ރައީސް ޔާމީން ހޯރަފުށީ ރައްޔިތުންނާ ސަލާމް ކުރައްވަނީ. އައިހެވަން މަޝްރޫއަކީ ހިޔާލީ ވާހަކަފުޅެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި.- ފޮޓޯ: ރައީސް އޮފީސް
23 މެއި 2016 - 22:19
ރާއްޖޭގެ ޗާޓު ބަދަލުވާ ފަދަ މަޝްރޫއުތަކެއް ހިންގަމުން އަންނަ ކަމަށާއި އައިހެވަން މަޝްރޫއު ހަގީގަތަކަށް ހެދުމަށް މި އަހަރު ބިން ހިއްކަން ފަށާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ހޯރަފުށީގެ ނަރުދަމާ ނިޒާމު އިފްތިތާހު ކުރުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ބައިނަލްއަގުވާމީ ސީޕޯޓެއް ރާއްޖޭގައި އޮންނަން ބޭނުންވާ ކަމަށެވެ. މާލޭގެ ސީޕޯޓު ބޮޑު ކުރެވެން ނެތް އިރު ބައިނަލްއަގުވާމީ ޕޯޓުން ވިޔަފާރީގެ ނަފާ ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ހޯރަފުއްޓަށް ވަޑައިގެން ބައެއް ބޭފުޅުންނާ ސަލާމް ކުރައްވަނީ. ރާއްޖޭގެ ތަރައްގީގެ ޗާޓުގެ މަލަމަތި ބަދަލުވަމުންދާ ކަމަށް ރައީސް ވިދާޅުވި.- ފޮޓޯ: ރައީސް އޮފީސް
އައިހެވަން މަޝްރޫއަށާއި ފ. އަތޮޅުގައި ބޮޑު މަޝްރޫއެއް ހިންގަން ބޭރުގެ އެކި ސަރުކާރުތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް ފ. އަތޮޅުގައި ހިންގަން ޝައުގުވެރިކަން ފާޅުކޮށްފައި އޮތީ ކޮން މަޝްރޫއެއް ކަމެއް ރައީސް ވިދާޅެއް ނުވެ އެވެ.
ރައީސް ވިދާޅުވި ގޮތުގައި އައިހެވަން މަޝްރޫއުގެ އަޑު ނީވެނީ އެ މަސައްކަތް ކުރުން ހުއްޓާލާފައި އޮވެގެނެއް ނޫނެވެ. އެ މަސައްކަތުގެ ބިން ހިއްކުން ލަސްވެގެން އުޅެނީ ބިން ހިއްކުމަށް ބޭރުގެ ފަރާތަކަށް ނުދީ އެމްޓީސީސީ އަށް އެ ގާބިލްކަން ހޯދައިދީގެން އެކަން ކުރުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ރާއްޖޭގެ ތަރައްގީގެ ޗާޓުގެ މަލަމަތި ދަނީ ބަދަލުވަމުން. މި ކަހަލަ ބޮޑެތި މަޝްރޫއުތަކެއް އެއް ފަހަރާ ހިންގުމަކީ އެއްވެސް ބަޔަކަށް ފަސޭހަކަމެއް ނޫން. އެއްވެސް ބަޔަކަށް ކުރެވޭނެ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ހަރަދުތައް ކުޑަކުރުމަށް ދިވެހި ކުންފުނިތައް މެދުވެރިކޮށް ބިން ހިއްކުމުގެ މަޝްރޫއުތައް ކުރި އަށް ގެންދަން ޖެހޭ ކަމަށެވެ. އަދި ދިވެހި ކުންފުންޏަށް ލިބޭ ކޮންމެ މަޝްރޫއަކީ އިތުރު ވަޒީފާގެ ފުރުސަތުތަކާއި ކުންފުންޏަށް ލިބޭ މާލީ ކުރިއެރުމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޔާމީން ހޯރަފުށީގެ ރައްޔިތުންނާ ސަލާމް ކުރައްވަނީ. މި އަހަރު ނިމުމުގެ ކުރިން އައިހެވަން މަޝްރޫއަށް ބިން ހިއްކާނެ ކަމަށް ވިދާޅުވި. - ފޮޓޯ: ރައީސް އޮފީސް
ރާއްޖެއަކީ ރަށްތައް ނުވަތަ ބިން ބޮޑުކޮށްގެން ތަރައްގީ ގެނެވިދާނެ ގައުމެއް ކަމަށާއި ބިން ބޮޑުކުރުމަކީ ކުރިމަގުގައި ރާއްޖޭގެ އިގްތިސާދަށް އިތުރު ކުރެވޭނެ އެންމެ ބޮޑު ރައުސްމާލު ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"އައިހެވަންގެ ވާހަކަ ނުދައްކަނީ ހިޔާލީފޮލާ އަށް ވީމައެއް ނޫނޭ. އެކަމަކީ އަޅުގަނޑުގެ ހުވަފަނަކަށް ވެފައި އޮތް ކަމަކަށް ވީމައެއް ނޫނޭ. އެކަމަށް ތަރުތީބު ކުރަން ޖެހޭ ކަން ވީމަ އެކަންކަން ކުރެވެން މި އޮންނަނީ" --ރައީސް
ރައީސްގެ ވާހަކަފުޅުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ހޯރަފުއްޓާއި ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދޫގައި އެއާޕޯޓެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. ހޯރަފުށީގައި މިއަދު ވަނީ ކަނޑުތޮށި ހިމާޔަތް ކުރުމުގެ މަޝްރޫއު ވެސް ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy