އީސީން ސިޔާސީ ޕާޓީތަކާ ބައްދަލުކުރަން އުޅޭ މަގުސަދެއް ސާފެއް ނުވޭ: އިދިކޮޅު ޕާޓީތައް

އިލެކްޝަން ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކާ ބައްދަލުކުރަން ބޭނުންވާ ކަމަށް ކަމަށް ބުނެ ދައުވަތު ފޮނުވި ނަމަވެސް، އެ ބައްދަލުވުންތަކުގެ ހަގީގީ މަގުސަދު ސާފުނުވާ ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.


އިީސީގެ ދައުވަތު އިދިކޮޅު ޕާޓީތަކުން ބޮއިކޮޓް ކޮށްފައިވާއިރު، އެ ޕާޓީތަކުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނީ ޕާޓީތަކާ ބައްދަލު ކުރަން ބޭނުންވާ ކަމަށް ބުނެ އީސީން ސިޓީ ފޮނުވީ ސިޔާސީ ޕާޓީތައް ރެގިއުލޭޓްކޮށް، މޮނީޓަ ކުރުމަށް މަޝްވަރާ ކުރަން ކަމަށް ބުނެ ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކާ ބައްދަލު ކުރުމަށް ބޭނުން ވަނީ ޕާޓީތައް ރެގިއުލޭޓްކޮށް މޮނިޓަ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކަމަށް އެ ކޮމިޝަނުން ފޮނުވާފައިވާ ސިޓީތަކުގައި ލިޔެފައިވީ ނަމަވެސް، އެ ކޮމިޝަނުގެ ބޭފުޅުން މީޑިއާގައި ދައްކަވާ ވާހަކަފުޅުތަކުގައި، އެ ބައްދަލުވުންތަކަކީ މި އަހަރު އޮންނަ ރިޔާސީ އިންތިޚާބުގެ ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުންތަކެއް ކަމަށް ވިދާޅުވަމުން ގެންދަވާތީ އެ ކޮމިޝަނުން ދައުވަތު ދެއްވާފައިވާ ބައްދަލުވުންތަކުގެ ހަގީގީ މަގުސަދު ސާފެއް ނުވެ އެވެ،" އިދިކޮޅު ފަރާތްތަކުގެ ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށް ބުނާ މައުލޫމާތު ޕާޓީތަކުން ހުށަހަޅާފައި ވަނިކޮށް، އެ ނޫން މައުލޫމާތު އީސީން ހޯދަން އުޅުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ.

"...ޕާޓީތަކުގެ މެންބަރުންނާ ގުޅޭ ހަމައެކަނި އެ ޕާޓީއެއްގެ ބޭނުމަށް އެއްކޮށްފައި ހުންނަ މުހިއްމު މައުލޫމާތު ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރާކަން ފާހަގަ ކުރަމެވެ،" ބަޔާނުގައި ވެ އެވެ.

"އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި، އެ ކޮމިޝަނުން އެފަދަ ކޮންފިޑެންޝަލް މައުލޫމާތު ޕާޓީތަކުން ހޯދުމުގެ ހީލަތްތެރި މަގުސަދަކީ، އެ މައުލޫމާތު ރައީސް އަބްދުﷲ ޔާމީނަށް ފޯރުކޮށްދީގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ޔާމީނަށް ކާމިޔާބުކޮށް ދިނުމަށް އެ ކޮމިޝަނުން ވާގިވެރިވެ ދިނުމެވެ."

އީސީގެ މެމްބަރުންތަކެއް ނޫސް ކޮންފަރެންސެއްގައި.

އިދިކޮޅު ފަރާތްތަކުން ފާހަގަ ކުރި ގޮތުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި، ޕާޓީތަކަށް ދައުލަތުން ދޭން ޖެހޭ ފައިސާ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ދޭން ޖެހޭނެ ކަމަށް ބުނެފައި އޮތަށް އެގޮތަކަށް ވެސް އީސީން އަމަލެއް ނުކުރެ އެވެ. އަދި އީސީ އަކީ ސިޔާސީ ޕާޓީތަކުގެ ބެލެނިވެރިން ކަމަށް ދައްކުވައިގެން އިދިކޮޅު ސިޔާސީ ޕާޓީތަކުގެ މައްޗަށް އެ ކޮމިޝަނުން ގާނޫނާ ޚިލާފަށް އެތައް ކަމެއް ކުރަމުން އަންނަ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކޮށްފައި ވެ އެވެ.

"ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ޢަމަލު ކުރުމަށާއި އަދި އެ ގާނޫނުން އިލެކްޝަންސް ކޮމިޝަނާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުގެ ބޭރުން ސިޔާސީ ޕާޓީތަކުން ނާޖާއިޒު ފައިދާ ނަގަން އިލެކްޝަންސް ކޮމިޝަނުން ކުރާ މަސައްކަތް ހުއްޓާލައި، ޕާޓީތަކަށް ގާނޫނުއަސާސީއާ ގާނޫނުން ލިބިދީފައިވާ ހއްގުތައް ބޭނުން ކުރުމުގައި އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކަށް ހުރަސް ނޭޅުމަށް ހަރު އަޑުން ގޮވާލަމެވެ." ބަޔާނުގައި ބުންޏެވެ.