ވޯޓާސް ލިސްޓުގައި ހިމެނޭ މީހުންގެ ފޮޓޯ ނުޖަހަން ނިންމައިފި

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި ހިމެނޭ މީހުންގެ ފޮޓޯ ނުޖަހަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.


އެ ކޮމިޝަންގެ މެމްބަރުު އަހުމަދު އަކްރަމް މިއަދު ވިދާޅުވީ، ވޯޓާސް ލިސްޓުގައި ހިމެނޭ މީހުންގެ ފޮޓޯ ނުޖަހަން ނިންމީ އެ ކޮމިޝަނަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ކަމަށެވެ. އެހެންވެ، ގިނަ ބައެއްގެ އެދުމުގެ މަތިން މި ފަހަރު ބޭނުން ކުރާނީ ފޮޓޯ ނުޖަހާ ވޯޓާސް ލިސްޓެއް ކަމަށް އަކްރަމް ވިދާޅުވި އެވެ.

"ފޮޓޯ ނުޖެހުމަށް ގިނަ ބަޔަކު އެދުނު. އޭގެ ތެރޭގައި މޫނު ބުރުގާ އެޅި ގިނަ މީހުން ހިމެނޭ. އެ ކަންކަމަށް ބެލުމަށް ފަހު ނިންމީ ވޯޓާސް ލިސްޓުގައި ފޮޓޯ ނުޖަހަން،" އަކްރަމް ވިދާޅުވި އެވެ.

ވޯޓާސް ލިސްޓުގައި ހިމެނޭ މީހުންގެ ފޮޓޯ ނުޖަހަން އީސީން ނިންމިޔަސް، ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް ސުޕްރީމް ކޯޓުން ހަދާފައިވާ ގައިޑްލައިން ބުނާ ގޮތުން ވޯޓާސް ލިސްޓުގައި، ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހާގެ އައިޑީ ކާޑު ނަމްބަރާއި އެއީ ކާކުކަން ވަކިކޮށް ދެނެގަނެވޭނެ ވަސީލަތެއް ކަނޑައަޅަން ޖެހެ އެވެ.

އީސީން މިހާރު އާއްމުކޮށްފައިވާ ވޯޓާސް ލިސްޓުގައި ވެސް، ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އައިޑީކާޑު ނަމްބަރެއް ނެތެވެ. އެހެންވެ އިދިކޮޅު ޕާޓީތަކުން ވަނީ އެކަމުގެ ކަންބޮޑުވުންތައް އީސީއާ ހިއްސާކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން އާއްމު ކޮށްފައިވާ ވޯޓާސް ލިސްޓުގައިވާ ގޮތުން، ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 263،000 މީހުންނަށް ލިބެ އެވެ.