ދަރިފުޅު ސަލާމަތުން އަދި ފެންނާނެ: މަންމަ

ވަރަށް ބޮޑު ވޭނެއް އުފުލަމުންދާ އާއިލާ އަކަށް އިއްޔެ މި ކުރިމަތިވީ އިތުރު ހިތްދަތި ކަމެކެވެ. ހިތަދޫގައި މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަ މަޔާމީން އަލީ ގެއްލިގެން ހޯދަމުން އަންނަ އިރު، މަޔާމީންގެ ބައްޕަ ދަނީ ކެންސަރާ ހަނގުރާމަ ކުރަމުންނެވެ. މަޔާމީންގެ ބައްޕަގެ ބަލިން އާއިލާ އަށް ބޮޑު ހިތާމައެއް ވެރިވެފައިވާ އިރު، ދަރިފުޅު ގެއްލުނު ވާހަކައާ އެކު އައިޝަތު އިބްރާހިމް ދީދީގެ ހިތް ދިޔައީ ކުދިކުދިވެގެންނެވެ.


މަޔާމީން އަކީ ހިތަދޫ ސްކޫލް ގްރޭޑް 9 ގައި ކިޔަވާ ކުއްޖެކެވެ. މިއީ އަށް ކުދިންގެ އާއިލާގައި އެންމެ ހަގު ކުއްޖާ ވެސް މެ އެވެ. އެހެންވެ، އެންމެންގެ ލޯބި ވެސް 14 އަހަރުގެ އެ އުންމީދީ ކުއްޖާ އަށް އަބަދުވެސް ދިޔައީ ލިބެމުންނެވެ.

އައިޝަތު އިބްރާހީމްދީދީ ރޭ ބުނި ގޮތުގައި ދަރިފުޅު މޫދަށް އެރި އުޅެނިކޮށް ގެއްލުނުކަން އެނގުނީ އާއިލާގެ އެހެން މީހެއްގެ ފަރާތުން އޮއްޔެ ހެނދުނު ގާތްގަނޑަކަށް 11:30 އެހާކަށްހާއިރު އެވެ.

އޭނާ ބުނި ގޮތުގައި ފުޓުބޯޅަ މުބާރާތަށް ޕްރެކްޓިސް ކުރާތީ މަޔާމީން ވަރަށް ހެނދުނު ހެނދުނާ ރައްޓެހި ދެ ކުއްޖަކާ އެކު ފުޓްބޯޅަ ޕްރެކްޓިހަށް ދިޔަ އެވެ. އޭގެ ފަހުން އޭނާ ގެއަށް އައިސް ސައިބޯން ހުރީ ކޯއްޗެއްތޯ އެހި އެވެ.

މަޔާމީން އާއި ފަހުމީ ގެއްލުނު ސަރަހައްދުގައި މިރޭ ބަޔަކު ހަރަކާތްތެރި ވަނީ.

"ގެއަށް އައި އިރު، އެހެން ދެ ކުއްޖެއްގެ ބޫޓް ވެސް ހިފައިގެން އައިސް ބަހައްޓާފައި ސައި ބޯން ހުރީ. [ކާން ހުރީ] ކޯއްޗެއްތޯ އެހީމަ ރޮށްޓާއި ރިހައޭ ބުނީމަ އެ ނުކެވޭނެއޭ ބުނެ ބިސްކޯދު ޕެކެޓެއް ގަންނަން ވެގެން އޭނާގެ ބައްޕަގެ އަތުން ދިހަ ރުފިޔާ ވެސް ހޯދައިގެން ދިޔަ ފަހުން ގެއަކަށް ނާދޭ،" އައިޝަތު ބުންޏެވެ. "އޭގެ ފަހުން މަޔާމީން މޫދަށް އެރިގެން އުޅެނިކޮށް ގެއްލިގެން އުޅޭ ކަމަށް ދައްތައެއްގެ ފަރާތުން އެނގުނީ."

އޭނާ ބުނި ގޮތުގައި މަޔާމީންއަކީ އާންމުކޮށް މޫދަށް ވެސް ގޮސް އުޅޭ ރަނގަޅަށް ފަތަން ވެސް ދަންނަ ކުއްޖެެވެ. އެކަމަކު އެ ކުދިން އިއްޔެ މޫދަށް އެރުނު ދިމާލުގައި ވަރަށް ބޮޑެތި ރާޅުތައް ނަގައި އެ ސަރަހައްދުގައި ވަރަށް އޮއި ވެސް ގަދަ އެވެ. އެއީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އާ ދިމާލެވެ.

މަޔާމީން އާ ރައްޓެހި އިތުރު ދެ ކުއްޖަކާ އެކު މޫދަށް އެރި އުޅެނިކޮށް ބިޔަ ރާޅެއްގައި އެ މީހުން އޮޔާ ބޭރަށް ދަމައިގަތް ނަމަވެސް، އޭގެ ތެރެއިން އެއް ކުއްޖަކު ވަނީ ސަލާމަތްކޮށްފަ އެވެ. ސަލާމަތްކޮށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަނީ ހިތަދޫ ބްލޫގޭ އަލީ ރާއިފުއަށެވެ.

މަޔާމީންއާ އެކު ގެއްލިގެން ހޯދާ އަނެއް ކުއްޖާއަކީ ހިތަދޫ ޗަނބޭލީގޭ އަލީ ފަހުމީ އެވެ. ތިން ކުދިންނަކީ ވެސް ހިތަދޫ ސްކޫލްގައި ކިޔަވާ ކުދިންނެވެ.

ގެއްލިގެން ހޯދާ ފަހުމީ.

މަޔާމީންގެ މަންމަ ބުނި ގޮތުގައި މަޔާމީން އާންމުކޮށް އެހާ ގިނައިން ބޭރަށް ވެސް ދާ ކުއްޖެއް ނޫނެވެ.

"މުބާރާތަކަށް ޕްރެޓިކްސް ކުރާތީ މިއަދު ވެސް ދިޔައީ. އެހެން ނޫނީ އޭނަ އޮންނާނީ ގޭގައި އަބަދު ފޯނާ ކުޅެން،" އައިޝަތު ބުންޏެވެ.

އޭނާ ބުނި ގޮތުގައި މަޔާމީންއަކީ ވަރަށް ބަލި ވެސް ކުއްޖެކެވެ. އެހެންވެ އޭނާ ކުޅެން ދާން ވެސް އެހާ ގަބޫލު ނޫން ކަމަށް ބުންޏެވެ.

"އޭނަ ވަރަށް ބޮޑަށް ނޭވާ ހިއްލާނެ. އެހެންވެ ހިތްހަމައެއް ވެސް ނުޖެހޭ ކުޅެން ފޮނުވާކަށް. އެކަމަކު އަބަދު ވެސް ވަރަށް ފުޓުބޯޅަ ކުޅޭ ހިތުން އުޅޭނީ،" އައިޝަތު ބުންޏެވެ.

މަޔާމީން ގެއްލުމަކީ އާއިލާ އަށް ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ. މުޅި އާއިލާ އޮތީ ފެންކަޅިވެފައި ކަމަށް އައިޝަތު ބުންޏެވެ.

ގެއްލުނު ކުދިން މޫދަށް އެރި އުޅުނު ސަރަހައްދަށް ބަޔަކު އެއްވެފައި.

"މަޔާމީންގެ ބައްޕައަކީ ކެންސަރު ބައްޔަށް ފަރުވާ ވެސް ހޯދާ މީހެއް. ނުވެސް ހިނގޭ ރަނގަޅަކަށް." އައިޝަތު ބުންޏެވެ. "އޭނަގެ ބައްޕަ މި ހާލުގައި އޮއްވައި އަނެއްކާ މިފަދަ ކަމެއް ދިމާވީމަ ވަރަށް ބޮޑު ހިތްދަތި ކަމެއް މި ލިބުނީ."

އައިޝަތު ބުނި ގޮތުގައި "ދަރިފުޅު ސަލާމަތުން އަދި ފެންނާނެ" އެވެ.

"އެއްގޮތަކަށް ވެސް އުންމީދު ކަނޑައެއް ނުލަން. އިރާދަކުރެއްވިއްޔާ މަޔާމީން އާއި އޭނާއާ ގެއްލުނު އަނެއް ކުއްޖާ ވެސް ފެންނާނެ." އޭނާ ބުންޏެވެ. "އެ ދުއާގައި އަހަރެމެން މުޅި އާއިލާ އޮތީ."

އެމްއެންޑީއެފާއި އާންމުން ވެސް އިއްޔެ އާއި ރޭ ވެސް ދިޔައީ ގެއްލުނު ކުދިން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެކަމަކު މިހާތަނަށް އަދި އެއްވެސް ނަތީޖާއެއް ނުނުކުމެ އެވެ.