އިއްތިހާދުން ބޭއްވި ހަވީރު ސައި ހުއްޓުވައިފި

އިދިކޮޅު އިއްތިހާދުން މިއަދު ބޭއްވި ހަވީރު ސަޔަށް ފުލުހުން ހުރަސް އަޅައި ހުއްޓުވައިފި އެވެ.


އާޓިފިޝަލް ބީޗު ކުރިމަތިން ހުންނަ އެމްޑީޕީގެ ހަރުގޭގައި ހަވީރު 4:00 އިރު ފެށި ސައި ވަކި ހިސާބަކަށް ކުރި އަށް ދިޔަ ތަނާ ފުލުހުން ގޮސް އެ ހަރަކާތް ހުއްޓާލަން އެންގި އެވެ. އޭރު އެ ހިސާބުގައި ގިނަ އަދަދެއްގެ މީހުން ޖަމާވެފައި އޮތެވެ. ބައެއް މީހުން ތައްޓަށް ހެދިކާ އަޅައިގެން ޕޭވްމަންޓު މަތީގަ އާާއި މަގުމަތީގައި ވެސް ތިއްބެ އެވެ.

އިދިކޮޅު އިއްތިހާދުން މިއަދު ހަވީރު ބޭއްވި ސަޔަށް ފުލުހުން ހުރަސް އަޅަނީ.-- ފޮޓޯ: އެމްޑީޕީ

ފުލުހުން އެންގުމުން ވެސް ސައިގެ ކަންކަން ކުރިއަށް ގެންދަން ފެށުމުން އެ ތަނުގައި ތިބި މީހުން ފޮނުވާލަން ފުލުހުން މަސައްކަތް ފެށި އެވެ. ފުލުހުން ޕެޕަ ސްޕްރޭ ބޭނުން ކުރިއިރު، އެ ހަރަކާތް ކަވަރުކުރަން އުޅުނު ރާއްޖެ ޓީވީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރުގެ މޫނަށް ޕެޕަ ސްޕްރޭގެ އަސަރު ކުރުމުން އޭނާ ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އިދިކޮޅު އިއްތިހާދުން މިއަދު ހަވީރު ބޭއްވި ސަޔަށް ފުލުހުން ހުރަސް އަޅައި ޕެޕަ ސްޕްރޭ ޖެހިިއިރު އޭގެ އަސަރު ކުރި ރާއްޖެ ޓީވީގެ ނޫސްވެރިޔާގެ މޫނަށް ފެން އަޅަނީ.-- ފޮޓޯ: އެމްޑީޕީ

ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި އެމްޑީޕީ ހަރުގޭގައި ބޭއްވި ހަރަކާތް ހުއްޓުވަން ޖެހުނީ ހިނގާ މީހުންނަށާއި ދުއްވާ އެއްޗެއްސަށް އުދަނގޫ ވާ ގޮތަށް މަގުމަތީގައި މޭޒު ޖެހުމާ ގުޅިގެންނެވެ. އެކަން ހުއްޓާލަން ފުލުހުން އެންގުމުން ވެސް ހުއްޓާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ،" ތަރުޖަމާނު ވިދާޅުވި އެވެ.

އިދިކޮޅު އިއްތިހާދުން މިއަދު ހަވީރު ބޭއްވި ސަޔަށް ފުލުހުން ހުރަސް އަޅަނީ.-- ފޮޓޯ: އެމްޑީޕީ

އިދިކޮޅު އިއްތިހާދުން ބޭއްވި ހަވީރު ސައި ހުއްޓުވިއިރު، މިއަދުގެ ހުކުރު ނަމާދަށް ފަހު ސަރުކާރާ ދެކޮޅަށް ދުއާ ކުރަމުން ދަނިކޮށް، އިދިކޮޅު މެމްބަރު އަހުމަދު މަހުލޫފްގެ ބައްޕަ އާއި އިތުރު ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.