގެ ސަބަބުން ޖަލްސާ ފަސްކުރީކަން، އިއްތިހާދުގެ އޮފިޝަލުން ފަހުން އިއުލާންކުރި އެވެ.