ނިއު ރޭޑިއަންޓުގެ މަޝްހޫރު ސަޕޯޓަރު ކައިރޭ މަރުވެއްޖެ

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފުޓުބޯޅަ ކްލަބް، ނިއު ރޭޑިއަންޓުގެ އެންމެ ވަރުގަދަ ސަޕޯޓަރުގެ ގޮތުގައި ރާއްޖެ އަށް މަޝްހޫރުވި ކައިރު ޅަތުއްތު (ކައިރޭ) މިއަދު މަރުވެއްޖެ އެވެ.


ހެންވޭރުގެ ރަމްޒެއްގެ ގޮތުގައި ފާހަގަކުރެވޭ ކައިރޭ މަރުވީ އޭނާގެ އަންހެނުންގެ ރަށް ރ. އުނގޫފާރުގައި މިއަދު މެންދުރުފަހުގެ ވަގުތެއްގަ އެވެ. މީގެ ތިރީހަކަށް އަހަރު ކުރިން އުނގޫފާރުގެ މީހަކާ ކައިވެނި ކުރި ކައިރޭ ފަހަކަށް އައިސް ގިނައިން އުޅެނީ ވެސް އެ ރަށުގަ އެވެ.

އެސްޓީއޯގެ ވަޒީފާ ގައި ސަރުކާރަށް ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރި ކައިރޭ އަކީ ހެންވޭރުގެ ބޮޑެއް ކަމަށްވާ ކައިރު ކުޑަތައްހާނުގެ ދަރިއެކެވެ. ސުލްތާން ހަސަން ނޫރައްދީނުގެ ރަސްކަމުގައި ވެރިކަމާ ދެކޮޅަށް ބޮޑުތިލަދުންމަތިން މާލެ އަރަން އައި މީހުންނާ ދެކޮޅަށް މާލޭން ނުކުތް "ލަޝްކަރު"ގެ ޖަޑިބަކީ ކައިރޭގެ ބައްޕަ އެވެ.

ފަހުން ކައިރޭ ވެސް ވެގެންދިޔައީ އޭނާގެ ބައްޕަ ފަދަ ހެންވޭރުގެ ނުފޫޒު ގަދަ، އަޑުގަދަ މީހަކަށެވެ. ހުޅުލޭ އެއާޕޯޓް ހެދިއިރު ހެންވޭރުން ދިޔަ މީހުންގެ ތެރޭގައި ހިމެނި އެ މަސައްކަތުގައި ވެސް ފޯރީގައި އުޅުނެވެ.

ރާއްޖޭގައި ނުރަސްމީ ސިފައެއްގައި ބޭއްވި ފުރަތަމަ ބޮޑީބިލްޑިން މުބާރާތުގައި 1960ގެ އަހަރުތަކުގައި ބައިވެރިވެ ރަން ވަނައެއް ހާސިލްކުރި ކައިރޭ އެންމެ ޒުވާން ދުވަސްވަރުން ފެށިގެން ވެސް ފެންނަނީ ކުޅިވަރާއި މުނިފޫހިފިލުމުގެ ހަރަކާތްތަކުންނެވެ. އެގޮތުން އޭނާ އަކީ ފިނޭ އިބްރާހީމްގެ ދޮންކޮއްކޮ (ފަތަށްސީލާ ދޮހޮއްކޮ) ގެ ލީޑަރުގެ ކަމުގެ ދަށުގައި މުޅި މާލެ އެއްތަން ކޮށްލި ހެންވޭރު ބެރު ޕާޓީގެ މެމްބަރެކެވެ. އޭނާ މަރުދޭ ނިއު އަކީ އެ ގްރޫޕުގެ ތެރެއިން އުފަންވި ރޭޑިއަންޓް ކްލަބްގެ އުވުމަށް ފަހު 1979 ވަނަ އަހަރު އުފެދުނު ކްލަބެވެ.

ފަހަކާ ޖެހެންދެން ވެސް ގަލޮޅު ދަނޑަށް ގަވާއިދުން ގޮސް އެ ކްލަބުގެ އެންމެ އިސް އެއް ސަޕޯޓަރުގެ ގޮތުގައި ހުރީ ކައިރޭ އެވެ. ނިއުގެ ސަޕޯޓަރުން ތިބޭ އިރު އުތުރު ސިޑި ބަރީގެ ލީޑަރަކީ ވެސް އޭނާ އެވެ. ކައިރޭގެ ވަރުގަދަ އަޑު މުޅި ދަނޑުގައި ގުގުމާލާފައި އޮންނައިރު، ނިއުގެ ސަޕޯޓަރުންނަށް އެންމެ ބޮޑު ހިތްވަރެއް ވެސް ލިބެނީ އޭނާ އަރުވާ ފޯރިންނެވެ.

"އޭރު އޭނާ ނެތިއްޔާ ގަލޮޅު ދަނޑު ސިފަކުރެވޭނީ ފަޅު ތަނެއްގެ ގޮތުގައި،" ނިއުގެ ސަޕޯޓަރަކު ބުންޏެވެ.

އާއްމުންނާ ގުޅޭ ސަމާސާ މިޒާޖެއްގެ ކައިރޭ، އޭނާގެ ގެ އަށް ނަން ދިން ގޮތަކީ ވެސް މާލޭގައި މަޝްހޫރުވި މަޖާ ވާހަކަ އެކެވެ. އެ ގެ އަށް "ހިތްހަލާކު" މި ނަން ދޭން ހުށަހެޅުމުން ފާސްނުވުމުން އެ ގޭގެ ނަމަކަށް އޭނާ ހެދީ "ހިތްހަލާކު" ގެ އިނގިރޭސި މާނަ ކަމަށް ވާ "ބްރޯކަންހާޓް" އެވެ.

ކައިރޭގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭގެ ވަގުތެއްގައި އުނގޫފާރުގަ އެވެ.