ކާނިވާ ސަރަހައްދުން ފުލުހަކަށް ތޫނު އެއްޗަކުން ހަމަލާދީ ރޭ ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ދަންވަރު ހިންގި އެ މާރާމާރީގައި ފުލުސް މީހާގެ ކަނދުރާއަށާއި ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށެވެ.
އެ ފުލުސް މީހާ އަށް އައިޖީއެމްއެޗުން ފަރުވާދީ މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
ފުލުސް މީހާ އަށް ހަމަލާދީފައި ވަނީ އިމާރާތްކުރަމުން އަންނަ، ކިންގް ސަލްމާން މިސްކިތް ކައިރިންނެވެ. އެއީ ޑިއުޓީގައި އުޅުނު ފުލުހެއް ކަމެއް އަދި ހަމަލާދިނީ ގުރޫޕަކުން ކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ސާފެއް ނުވެ އެވެ.
އެ މައްސަލާގައި އަދި މީހަކު ހައްޔަރު ކޮށްފައި ނުވާއިރު މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.