ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީތައް ބާއްވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ޕާޓީގެ ގަވާއިދާ އެއްގޮތަށް ކަން ކަށަވަރު ކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ ޒިންމާއެއް ނޫން ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން ޕާޓީތަކުން ޕްރައިމަރީ ބާއްވާ ނަމަ ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކުގެ މައުލޫމާތާއި ބާއްވާ ތާރީޚު އެންގުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ޕާޓީތަކަށް އަންގައިފަ އެވެ. އަދި ޕްރައިމަރީ ބާއްވާ ނަމަ މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން އަންނަ ޖުލައި މަހުގެ އަށް ވަނަ ދުވަހާ ދެމެދު ޕްރައިމަރީތައް ބޭއްވުމަށް ވެސް ކޮމިޝަނުން އޮތީ ޕާޓީތަކަށް އަންގައިފަ އެވެ.
އެ އެންގުމާ ގުޅިގެން އަދާލަތު ޕާޓީން މިދިޔަ ބުރާސްފަތި ދުވަހު އިލެކްޝަންސް ކޮމިޝަނަށް ފޮނުވި ސިޓީގައި ވަނީ ގާނޫނު އަސާސީންނާއި އިލެކްޝަންސް ކޮމިޝަންގެ ގާނޫނު އޮތްގޮތުން ސިޔާސީ ޕާޓީތަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނާ ހަވާލު ކުރެވިފައި އޮންނާނީ ގާނޫނުން ހަވާލުކުރާ ޒިންމާތައް އެކަނި ކަމަށެވެ. ޕާޓީތަކުގެ ޕްރައިމަރީ ބާއްވަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލައި ކަށަވަރު ކުރުމަކީ އެއްވެސް ގާނޫނަކުން އިލެކްޝަންސް ކޮމިޝަނާ ހަވާލު ކޮށްފައިވާ ޒިންމާއެއް ނޫން ކަމަށް އެ ސިޓީގައިވެ އެވެ.
މީގެ އިތުރުން ޕާޓީތަކުގެ ޕްރައިމަރީ ބާއްވާނެ ތާރީޚު ކަނޑައެޅުމާއި ޕާޓީތަކުގެ ޕްރައިމަރީގެ ނަތީޖާ ހިއްސާ ކުރަން އެންގުމަކީ ވެސް އިލެކްޝަންސް ކޮމިޝަނަށް ދީފައިވާ ބާރެއް ނޫން ކަމަށް ވެސް އެ ސިޓީގައިވެ އެވެ. އަދި ޕާޓީތަކުގެ އެތެރޭގެ ނިންމުންތަކާ މެދު ޕާޓީގެ މެމްބަރުން ހިތްހަމަނުޖެހޭ ނަމަ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތަށް އިސްތިއުނާފް ކޮމެޓީއަށް ދިއުމުގެ ފުރުސަތު އެ ޕާޓީގެ މެމްބަރުންނަށް އެބައޮތް ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
"ތިޔަ ކޮމިޝަނުން އަންގާފައިވާ އެންގުމަކީ ގާނޫނުތަކުގެ ބޭރުން އަންގާފައިވާ ޣައިރު ގާނޫނީ އެންގުމެއް ކަމުގައި މި ޕާޓީން ގަބޫލު ކުރަމެވެ." އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ސޮއި ކުރައްވައި، ފޮނުވި އެ ސިޓީގައިވެ އެވެ.
އެ ސިޓީގައިވާ ގޮތުން ރިޔާސީ އިންތިޚާބު ކައިރިވަމުން އަންނައިރު އެދެވޭ ގޮތެއްގައި އެ ކޮމިޝަން އޮތީ އިންތިޚާބަށް ތައްޔާރުވެފައެއް ނޫނެވެ. ގާނޫނުތަކަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ގަވާއިދުތައް ބަދަލު ކުރެވިފައި ނުވާ ކަމަށާއި އަދި ވަކި ޕާޓީއެއްގެ ފިކުރު ކުރިއެރުވުމަށް މަަސައްކަތްކުރި މެމްބަރުންތަކެއް އެ ކޮމިޝަންގައި އެބަތިބި ކަން ވެސް އެ ސިޓީގައި ފާހަގަ ކޮށްފައިވެ އެވެ.
އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިޚާބުގެ ކަންކަން ހިނގި ގޮތަށް ބަލައި، އެންމެ މަސްލަހަތު ހުރި ގޮތަކީ ކޮމިޝަންގެ ހުރިހާ މެމްބަރުން އިސްތިއުފާ ދެއްވުން ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
ކުށް ސާބިތުވެފައިވާ އެއްވެސް މީހަކު ޕާޓީއެއްގެ ޕްރައިމަރީގައި ވާދަ ނުކުރެވޭނެ ކަމަށާއި ގަވާއިދާ ޚިލާފަށް ބާއްވާ ޕްރައިމަރީތައް ބާތިލް ކުރާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން ކުރިން އޮތީ ދީފަ އެވެ. އެކަމާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ ފާޑު ކިޔުންތައް ކޮމިޝަނަށް ވަނީ އަމާޒުވެފަ އެވެ.