ބަޣާވާތުން ވެރިކަން ވައްޓާލަން އުޅޭ ބަޔަކަށް ޑިމޮކްރަސީގައި ޖާގައެއް ނޯންނާނެ: ރައީސް

ބަޣާވާތްކޮށްގެން ވެރިކަން ވައްޓާލަން މަސައްކަތްކުރާ ބަޔަކަށް ޑިމޮކްރަސީގެ ހަމަތަކަށް އަމަލުކުރާ އެއްވެސް މުޖުތަމައެއްގައި ޖާގައެއް ނޯންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.


އެމަނިކުފާނު މިހެން ވިދާޅުވީ ތުރުކީ ސަރުކާރު ވައްޓާލަން ސިފައިން ނުކުމެ ކުރި ބަޣާވާތް ނާކާމިޔާބުވުމާ ގުޅިގެން އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން އަށް ތަހުނިޔާ ވިދާޅުވެ ފޮނުއްވި މެސެޖެއްގަ އެވެ.

އެ މެސެޖުގައި ރައީސް ވިދާޅުވީ ތުރުކީގައި ބަޣާވާތެއް ހިންގަން އުޅުނު ކަމުގެ އަޑު އެއްސެވީ ކުއްލި ހައިރާންކަމާއި ނުހަނު ކަންބޮޑުވުމާ އެކުގައި ކަމަށެވެ. ޑިމޮކްރަސީގެ ހަމަތައް ގެއްލުވާލަން ކުރާ ހުރިހާ މަސައްކަތާއި ބަޣާވާތުގެ އަމަލުތަކަކީ ރާއްޖެ އިން އެންމެ ހަރުކަށިކޮށް ކުށްވެރިކުރާ ކަމެއް ކަމުގައި ރައީސް ވިދާޅުވި އެވެ.

ތުރުކީ އަށް ކުރިމަތިވި ކަންކަމާ ގުޅިގެން ރާއްޖެ އިން ތުރުކީ ސަރުކާރާ އެކު ސާބިތުކަމާ އެކު ދެމިތިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ތުރުކީގެ ރައީސް އުރުދުޣާން 2003 ވަނަ އަހަރު މަގާމަށް ހޮވިވަޑައިގަތުމަކީ، ރައީސް ޔާމީން ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ސަބަބުން އެތައް މިލިއަން ބަޔަކަށް، ތަރައްގީ އާއި މެދުމިނުގެ ސިޔާސަތަށް ތާއީދުކޮށް، ޑިމޮކްރަސީގެ އުސޫލްތަކާއި ހަމަތައް ހިފަހައްޓައި އިންސާފުގެ މަގުގައި ދެމިތިބެން ލިބުނު އިތުރު ހިތްވަރެކެވެ.

ވެރިކަމާ ހަވާލުވެވަޑައިގެން އުރުދުޣާން ރާއްޖެ ވަޑައިގަތް ތާރީހީ ދަތުރުފުޅުގެ މަތިން ދިވެހިން ހަނދާން ހުންނަ ކަމަށާއި އެ ދަތުރުފުޅުގެ ސަބަބުން ރާއްޖެ އާއި ތުރުކީއާ ދެމެދުގައިވާ ޒަމާންވީ ހާރިޖީ ގުޅުން އިތުރަށް ވަރުގަދަވެފައިވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. ރައީސްގެ މެސެޖް ނިންމާލެއްވީ، ތުރުކީގެ ރައްޔިތުންނަށް އުފާވެރި ފާގަތި މުސްތަގުބަލަކަށް އެދިވަޑައިގަންނަވަމުންނެވެ.