ޕާޓީތަކުގެ ވަކިވަކި އަމާޒުތައް އެއްކައިރިކޮށް، ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް އަދާލަތު ޕާޓީން ގޮވާލައިފި އެވެ.
އެ ޕާޓީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެދުގައި އޮންނަ ވާދަވެރިކަމާއި ޕާޓީތަކުގެ ވަކިވަކި އަމާޒުތައް އެއްކައިރިކޮށް، ގައުމުގެ އެންމެ މަތީ މަސްލަހަތު އިސްކުރަން ޖެހޭ ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ކިބައިން ގައުމު ސަލާމަތްކުރުމަށް، އަންނަ ރިޔާސީ އިންތިހާބުގައި ކުރިމަތިވާނެ ހުރިހާ ގޮންޖެހުންތަކަށް އެކުގައި ކުރިމަތިލުމަށް، ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަކީ ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
"ޕާޓީތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އެކުވެސް ކުރިޔަށްއޮތް ދުވަސްތަކުގައި އެކުވެރި ބައެއް ޕާޓީތަކުގެ ކޮންގްރެސްތައް ބޭއްވިގެންދާކަމީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ. އެހެންކަމުން ޕާޓީތަކުގެ އެތެރޭގެ މަސައްކަތްތައް ކުރިޔަށްގެންދަވާއިރު ގުޅިގެން ކުރެވޭ މަސައްކަތްތައް ކާމިޔާބުކުރެވޭނެ ބީދައަކުން ކަންކަން ބައްޓަންކުރުމަށް ވެސް އަދާލަތު ޕާޓީގެ ފަރާތުން ގޮވާލަމެވެ،" އެ ޕާޓީން ބުންޏެވެ.
އަދާލަތު ޕާޓީން އެ ނޫސްބަޔާން ނެރުނުއިރު، އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީ ނުހިމަނައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް މިދިޔަ އަންގާރަ ދުވަހު ހިޔަނި ކެބިނެޓެއް އިއުލާންކުރުމުން އިދިކޮޅު ބައެއް ފަރާތްތަކުން ވަނީ އެކަމަށް ނުރުހުން ފާޅުކޮށްފަ އެވެ. ހިޔަނި ކެބިނެޓެއް އިއުލާންކުރެއްވީ އެހެން ޕާޓީތަކާ މަޝްވަރާނުކުރައްވައި ކަމަށް ވެސް އަދާލަތު ޕާޓީ އާއި ރައީސް މައުމޫނަށް ތާއީދުކުރާ ބައެއް ބޭފުޅުން ވިދާޅުވެފައިވެ އެވެ.
ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިހާބަށް އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓް ނެރުމަށް އަންނަނީ މަޝްވަރާކުރަމުންނެވެ. ނަމަވެސް އެކަމުގައި އެއްބަސްވުމަކަށް ނާދެވި ލަސްވަމުން ދާތީ އެ ޕާޓީތަކުގެ ތެރޭގައި ވެސް ކަންބޮޑުވުން އެބަ އޮތެވެ.