ހިޔާ މަޝްރޫއުން ފުލުހުންނަށް 300 ފްލެޓް ދޭން ނިންމައިފި

ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ "ހިޔާ" މަޝްރޫއުގެ ދަށުގެ ފުލުހުންނަށް 300 ފްލެޓް ދޭން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު އިއްޔެ ވިދާޅުވެއްޖެ އެެވެ.


ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި، ފުލުހުންގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި އަޒްލީން ވަނީ ހިޔާ މަޝްރޫއުން ފުލުހުންނަށް ފްލެޓް ދޭނެ ނިންމާފައިވާ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަޒްލީން ވަނީ ފުލުހުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި އެތަނުގެ ތަރައްގީއަށާއި ފުލުހުންގެ ވެލްފެއާ ކަންކަން މިހާރަށް ވުރެ ހަރުދަނާކޮށް ތަރައްގީކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި ކަމަށް ވެބްސައިޓުގައި ވެ އެވެ.

ހޯމް މިނިސްޓަރު އަޒްލީން (މ) ފުލުހުންގެ އިސްވެރިންނާއެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ.- ފޮޓޯ: ޕޮލިސް

އެ މަޝްރޫއުގެ ދަށުން ފުލުހުންނަށް 300 ފްލެޓު ދޭން ނިންމިއިރު، މި ފަހުން ހިނގައިދިޔަ ސިޔާސީ ހަލަބޮލިިކަމަށް ފަހު ފުލުހުންގެ އެލެވަންސް ވެސް ބޮޑުކޮށްފައި ވެ އެވެ.

އަޒްލީނާއެކު އެ ބައްދަލުވުމުގައި އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ގިނަ ކޮމިޝަންޑް އޮފިސަރުން ބައިވެރިވެވަޑައިގެންނެވި އެވެ.