ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކަވަރޭޖްގައި "މިހާރު"ގެ ޓީމާ ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އިންތިޚާބު ކަވަރު ކުރުމުގައި، ރާއްޖޭގެ އެންމެ ތަޖުރިބާކާރު ޓީމާ ގުޅޭ މީހުން މަސައްކަތްކުރާނީ "އައިރިޕޯޓަރެއް"ގެ ގޮތުގަ އެވެ.
"ކުރިން އަޅުގަނޑުމެން މި ކިޔަނީ ވޮލަންޓިއަރުންނޭ. އެކަމަކު މިފަހަރު އަޅުގަނޑުމެންނާ ގުޅޭ މީހުންނަކީ 'މިހާރު'ގެ އައިރިޕޯޓަރުން. އެއީ އަޅުގަނޑުމެންގެ ކަވަރޭޖްގެ ހާއްސަ ނަމެއް،" މިހާރުގެ އެޑިޓަރު މޫސާ ލަތީފު ވިދާޅުވި އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކަވަރޭޖަށް "މިހާރު"ން ވަނީ ހާއްސަ ޕްލެޓްފޯމެއް ތަރައްގީކޮށްފަ އެވެ. އެ ޕްލެޓްފޯމް މެދުވެރިކޮށް އައިރިޕޯޓަރުންނަށް ވަރަށް ފަސޭހަކަމާ އެކު ހުރިހާ އެއްޗެއް ވެސް ހިއްސާކުރެވޭނެ އެވެ.
މި ފަހަރުގެ ކަވަރޭޖްގައި "މިހާރު"އާ ބައިވެރިވާން ބޭނުން ފަރާތްތަކަށް މިއަދުން ފެށިގެން އޮންލައިންކޮށް ފޯމު ހުށަހެޅޭނެ އެވެ. ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ ޖުލައި 5 އެވެ.
ރިޔާސީ އިންތިޚާބުގެ ކަވަރޭޖް، އެންމެ އަވަހަށް، އެންމެ އިތުބާރާ އެކު ގެނެސްދޭން "މިހާރު"ގެ ޓީމު ވަނީ ތައްޔާރުވެފަ އެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުން މި ޓީމާ އެކު މަސައްކަތްކުރަން ހުޅުވާލީ، މޫސަ ވިދާޅުވި ގޮތުގައި، ރައްޔިތުންގެ ބޮޑު ނިންމުމެއްގައި، އެކި ރަށްރަށާއި ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ވީހާވެސް އަވަހަކަށް މައުލޫމާތު ފޯރުކޮށްދިނުމުގެ މަގުސަދުގަ އެވެ.
މޫސަ ވިދާޅުވީ "މިހާރު"ގެ ވިސްނުމަކީ، މައުލޫމާތު ފެތުރުމުގައި ޝައުގުވެރިކަން ހުންނަ ޒުވާނުންގެ ހިއްސާއާ އެކު އިންތިޚާބު ކަވަރޭޖް ފުރިހަމަކުރުން ކަމަށެވެ.
"މިއީ، 'މިހާރު'ގެ ކަވަރޭޖް ކުރިއަށް ގެންދާ ގޮތް ތަޖުރިބާކޮށްލަން ވެސް ލިބޭ މުހިއްމު ފުރުސަތަކަށް ވާނެ. އަޅުގަނޑުމެންގެ ވިސްނުމަކީ، އައިރިޕޯޓަރުންނާ އެކު އެންމެ އިތުބާރާއިި ޔަގީންކަމާ އެކު އިންތިޚާބުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުން،" މޫސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި "މިހާރު"ގެ ޓީމަކީ އާ ގާނޫނުއަސާސީގެ ދަށުން މިހާތަނަށް ބޭއްވި ރިޔާސީ ދެ އިންތިހާބު ވެސް ވަރަށް ރަނގަޅު ފެންވަރެއްގައި ކަވަރުކުރުމުގެ ތަޖުރިބާ ލިބިފައިވާ ބައެކެވެ.
"މިސާލަކަށް އެންމެ ފަހުން 2013 ގެ އިންތިހާބުގައި ވެސް އަޅުގަނޑުމެންނާ އެތައް ސަތޭކަ ބަޔަކު ބައިވެރިވި. ވަރަށް ފޯރީގައި އެ އިންތިހާބުގެ ތިން ބުރު ވެސް ކަވަރުކުރަމުން ދިޔައީ،" މޫސަ ވިދާޅުވި އެވެ.
"އެކި ރަށްރަށުން ބައިވެރިވި މޮނިޓަރުން އިންތިހާބުގެ ދުވަހު ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރި. އުއްމީދުކުރަނީ މިފަހަރު ވެސް އެ ސަޕޯޓް ލިބޭނެ ކަމަށް."