ރާއްޖޭގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ދޭނެ ކަމަށް ބުނެ ތައިލެންޑުގެ އަންހެނުންތަކެއްގެ އަތުން ބަޔަކު ފައިސާތަކެއް އަތުލި މައްސަލައެއް އެ ގައުމުގެ ފުލުހުން ބަލަން ފަށައިފި އެވެ.
ތައިލެންޑުގެ "ދަ ނޭޝަން" ނޫހުން ބުނީ ދެ މީހަކު ވެގެން، 100 އަށް ވުރެ ގިނަ ތައިލެންޑު އަންހެނުންނަށް އޮޅުވާލައިގެން ފައިސާ އަތުލި ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އެކަމަކު ފައިސާ އަތުލި ކަމަށް ބުނާ ދެ މީހުންނަކީ ދިވެހިންނެއް ނޫނެވެ.
އޭގެ ތެރެއިން އެއް މައްސަލަ ފުލުހުންނަށް ހުށަހެޅީ ތައިލެންޑުގެ 49 އަންހެނަކު ގުޅިގެން ކަމަށް އެ "ދަ ނޭޝަން" ނޫހުގައި ވެ އެވެ.
ފައިސާ އަތުލި ކަމަށް އެ އަންހެނުން ތުހުމަތު ކުރަނީ ޕިސާމީ ޗަމްޕަކްވީން އަދި ޖިންޓަނާ ވޮންވީޗާ ނަމަކަށް ކިޔާ މީހަކަށެވެ. މި ދެ މީހުން، ފައިސާ އަތުލީ، ރާއްޖެ އިން މަސާޖް ކުރުމުގެ ވަޒީފާ ދޭނެ ކަމަށް ބުނެ ކަމަށް ނޫހުން ބުނެ އެވެ.
އެކަމަކު، ފައިސާ އަތުލި ދެ މީހުންނަކީ ކޮން ގައުމެއްގެ ބައެއް ކަމެއް ބުނެފައެއް ނެތެވެ.
ތައިލެންޑުގެ އަންހެނުންތަކެއްގެ އަތުން އެ ދެ މީހުން ފައިސާ ހޯދީ ވަޒީފާ ހޯދައި ދޭނެ ކަމަށް ބުނެ އޮންލައިން ގުރޫޕެއްގައި ދޮގު މައުލޫމާތު ޕޯސްޓްކޮށް، އެ މީހުންނާ މުއާމަލާތު ކޮށްގެން ކަމަށް ވެ އެވެ.
އެ އަންހެނުން ދަ ނޭޝަން އެ ނޫހަށް ކިޔައި ދިން ގޮތުގައި ކޮންމެ މީހެއްގެ އަތުން 30،000 ބާތު ޓްރާންސްފާ ކުރީ ޖިންޓަނާ ނަމަކަށް ކިޔާ މީހާ އަށެވެ.
އެކަމަކު، ރާއްޖެ ދިއުމަށް ޓިކެޓު ލިބިފައި ނުވާ ކަމަށް ވެސް އެ މީހުންނާ ހަވާލާދީ ނޫހުގައި ވެ އެވެ. ތައިލެންޑް ފުލުހުން އެ މައްސަލަ ބަލަނީ މަނީ ލޯންޑްރިން މައްސަލައެއްގެ ގޮތުގަ އެވެ.