ނިހާންގެ ފްލެޓްގެ މައްސަލާގައި އިންތި އާއި ރޮޒެއިނާގެ ވަރުގަދަ ރައްދެއް

ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާންގެ ދަރިފުޅަށް 4.7 މިލިއަން ރުފިޔާގެ ފްލެޓެއް ބައްލަވައިގަތީ މުސާރައިން ކަމަށް ވިދާޅުވުމުން މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.


ހުޅުމާލޭގައި މަތީ ފެންވަރުގައި ހަދާފައިވާ ޕްލެޓިނަމް ރެސިޑެންސް އިން ނިހާންގެ ފިރިހެން ދަރިކަލުން މުހައްމަދު އަލާން އަހުމަދަށް އެޕާޓްމަންޓް ބައްލަވައިގަތީ ހަލާލު ފައިސާ އިން ކަމަށް "މިހާރު"އަށް އޭނާ ވިދާޅުވުމުން، އެ ހަބަރާ އެކު އިންތި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލިހުގައި އޭނާ ހޭދަކުރައްވަމުން ގެންދަވަނީ ނިހާނާ އެކު ހަމަ އެއް މުއްދަތެއް ކަމަށެވެ. އަދި ލިބިވަޑައިގަންނަވަނީ އެއް މުސާރައެއް ކަމަށް ވެސް އިންތި ލިއުއްވި އެވެ.

އެހެންކަމުން "ތިވަރުގެ މުއްސަނދިކަމެއް ލިބުމުގައި ތި ޖަވާބު ކަމަކުނުދޭ،" ނިހާން ވިދާޅުވި ވާހަކަ އަށް ރައްދު ދެއްވަމުން އިންތި ލިއުއްވިއެވެ.

ނިހާނަށް ރޮޒައިނާ ފާޑު ވިދާޅުވީ އެހެން ބައެއް ކަންކަމާ ވެސް ގުޅުވައިގެންނެވެ. އެގޮތުން މަޖިލިހުގެ މުސާރައިން "ނުކައި ނުބޮއި" ނުވަ އަހަރު ވަންދެން ހަމައެކަނި އެއްކުރީތޯ ސުވާލުކުރެއްވި އެވެ. އޭގެ އިތުރުން ރޮލެކްސް ގަޑި އާއި ބީއެމްޑަބްލިޔޫ ކާރު ފަދަ އެއްޗެހި ވެސް ނިހާނަށް ހަދިޔާގެ ގޮތުގައި ދިނީތޯ ވެސް އެއްސެވި އެވެ.

"މާލޭގައި ކުއްޔަށް ހުރީ ވެސް ހަދިޔާ ބާ؟" ރޮޒައިނާ ސުވާލުކުރެއްވި އެވެ.

"އެހެން މީހުންނަށް މިހެން ނުވާންވީ ކީއްވެބާ؟"

އަލާންގެ ނަމުގައި ހުޅުމާލެ އިން އަގު ބޮޑު ފްލެޓެއް ނިހާން ބައްލަވައިގެންނެވި ކަން އެނގުނީ ސިވިލް ކޯޓުގައި، އެ ފްލެޓްގެ މުއާމަލާތާ ބެހޭ ކަމެއް ތާވަލް ކުރުމުންނެވެ. އެހެންވެ، އިދިކޮޅު ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ސުވާލުކުރަމުންނެވެ.

ނިހާން އިއްޔެ "މިހާރު" އަށް ވިދާޅުވީ އޭނާއަކީ ނުވަ އަހަރު ވަންދެން ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރެއްވި މެމްބަރެއް ކަމަށެވެ. އެހެންވެ، ކޮންމެ މަހަކު މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވާ 79،000ރ. ގެ ސަބަބުން މިހާތަނަށް 8.5 މިލިއަން ރުފިޔާ ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން ފްލެޓް ބައްލަވައިގަތީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ނަންނަގަވައިގެން ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

ނުވަ އަހަރު ތެރޭގައި 8.5 މިލިއަން ރުފިޔާ، މަޖިލިހުގެ މުސާރައިން އެކަނި އެއްވާނީ، އެއިން އެއްވެސް ހަރަދެއް ނުކުރައްވައި، ރައްކާކުރެއްވި ނަމަ އެވެ. ނިހާން އެއްވެސް ކަހަލަ ވިޔަފާރިއެއް ކުރައްވާ ކަމެއް އެނގިފައެއް ނުވެ އެވެ.