ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަށް ފުލުހުންގެ ބޯ އެ މީހުންގެ ނުރުހުމުގައި ބޭލުވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ހުށަހަޅައިފި އެވެ.
އެ ފުލުހުންގެ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަހުފޫޒު ސައީދު ވިދާޅުވީ، ބަންދުގައި ހުންނަ މީހެއްގެ ނުރުހުމުގައި އެފަދަ ކަމެއް ކުރުމަކީ އެންޓި ޓޯޗާގެ ގާނޫނުން މަނާ ކަމެއް ކަމަށެވެ. އެހެންވެ އެކަން ބަލަން އެޗްއާރުސީއެމަށް ހުށަހަޅާފައިވާނެ ކަމަށް ވިދާޅުވި އެވެ.
މިދިޔަ ފެބްރުއަރީ އަދި މާޗު މަހުގެ ތެރޭގައި އެ ފުލުހުން ހައްޔަރުކުރުމަށް ފަހު ވަނީ ވަޒީފާއިން ވެސް ވަކިިކޮށްފަ އެވެ. އަދި އެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ނުވަ ދުވަސް އިތުރުކޮށްފަ އެވެ.
އެ މީހުން މިހާރު ތިބީ ކަރެކްޝަންސްގެ ބެލުމުގެ ދަށުން މާފުށީ ޖަލުގައި ހައްޔަރުކޮށްފަ އެވެ.
ވެރިކަން ވައްޓާލަން އުޅުމުގެ އިތުރުން ސަލާމަތީ ބާރުތަކާ ދެކޮޅަށް ނުކުމެ ޣައިރު ގާނޫނީ އެއްވުންތަކެއްގެ ތެރެއިން، އަމަން ބަލަހައްޓަން ތިބި ފުލުހުންނާ މެދު މާރާމާރީ ހިންގައި ސަލާމަތީބާރުތަކާ މެދު ރައްޔިތުންގެ އިތުބާރު ގެއްލުވާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތު ވެސް މި ފުލުހުންގެ މައްޗަށް ކުރެ އެވެ.
ފުލުހުންގެ އިތުރުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފު ވެސް ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފަ އެވެ. ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އަރީފް ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ.