ނެޓްވޯކްގެ މައްސަލަ ހައްލުކޮށް ކަސްޓަމްގެ ހިދުމަތްތައް އަލުން ފަށައިފި

ކަސްޓަމްގެ ނެޓްވޯކް ސާވާ އަށް ދިމާވި މައްސަލައަކާ ގުޅިގެން ހިދުމަތްތައް މެދުކެނޑިފައި އޮތުމަށް ފަހު، އެ މައްސަލަ ހައްލުކޮށް ކަސްޓަމްސްގެ އޮންލައިން ހިދުމަތްތައް އަލުން ދޭން ފަށައިފި އެވެ.


މިދިޔަ އާދިއްތަ ދުވަހުގެ ހަވީރުން ފެށިގެން ކަސްޓަމްސްގެ އޮންލައިން ހިދުމަތް މެދުކެނޑުމާ ގުޅިގެން ކަސްޓަމުން މުދާ ދޫކުރުމަށް އެދޭ ޑިކްލަރޭޝަން ފޯމް ހުށަހެޅުމާއި އޭގެ ސްޓޭޓަސް ބެލުމުގެ ހިދުމަތް ދެމުން އައީ މެނުއަލްކޮށެވެ.

މުދާ އެތެރެކުރާ ފަރާތްތަކަށް ދޭ ހިދުމަތުގެ އިތުރުން ސާވާ މެދުވެރިކޮށް ކުރަމުން އައި ކަސްޓަމްސްގެ އިދާރީ މަސައްކަތްތައް ވެސް ހުއްޓުނެވެ.

ކަސްޓަމްސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރެއިން ފެށިގެން އެ މައްސަލަ ހައްލުކޮށް ކުރިއެކޭ އެއްގޮތަށް އޮންލައިންކޮށް ހިދުމަތްތައް ދޭން ފަށާފައިވާ ކަމަށެވެ.

"ކުރިއެކޭ އެއްގޮތަށް މިހާރު ހިދުމަތް ލިބޭނެ. ދައްޗެއް ނޫޅޭނެ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.