ފަރަށް އެރި ބޯޓުން މުދާ ސަލާމަތް ކުރުމަށް ގުރައިދޫ ރައްޔިތުން ހަރަކާތްތެރިވަނީ-- ފޮޓޯ: ސޯޝަލް މީޑިއާ
07 ޖޫން 2018 - 13:13
ތ. ގުރައިދޫ ނެރުމައްޗަށް އިއްޔެ އުރުނު ގދ. ތިނަދޫ ބޯޓުގައި ހުރި މުދާ ސަލާމަތް ކުރުމުގައި ގުރައިދޫގެ ރައްޔިތުން ބައިވެރިވެ، އެކަމުގައި ނަމޫނާ ދައްކައިފި އެވެ.
ތިނަދޫ ނިޔާމަ ބޯޓު ގުރައިދޫ ފަރަށް އެރީ އިއްޔެ ހެނދުނު ހައެއް ޖަހާކަންހާއިރު އެ ރަށަށް ވަންނަން އުޅެނިކޮށް މޫސުން ގޯސްވެގެންނެވެ. ނެރުގެ ފައިކައްޓަށް ބީހުނުތާ މާގިނަ އިރުތަކެއް ނުވެ، ކަނޑުގެ އެތެރެވަރިއަށް ވާގޮތަށް ބޯޓު އަރިއަޅާލައި، ވަރަށް ބޮޑަށް އަޑިއަށް ދިޔަ އެވެ. އަދި އެއާއެކު ބޯޓުގައި ހުރި ގިނަ އަދަދެއްގެ މުދާ ކަނޑަށާއި ގުރައިދޫ ފަޅުތެރެއަށް އޮޔާދާން ފެށި އެވެ.
ހަތް މިލިޔަން ރުފިޔާގެ މުދާ ހުރި އެ ބޯޓު ފަރަށް އަރައި، އަޑިއަށް ދާ މަންޒަރު، އެ ވަގުތު ތޮށިމަތީގައި މަސް ބާނަން ހުންނެވި ގުރައިދޫ ކައުންސިލްގެ ނައިބު ރައީސް ތައުފީގް އަލީއަށް ފެނިވަޑައިގަތެވެ. އެއާއެކު އޭނާ ރަށުތެރެއަށް ވަޑައިގެން، ބޯޓެއް ފަރަށް އަރައިގެން އުޅޭ ކަމާއި ރައްޔިތުން އަތިރިމައްޗަށް ދިޔުމަށް، ގޮވާލެއްވި އެެވެ. މާގިނަ އިރުތަކެއް ނުވެ، އެ ރަށުގެ ގިނަ އަދަދެއްގެ ބަޔަކު އަތިރިމައްޗަށް އެއްވެ، ތިނަދޫ ބޯޓަށް އެހީވާން މަސައްކަތް ފެށި އެވެ.
ފަރަށް އެރި ބޯޓުން މުދާ ސަލާމަތް ކުރުމަށް ގުރައިދޫ ރައްޔިތުން ހަރަކާތްތެރިވަނީ-- ފޮޓޯ: ސޯޝަލް މީޑިއާ
"އޭރު ބޯޓުގައި ހުރި އެކި ކަހަލަ މުދާތައް އޮޔާދާން ފަށައިފި. މި ރަށުގެ ބައެއް މީހުން ޑިންގީތަކުގައި ދިޔައީ އެ މުދާތައް ހޮވަން. އޭރު އަނެއް ބަޔަކު ނެރުމަތިން ފެށިގެން ގޮނޑުދޮށާ ހަމައަށް ލައިނެއް ހަދައި، ބޯޓުގައި ހުރި މުދާތައް އެކަކު އަނެކަކަށް ޕާސްކޮށް، ހިކިފަސްތަނަކާ ހަމައަށް ގެންނަން ފަށައިފި،" ތައުފީގް ވިދާޅުވި އެވެ.
ބޯ ވާރޭގައި، ތިނަދޫ ބޯޓުން މުދާ ސަލާމަތް ކުރުމުގައި ގުރައިދޫގެ ދެ ޖިންސުގެ މީހުން ވެސް ބައިވެރިވި އެވެ. އެއްބަޔަކު ޑިންގީގައި މުދާ ސަލާމަތް ކުރަމުން ދިޔައިރު، އަނެއް ބަޔަކު ބޯޓަށް އަރައި ސަލާމަތް ކުރި މުދާތައް އަރުވަމުން ދިޔައީ ގޮނޑުދޮށުގައި ބަހައްޓާފައި ހުރި ޕިކަޕާއި އަތްގާޑިޔާ ފަދަ ތަކެއްޗަށެވެ. އެހެން ބަޔަކު ދިޔައީ އެއްކޮށް ހުރި އެ މުދާތައް ވަކިކުރަމުންނެވެ.
"އެކި ކަހަލަ ބިސްކޯދާއި ކޯސްޓްކިރާއި ލޯޝަނާއި ރެޑްބުލް ފަދަތަކެތި މުޅި ގޮނޑުދޮށަށް އޮތީ ލައްވެފައި. އެ ހުރިހާ ތަކެތި އިރުއޮއްސުމުގެ ކުރިން އަޅުގަނޑުމެން ހޮވައި ޕިކަޕްތަކަށް އަރުވައިފިން. އަދި 2000 ކޭސް ފެނާއި ގިނަ އަދަދެއްގެ ގޭސްފުޅި ވެސް އަޅުގަނޑުމެން ސަލާމަތް ކުރިން،" މުދާ ސަލާމަތްކުރުމުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެން ތައުފީގު ވިދާޅުވި އެވެ.
"އެކަމަކު ކުކިން އޮއިލް ފަދަ އެކި ކަހަލަ ވަރަށް ގިނަ މުދާ ކަނޑަށް އޮޔާ ވެސް ދިޔަ."
ތިނަދޫ ބޯޓުން ސަލާމަތް ކުރި ބައެއް މުދާ، ގުރައިދޫ ރައްޔިތުން ސަލާމަތްކޮށް ޕިކަޕަކަށް އަރުވާފައި-- ފޮޓޯ: ސޯޝަލް މީޑިއާ
އެ މަސައްކަތުގައި ގުރައިދޫ ރައްޔިތުން އިއްޔެ އިރުއޮއްސެންދެން މަސައްކަތް ކުރި އެވެ. އަދި ރޭގަނޑު ވުމުން، ހުރިހާ މުދާތައް، އެކި ގޭގެއަށް ލައި ރައްކާކުރި އެވެ. ބޯޓުން ސަލާމަތް ކުރި އައިސް ކުކުޅު ކަހަލަ އަވަހަށް ހަލާކުވާ ސާމާނު، ބެހެއްޓީ ގޭގޭގެ ފްރިޖްތަކުގަ އެވެ.
ތައުފީގް ވިދާޅުވި ގޮތުގައި ގޭގެއަށް މުދާތައް ގެންދިޔައީ އޭގެ ތަފްސީލު ނޯޓު ކުރުމަށް ފަހު، ނުގެއްލޭނެ ފަދަ ގޮތަކަށެވެ.
ގުރައިދޫގެ ރައްޔިތުންގެ މި އެހީތެރިކަމަށް، ނިޔާމަ ބޯޓުގެ ފަޅުވެރިން ތިބީ ޝުކުރުން ފުރިފަ އެވެ. އެއީ އެހާ ކުޑަވަގުތުކޮޅެއްގައި ގިނަ އަދަދެއްގެ މުދާ ސަލާމަތްކޮށްދިނީމަ އެވެ.
Th.Guraidhoo ah vannan ulhumuge thereyga Gdh.Thinadhoo Niyaama boat Farah araafai.. MNDF adhi Aanmu Rayyithun dhany boat gai Mivaguthu negen huri Mudhaa negeytho masskaiy kuramun pic.twitter.com/IP7ywBrl1L
— ALI SHAN (SATTO) (@SatoMexicanox) June 6, 2018
"ބޯޓުގެ މީހުން އަޅުގަނޑުމެންނާ ބައްދަލުކޮށް ބުނި، މި ރޯދަ މަހު ގިނަ ބަޔަކު ނިކުމެ މި ފޯރުކޮށްދިނީ ވަރަށް ބޮޑު އެހީތެރިކަމެކޭ، އެކަމަށް ވަރަށް ޝުކުރުވެރިވަމޭ. އެކަމަކު އަޅުގަނޑުމެން މިކަން ކުރީ ހަމަ ﷲއަށްޓަކައި ބަޔަކަށް އެހީވުމަށް. މިއީ އަބަދުވެސް ވަރަށް އެއްބައިވަންތަ ރަށެއް،" ތައުފީގް ވިދާޅުވި އެވެ.
ތިނަދޫ ބޯޓު ފަރަށް އެރިއިރު އޭގައި ނުވަ މީހަކު ތިއްބެވެ. އެކަމަކު އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. އަދި މިހާރު ވެސް އެ ބޯޓު އެ ރަށު ފަރުމައްޗަށް އުރިފައި އޮތްއިރު، ސިފައިންނާއި ގުރައިދޫގެ ބައެއް މީހުން އަންނަނީ ބޯޓު ފުންކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޑޫބެއްޔާ
08 June 2018
ގުރައދޫ މީހުން ސާބަހޭ ތިޔައީ ފިސާރި ދިވެހި ފަހުލަވާނުންތަކެއް.
ށ.އަތޮޅު މީހާ
07 June 2018
ތިޔައީ އަސްލު ދިވެހިންގެ ސިފަޔަކީ. ސާބަސް ގުރައިދޫ ރައްޔިތުންނަށް!
ދުވާފަރު މީހާ
07 June 2018
ސާބަސް ގުރައިދޫގެ އެންމެހާ ރައްޔިތުންނަށް ތިޔައީ ނަމޫނާބައެއް
މުބީ
07 June 2018
ދިވެހީންގެ އެއްބައިވަންތަ ކަމާއި އަޅައިލުންތެރި ކަން އަދިވެސް ދެމިއޮތްކަން މި ހާދިސާއިން ވެސް ހާމަ ވެއްޖެ. ސާބަސް ތ. ގުރައިދޫ ރައްޔިތުން! ތ. އަތޮޅަށް ނިސްބަތްވުމުންވެސް އަޅުގަނޑުގެ މޭ ޝަރަފާއި ފަޚުރުން ފުރިއްޖެ ☺
ގުރައިދޫ
07 June 2018
ވ ސަޅި. ތީ ހަމަ ގަދަ ބައެއް އިނގޭ! މި ކޮމެންޓް މީ ރޯދަމަސް ވީމަ ހަމަ ހީލަން އަދި ހެެއްވާލަން ޙަބަރުން ވަކި ބަޔެއް ނަގައިފައި ކޮންމެސް މޮޅު އެއްޗެއް ކިޔޭތޯބަލާލަނީ އެއްޗެކޭ ހީނުކުރާތި ?“ “ އެ މަސައްކަތުގައި ގުރައިދޫ ރައްޔިތުން އިއްޔެ އިރުއޮއްސެންދެން މަސައްކަތް ކުރި އެވެ. އަދި ރޭގަނޑު ވުމުން، ހުރިހާ މުދާތައް، އެކި ގޭގެއަށް ލައި ރައްކާކުރި އެވެ. “. އިތުރުކުރިބައި: ފިޔަވަޅު އޮބި ހަމަހިމޭންވެއްޖެއެވެ. އަދިއަދަށްދާނދެންވެސް ގެންދިޔަ މުދަލެެއްވެސް އަދި އޭގެން މީހެއްގެ ޙަބަރެއްވެސް ނުވެ ރަށުގެ މަލަމައްޗާއި މަގުތައްވެސް ފަޅު ތަނެއްގެ ގޮތުގައި އޮންނަތާ މިއަދަށް މި ވީ ހަފްތާއެކެވެ.?
އަލިކޮއި
07 June 2018
ތިވާނެ ވަރަކީ ތިކަލަ ކަމެއްގަ ރައްޔިތުން ނުކުމެނުވާނެ ބޮޑުމުސާރަދޭ ސިފައިން ތިކަމެއްނުވޭ ކޮބައިތޯ ސިފައިންގެ ބޭނުމަކީ
މުހަންމަދު އަޒުމީލް
07 June 2018
ތިޔައީ އަދި އެނަމާ ބޯޓެއްނޫން ތިބޯޓަށް އެންމެ ކުރިންވެސް ކީ ނިޔާމަ
އަހުމަދު ސަލީމް
07 June 2018
ވަރަށް ސަޅި....
އާލޯ ދިއްދޫ
07 June 2018
ވަރަށް ރަނގަޅު ނަމޫނާއެއް
ސާދާސީދާ
07 June 2018
ގުރައިޑު ރައްޔިތުން ފަދަ ރައްޔިތުންތަކަކަށްވުމަށް ހުރިހާ ސިޔާސީ މީހުން އަޒުމުކަނޑައަޅައިފިނަމަ، މިރާއްޖެ ހާދަ ތިޔާގިވާނޭ، ސުލްޙަ ވެރިވާނޭ.