ވިޔަފާރި / މާލެ

ރޭޓަށް ބަދަލެއް ނުގެންނަން، ދަތުރުތަކުގެ އަގު ހުންނާނީ އެއްވަރެއްގައި: ބައެއް ޑްރައިވަރުން

މިއަދު އެމްޕީއެލް ސަރަހައްދުގައި ލޮރީތައް ޕާކް ކޮށްފައި.-- ފޮޓޯ: މިހާރު/ނިޝާން އަލީ

މާލެތެރޭގައި ދުވާލު ގަޑީގައި މުދާ އުފުލުން މަނާ ކުރި ނަމަ ވެސް، ޕިކަޕް އަދި ލޮރީ ދަތުރުތަކުގެ އަގަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށް ބައެއް ޑްރައިވަރުން މިއަދު ބުނެފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ އާ އުސޫލަށް މިއަދު އަމަލު ކުރަން ފެށުމުން މާލެތެރޭގައި ވެހިކަލްތަކުގައި މުދާ އުފުލޭނީ އިރުއޮއްސި 6:00 އިން ފަތިހު 6:00 އަށެވެ. ނަމަވެސް ހެނދުނު 8:30 އިން ފެށިގެން 11:00 އަށް އަދި ހަވީރު 6:00 އިން ހެނދުނު 6:00 އާ ދެމެދުގައި ކައްކާ ގޭސް ވެހިކަލްގައި އުފުލޭނެ އެވެ.

"މިހާރު" އާ ވާހަކަ ދެއްކި ބައެއް ޑްރައިވަރުން ބުނީ މާލެތެރޭގައި ޕިކަޕާއި ލޮރީގައި މުދާ އުފުލާ ގަޑި އަށް ބަދަލު ގެނައި ނަމަވެސް އެ ވެހިކަލްތަކުން އަގު ނަގާ އުސޫލު އަދިވެސް އޮތީ ކުރިއެކޭ އެއްގޮތަށް ކަމަށެވެ.

އެއީ ހެނދުނުން ފެށިގެން ރޭގަނޑު 11:00 އާ ހަމައަށް، ޕިކަޕެއް ނަމަ 360ރ. އަދި ލޮރީ ދަތުރެއް 420ރ. އަށެވެ. ރޭގަނޑު 11:00 ގެ ފަހުން ހެނދުނާ ޖެހެންދެން އަގުތައް އުޅެނީ ޕިކަޕެއް ނަމަ 480ރ. އަށް އަދި ލޮރީ ދަތުރެއް 600ރ. އަށެވެ.

"ރޭޓު ބޮޑެއް ނުކުރަން. އެކަމަކު މީގައި އެބަހުރި ބައެއް ކަންކަން ރަނގަޅު ކުރަން. މިސާލަކަށް ހުރިހާ އެއްޗެއް އެއްފަހަރާ މުދާ ނެރޭ ކިއޫގައި މި ޖައްސަން ޖެހެނީ. އެހެންވެއްޖިއްޔާ ގިނަ ވަގުތު ނަގާނެ. އެގޮތުން އަގު ބޮޑުވެދާނެ ގަޑި އަށް ބަލާއިރު،" އެމްޕީއެލް ސަރަހައްދުގައި ހަރަކާތްތެރިވާ ލޮރީ ޑްރައިވަރަކު ބުންޏެވެ.

އެހެން ޑްރައިވަރަކު ބުނީ "މި ގަވާއިދަކީ ބޮޑު ތަކުލީފެއް" ކަމަށެވެ. ނަަމަވެސް، ގަވާއިދަށް އަމަލު ކުރަން ޖެހޭތީ، އެ ގަޑިތަކުގައި މަސައްކަތް ކުރުން ނޫން ގޮތެއް ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން ބޭނުން އާންމުންނަށް އެނގެން އަޅުގަނޑުމެން އަގު ބޮޑު ނުކުރާކަން. މުދަލުގެ އަގަށް ބަދަލު އަންނަނީ އަޅުގަނޑުމެން އަގު ބޮޑުކޮށްގެން ނޫން. އެކަން ސާފުވާން ޖެހޭ،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި އެހެން ޑްރައިވަރަކު ބުންޏެވެ.

އޭނާ ބުނީ، އެ މީހުންނަކީ މުދާ އުފުލުމުގައި އުޅޭއިރު "ތިން ވަނަ" ފަރާތް ކަމަށެވެ. އެގޮތުން ކަސްޓަމްސް އިން މުދާ ދޫކުރުމުން، މަޖޫރީން މުދާ ނެރުމުގެ މަސައްކަތް ނުކުރާނަމަ އެމްޕީއެލް އިން މުދާ ނެރުމުގައި އުޅޭ ވެހިކަލް ތަކަށް ދަތުރު ނުލިބޭނެކަން އޭނާ ފާހަގަ ކުރި އެވެ.

"މިއަދު މަޖޫރީން މަސައްކަތް ނުކުރާތީ މިއީ އަޅުގަނޑުމެންނަށް ލާރި ނުލިބޭނެ ދުވަހެއް. އެ މީހުން މަސައްކަތް ކުރަންޏާ އަޅުގަނޑުމެން މަސައްކަތް ކުރާނަން،" އެހެން ޑްރައިވަރަކު ބުންޏެވެ.

ކަސްޓަމްސް ކްލިއަރެންސިން ގައި ހަރަކާތްތެރިވާ، ބައެއް ލޮޖިސްޓިކް ކުންފުނިތަކުގެ މަސައްކަތްތައް ވެސް މިއަދު ވަނީ ހުއްޓިފަ އެވެ.

"މިހާރު" އާ ވާހަކަ ދެއްކި ބައެއް ކުންފުނިތަކުގެ ބޭފުޅުން ވިދާޅުވީ، އާ ގަވާއިދާ ގުޅިގެން އެ ކުންފުނިތައް ހިންގުމަށް ވަރަށް ބޮޑު ބުރޫއެއް އަރަމުންދާ ކަމަށެވެ.

"ހަމައެކަަނި ކަސްޓަމްސް ކޮޅުން ނިންމަން ޖެހޭ ކަންކަން ނިންމާލާފަ މި ތިބީ. މަޖޫރީން މަސައްކަތެއް ނުކުރޭ މިއަދު. ކުރިއަށް އޮތް ދެތިން ދުވަހު ވެސް ކުރާނެހެން ހިއެއް ވެސް ނުވޭ. އެ މީހުން މަސައްކަތް ނުކުރަންޏާ އަޅުގަނޑުމެން މުދާ ނުނެރި ތިބެން ޖެހޭނީ،" ލޮޖިސްޓިކް ކުންފުންޏެއްގެ އޮފިޝަލަކު، ކަންބޮޑުވުން ހިއްސާ ކުރަމުން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރޭގަނޑު 11:00 ގެ ފަހުން ޕިކަޕާއި ލޮރީގެ އަގު ބޮޑުވާއިރު، އާންމު އަގުގައި މަސައްކަތް ކުރަން ލިބޭ ވަގުތު ކުޑަވުމަކީ ވެސް ބޮޑު ކަންބޮޑުވުމެކެވެ. އަދި ޜޭގަނޑު ހޭލާ ތިބެގެން މަސައްކަތް ކުރަން ޖެހުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު" އާ ވާހަކަ ދެއްކި ގިނަ ޑްރައިވަރުން ބުނީ ދަތުރުގެ އަގަށް ބަދަލު ނުގެނައި ނަމަ ވެސް، ގަވާއިދާ ގުޅިގެން ބޮޑެތި އުދަނގޫތައް ދިމާވާނެ ކަމަށެވެ. އެގޮތުން ދިވެހިންނަކީ އާންމުކޮށް ދަންވަރު މަސައްކަތް ކުރުމުގެ އާދަ ނެތް ބަޔަކަށް ވާއިރު، ކުއްލިއަކަށް މިފަދަ ބަދަލެއް ގެނައުމުން ވިޔަފާރިވެރިންގެ އިތުރުން މަސައްކަތްތެރިން ވެސް އެކަމަށް ތައްޔާރު ނޫން ކަމަށް އެ މީހުން ބުނެ އެވެ.

ނަމަވެސް އާ ބަދަލާ އެކު، މާލޭގެ ޓްރެފިކަށް ވަރަށް ބޮޑު ލުޔެއް ލިބި، މަގުތަކުގެ ކާރޫބާރޫ ކުޑަކަން ފާހަގަކުރެވެ އެވެ.

5 ކޮމެންޓް, 35 ރިއެކްޝަންސް

icon happy icon happy 34%
icon sad icon sad 9%
icon angry icon angry 57%
icon wow icon wow 0%
icon inlove icon inlove 0%

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފޫޅު ދިގު ހަންޑި

02 April 2018

އަހަރެން ރޭގަ އެރި ޕިކަޕް ޑްރައިވަރު ނެގީ 70ރ. އެއީ 10.25 ގަ!

ޢަންނި

01 April 2018

އަދި ނުކުރަނީ، މާގިނަ ދުވަހެއް ނުވާނެ، ތީގަ އޮތް ޙައްލަކީ ސްކޫލްތައް އެއް ދަންފަޅިއަށް ބަދަލުކުރުން. އެއިރުން 2 ގެ ފަހުން މުދާ އުފުލާ ކަންތައް ކުރެވޭނެ. ގޮތް ދޫކުރަން އެބަޖެހޭ އެމް.ޑީ.ޕީ ސަރުކާރުގަ 1 ދަންފަޅިއަށް ސްކޫލްތައް ބަދަލު ކުރަން ނިންމީ ވަރަށް ވިސްނާފަ. މިދުވަސް އަންނާނެކަން އިނގޭތީ.

ޙަސަން އަޙްމަދު

01 April 2018

ކަސްޓަމް ސަރަހައްދު އުޅޭ ލޮރީތަކަށް ޓްރާންސްޕޯރޓުން ކަނޑައަޅާފައިވާ މިންގަޑާއި ޚިލާފަށް އަގު ކަނޑައެޅޭތައް؟ ކޮންމެވެސް މީހަކު މިވާހަކަވެސް ލިޔެބަލަ. ކަސްޓަމް ސަރަހައްދުގައި ލޮރީ ޑްރައިވަރުން އެމީހުން އަމިއްލަ ވެރިކަމެއް ކުރަނީ. އެސަރަހައްދަށް ޓްރާންސްޕޯރޓް އޮތޯރިޓީ ބާރު ނުހިގަނީތޯ

ކައްޕިތާން

01 April 2018

ޔޭސް ،ޓްރާންސްޕޯޓް ގަވާއިދު މި ތާކަށް ނުހިގާނެ، މިކަމާނޫޅޭ ހަސަނާ، މީމުޅިން ވަކި ކޮމިޔުނިޓީ އެއް ،

ވާލުސޮރު

01 April 2018

ރާއްޖޭގަ އެތައް ގައުމަކަށް ނިސްބަތްވާ މަސްހުނި ދަރިކޮޅެއް އުޅޭތީ ކަންކަމުގަ އެއްބައިވަންތަކަން ވަރަށް ކުޑަ. އެއާ ޚިލާފަށް ރާއްޖޭގަ އުޅޭ ބިދޭސީންގެ ކިބައިން އެކި ކަންކަމުގަ އެކުވެރިކަމާ އެއްބައިވަންތަކަން މާބޮޑަށްފެންނަމުންދޭ. ތިޔަ ކަމުގަވެސް ބައިބައިވުން މިހާރުވެސް ފެންނަން ފަށައިފި.

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454