"ފަތިސްހަނދުވަރު"ގެ އާ ބައެއް "މިހާރު"ން

މީގެ 23 އަހަރު ކުރިން، 1995 ގައި "ހަވީރު" ނޫހުގައި ޖަހަން ފެށި "ފަތިސްހަނދުވަރު" ވާހަކައިގެ މުޅިން އާ ބައެއް ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން "މިހާރު"ގައި ޝާއިއުކުރާ ގޮތަށް ހަމަޖައްސައިފި އެވެ.


ޖިންނި އަކާއި އިންސާނެއްގެ ލޯބީގެ މައްޗަށް، ބިންމާ އިބްރާހިމް ވަހީދު ލިޔެފައިވާ މަޝްހޫރު ވާހަކަ "ފަތިސް ހަނދުވަރު" އަކީ އާންމުންގެ ތެރޭގައި ވަރަށް ބޮޑަށް މަގުބޫލުވެގެން ދިޔަ ވާހަކައެކެވެ. އެ ވާހަކަ އިތުރަށް މަގުބޫލުވީ ސްލޭމް ސްޓޫޑިއޯ އިން އެ ވާހަކައިގެ މައްޗަށް ފިލްމެއް ނެރެ، ރެކޯޑުތައް މުގުރާލުމާ ގުޅިގެންނެވެ. ރީކޯ މޫސާ މަނިކާއި ނިއުމާ އަހުމަދު ލީޑްރޯލް ކުޅެފައިވާ މި ފިލްމަކީ މިހާތަނަށް އެންމެ ގިނަ ޝޯ ހައުސްފުލް ކުރި ފިލްމު ވެސް މެ އެވެ. އެ ފިލްމުގެ އިތުރުން، ފަތިސް ހަނދުވަރުގެ އެހެން ބައެއް ހިމެނޭ ގޮތަށް ޔޫސުފު ޝަފީއު (ޔޫއްޕެ) ލީޑް ރޯލު ކުޅެފައިވާ "ފަތިސް ހަނދުވަރުގެ ފެށުން" 2013 ވަނަ އަހަރު ރިލީޒްކޮށް އެ ފިލްމު ވެސް ވަނީ ވަރަށް ބޮޑު ކާމިޔާބެއް ހޯދައިފަ އެވެ.

ރޯދަ މަހުގެ ކޮންމެ ދުވަހަކު "މިހާރު" ނޫހުގައި ޝާއިއުކުރަން ހަމަޖައްސާފައި ވަނީ ރީކޯ މޫސަ ކުޅެފައިވާ ފިލްމުގެ ނިމޭ ހިސާބުން ފެށިގެން ގޮސް މި ވާހަކަ ނިމުމާ ހަމައަށެވެ. ބިންމާ ބުނި ގޮތުގައި، މިއީ މުޅިން އާ ބައިތަކެކެވެ.

"1995 ވަނަ އަހަރު ނެރުނު ފަތިސްހަނދުވަރުގެ ނިމުނު ހިސާބުން އަލުން މި ފަށަނީ. މި ވާހަކަ މި ލިއަނީ ފަތިސްހަނދުވަރުގެ ދެވަނަ ފިލްމެއް ހަދަން 1999ގައި އަޅުގަނޑު ލިޔުނު ސްކްރިޕްޓަށް،" ބިންމާ ބުންޏެވެ.

އާ ބައިގައި ބޮޑަށް ހިމެނޭނީ ވާހަކައިގައި އުޅޭ ޖިނާގެ އަސްލު ދިރިއުޅުމުގެ ބައިތަކެވެ. އަދި އޭނާއާ ގުޅޭ ހަގީގަތްތަކެވެ.

ބިންމާ ބުނީ އޭނާ 1999 ވަނަ އަހަރު ލިޔެފައިވާ ސްކްރިޕްޓަށް ބަލައިގެން ވާހަކަ ލިޔުނު ނަމަވެސް އޭރުގެ ހާލަތާއި މިހާރުގެ ހާލަތު ބަދަލުވެފައި ވާތީ ގިނަ ބަދަލުތަކެއް ވާހަކަ އަށް ގެނެސްފައިވާނެ ކަމަށެވެ.

"މި ދެންނެވީ މި ވާހަކައިގައި ރަސްފަންނުގެ ވާހަކަ އިންނާނެ ވާހަކައެއް ނޫން. ޑައިލޮގްތައް މިހާރާ އެއްގޮތް ކޮށްފައިވާނެ ވާހަކަ."