އެމްޑީޕީން ގާނޫނާ ޚިލާފުވެއްޖެ ނަމަ ފިޔަވަޅު އަޅާނަން: ޝަރީފް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ގާނޫނާ ޚިލާފު އަމަލެއް ހިންގައިފި ނަމަ، އެ ޕާޓީ އަށް ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.


އިދިކޮޅު އެންމެ ބޮޑު ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން މިއަދު މެންދުރު ފަހު 2:00 އިން ފެށިގެން، ހުރިހާ ރަށެއްގައި ބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

މި ޕްރައިމަރީ އަށް ކުރިމަތިލެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ. އެ މަނިކުފާނަކީ 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅަކަށް ވާތީ، އެ މަނިކުފާނަށް ޕްރައިމަރީން ފުރުސަތު ނުދޭން އަންގައި، އިލެކްޝަންސުން ވަނީ އެމްޑީޕީ އަށް އިންޒާރުތަކެއް ދީފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް "މިހާރު" އަށް ވިދާޅުވީ ޕްރައިމަރީ ކުރިއަށް ގެންދާނީ ގާނޫނުއަސާސީ އާއި ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އެމްޑީޕީގެ އަސާސީ ގަވާއިދާ އެއްގޮތަށް ކަމުގެ ޔަގީން އެމްޑީޕީން ދީފައިވާ ކަމަށެވެ. ޕްރައިމަރީ ކުރިއަށް ގެންދަނީ ގާނޫނާ އެއްގޮތަށްތޯ އެންމެ ފަހު ވަގުތާ ހަމައަށް ވެސް ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނާ ޚިލާފު އަމަލެއް ހިންގާ ނަމަ ފިިޔަވަޅު އަޅާނަން،" ޝަރީފް ވިދާޅުވި އެވެ.

އިލެކްޝަންސް އިން ބުނެފައިވާ ގޮތުގައި ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން ނަޝީދުގެ ޝަރުތު ހަމަނުވާ އިރު އެ މަނިކުފާނު ބައިވެރިކޮށްގެން ޕްރައިމަރީ ބޭއްވުމަކީ ގާނޫނާ ޚިލާފު އަމަލެކެވެ. އެފަދަ އަމަލެއް ހިންގައިފި ނަމަ ސިޔާސީ ޕާޓީގެ ގާނޫނުގެ 31 ވަނަ މާއްދާ އާއި 49 ވަނަ މާއްދާގެ ދަށުން އެމްޑީޕީއާ މެދު ފިޔަވަޅު އަޅާނެ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 31 ވަނަ މާއްދާގައި ބުނެފައި ވަނީ، ހައި ކޯޓަށް ހުށަހަޅައިގެން ޕާޓީ އުވާލެވޭނެ ހާލަތްތަކެވެ. އޭގެއިތުރުން ދެން ހަވާލާދީފައިވާ މާއްދާގައި ވަނީ ޕާޓީ ޖޫރިމަނާ ކުރުމެވެ.

މި މައްސަލައިގައި، އެމްޑީޕީން އީސީ އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ރައީސް ކަމަށް ޝަރުތު ހަމަވޭތޯ ކަނޑައެޅުމުގެ ގާނޫނީ ބާރު އެ ކޮމިޝަނަށް ލިބިގެން ނުވާ ކަމަށާއި ގާނޫނުއަސާސީގެ 113 ވަނަ މާއްދާ އިން އެ ބާރު ދީފައި އޮންނަނީ ސުޕްރީމް ކޯޓަށް ކަމަށެވެ.

އެމްޑީޕީން އެހެން ބުނި ނަމަވެސް، ގާނޫނުއަސާސީގެ އެ މާއްދާގައި ބުނެފައިވާ ގޮތުން ސުޕްރީމް ކޯޓުން ގޮތެއް ނިންމަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ގާނޫނުގައި ބުނާ ޝަރުތުތައް ފުރިހަމަކަމާ މެދު އެއްވެސް ޚިލާފެއް އުފެދިއްޖެ ނަމަ އެވެ. މިފަދަ ނިންމުމެއް އެ ކޯޓުން ނިންމަން ވާނީ އެ ކޯޓުގެ ހުރިހާ ފަނޑިޔާރުން ތިބެގެންނެވެ. އަދި އެ ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ވެސް އެ މާއްދާގައިވެ އެވެ.

އެމްޑީޕީން ބުނި ގޮތުގައި ރިޔާސީ ޕްރައިމަރީ ބާއްވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުން ބާރު ލިބިގެން ހަދާފައިވާ އަސާސީ ގަވާއިދާ އެއްގޮތަށެވެ. އެކަމަކު ރިޔާސީ ޕްރައިމަރީ އަށް ނުފޫޒު ފޯރުވަން އިލެކްޝަންސް އިން މަސައްކަތް ކުރަމުންދަނީ ވެސް ގާނޫނާ ޚިލާފަށް ކަމަށް އެ ޕާޓީން ބުނެ އެވެ.