ހދ. އަތޮޅުގެ ފުރަތަމަ ރިސޯޓް، ހޮނޑާފުށި ހުޅުވައިފި

ހދ. އަތޮޅުގައި ތަރައްގީކުރި ފުރަތަމަ ރިސޯޓް، ހޮނޑާފުށި އައިލެންޑް ރިސޯޓް މިއަދު ހުޅުވައިފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ހަމްޒާގެ އާއިލާގެ ވިޔަފާރި ކުންފުނި ތްރީއޭ އިން ތަރައްގީކުރި ރިސޯޓް ހުޅުވީ 80 ކޮޓަރިއާ އެކު އެވެ. މާލެއިން އުތުރުގައި އޮތް އެންމެ ހިތްގައިމު އެއް ރަށުގެ ގޮތުގައި ފާހަގަކުރެވޭ ހޮނޑާފުށީގައި ޖުމްލަ 400 ކޮޓަރި ހަދާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ހޮނޑާފުއްޓަށް މިއަދު އައި ފަތުރުވެރިޔަކަށް އެއާޕޯޓުން މަރުހަބާ ކިޔަނީ.

"އޮޕަރޭޝަންތައް 80 ކޮޓަރިއާ އެކު ފެށި ނަމަވެސް އެއްކޮށް މަސަައްކަތް ނިމުމުން ޖުމްލަ 400 ވަރަކަށް ކޮޓަރި ހުންނާނެ. ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ހުރިހާ ރޫމެއް އެއްކޮށް ނިންމާލެވޭނެ،" އެ ރިސޯޓުގެ އެއް ހިއްސާދާރު، މޫސަ ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދު އޮތީ ސޮފްޓް އޯޕަނިންއެއް ކަމަށެވެ. އަދި ރަސްމީކޮށް ހުޅުވާނީ ހަ މަސް ވަރު ފަހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހޮނޑާފުށި ރިސޯޓް: އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރަން މިއަދު ފުރަތަމަ ޒިޔާރަތްކުރީ 18 ގެސްޓުން

ހުސް ބީޗް ވިލާސް ހުންނަ ރިސޯޓަށް މިއަދު ފުރަތަމަ ދިޔައީ، ނުވަ ކޮޓަރި އަށް 18 ގެސްޓުންނެވެ.

މޫސަ ވިދާޅުވީ މާދަމާ އިން ފެށިގެން ކޮންމެ ދުވަހަކު ވެސް އިތުރު ގެސްޓުން އަންނަމުން ދާނެ ކަމަށެވެ.

ހޮނޑާފުށީގެ ރޫމެއް، މި ރިސޯޓުގައި ހުންނާނީ ހުސް ބީޗް ވިލާސް.

"މިއީ 56 ހެކްޓަރުގެ ބޮޑު ރަށެއް. މިވަރުގެ ރިސޯޓްތައް ރާއްޖޭގައި ވަރަށް މަދުވާނެ،" މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ކުންފުންޏަކަށް ވާތީ އެ ވަރުގެ ބޮޑު ރަށެއް އެއްކޮށް ނިންމައިގެން ހުޅުވަން ދަތިތަކެއް ހުންނާނެ އެވެ.

"އަޅުގަނޑުމެން ފޭސްތަކަކަށް ބަހާލީ. ރޫމްތައް މަދު ނަމަވެސް، މިހާރު ވެސް ގެސްޓުންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް ލިބޭނެ،" މޫސަ ވިދާޅުވި އެވެ.

ހޮނޑާފުށި ރިސޯޓް ހުޅުވީ 80 ކޮޓަރިއާ އެކު، ކުރިއަށް އޮތް އަހަރުތަކުގައި 400 ރޫމަށް އިތުރުކުރާނެ.

ހޮނޑާފުށި މި ހުޅުވީ އެރަށް ތްރީއޭ އަށް ލިބުނުތާ 12 ވަރަކަށް އަހަރު ފަހުންނެވެ. ހދ. އަތޮޅުގައި އެއްވެސް ރިސޯޓެއް ނެތުމުން އެ އަތޮޅުގެ މީހުން ޝަކުވާކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެ އެވެ. މިއީ އެ ޝަކުވާއަށް މިވަގުތު އައި ހައްލެއް ކަމަށް ބެލެވެ އެވެ.

ހޮނޑާފުށީގެ އިތުރުން ހދ. އަތޮޅުގައި ރިސޯޓް ތަރައްގީ ކުރުމަށް ދޫކޮށްފައިވަނީ އެ އަތޮޅުގެ ނާގޯށި އެވެ. މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ނާގޯށި ތަރައްގީ ކުރަން ހަވާލުކޮށް، އެކަން ނުވެ ދިގުލައިގެން ދިއުމުން ސަރުކާރުން މިހާރު ވަނީ އެ ރަށް އަމިއްލަ އިންވެސްޓަރަަކާ ހަވާާލު ކުރަން ނިންމާފަ އެވެ.