ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަން ސާބިތުވެ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކުރި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވަގުުތުން މިނިވަންކުރަން އިދިކޮޅު އިއްތިހާދުން މިރޭ ގޮވާލައިފި އެވެ.
އިދިކޮޅު ފަރާތްތައް ގުޅިގެން އުފައްދާފައިވާ ކޯލިޝަންގެ ތަރުޖަމާނު ކަން ވެސް ކުރައްވާ މަހްލޫފްގެ މައްޗަށް އެ ހުކުމް އައީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އޭނާ ފުލުހުންގެ ބަންދުގައި ހުރިއިރު ފުލުހުންގެ ވެހިކަލަށް އަރަން ދެކޮޅު ހަދައި، ފިލަން މަސައްކަތް ކޮށްގެންނެވެ.
އެ ހުކުމް އަޔަސް މަހުލޫފުގެ މެމްބަރުކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ.
އިއްތިހާދުން ނެރުނު ބަޔާނެއްގައި ބުނީ މަހުލޫފަށް ކުރި ހުކުމަކީ އިޖުރާއަތްތަކާއި ހިލާފަށް ބޭއިންސާފުން ކުރި ހުކުމެއް ކަމަށެވެ. އަދި އެއީ ސަރުކާރުން ސިޔާސީ ކަންތައްތަކުގައި ޝަރުއީ ނިޒާމު ބޭނުންކުރާ ކަމުގެ ހެއްކެއް ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
"ސިޔާސީ ވާދަވެރިންނާ ދެކޮޅަށް ސަރުކާރުން އަނިޔާ އާއި ބޭއިންސާފު އަދި އަބުރު ގެއްލުވާލުމުގެ ހަރާމް ބޭނުންތަކުގައި ސިލްސިލާ ގޮތެއްގައި ހިންގާ ޖަރީމާތަކުގެ ފަހުގެ އަމަލެއްގެ ގޮތުގައި އަހުމަދު މަހުލޫފުގެ މައްޗަށް ކުރި ހުކުމް ވެގެން ދެ އެވެ،" ބަޔާނުގައި ބުންޏެވެ.
އެ ބަޔާން ނިންމާލާފައިވަނީ އަންނަ ސެޕްޓެމްބަރު މަހު ކޮމަންވެލްތް މިނިސްޓްރިއަލް އެކްޝަން ގްރޫޕް (ސީމެގް) އިން ރާއްޖެ އަލުން ވަޒަން ކުރާއިރު، ފާހަގަކޮށްފައި ހުރި މައްސަލަތަކަށް ފިޔަވަޅު އަޅައިދޭން އިލްތިމާސްކުރަމުންނެވެ.
ފުލުހުންނަށް ހުރަސް އެޅިކަމުގެ އިތުރު ދައުވާއެއް ވެސް މަހްލޫފްގެ މައްޗަށް ކުރެއެވެ. އެ މައްސަލައިގެ އެންމެ ފަހު އަޑުއެހުން މާދަމާ ބާއްވާނެ އެވެ.