ފަރުވާދެމުން ދިޔަ ގައިދީއަކު މަރުވެއްޖެ

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއެއްގެ ހާލު ގޯސްވެގެން މިދިޔަ ބުދަދުވަހު މާލެ ގެނެސް ފަރުވާ ދެމުން ދަނިކޮށް މިރޭ މަރުވެއްޖެ އެވެ.


އެނގިފައިވާ ގޮތުގައި އޭޑީކޭގައި ފަރުވާދެމުން އަންނަނިކޮށް، މަރުވީ ގދ. ތިނަދޫ ސިލްވާ، ހަމްޒަތު އަހުމަދެވެ. އެކަމަކު އޭނާއަށް ދިމާވީ ސިއްހީ ކޮން މައްސަލައެއް ކަމެއް ރަސްމީ އިދާރާއަކުން އަދި ސާފެއް ނުވެ އެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނިީ މިދިޔަ ބުދަ ދުވަހުން ފެށިގެން މާލޭގައި ފަރުވާ ދެމުން ދަނިކޮށް ގައިދީއަކު މިރޭ މަރުވެފައިވާ ކަމަށެވެ. އިތުރު އެއްވެސް ތަފްސީލެއް ނުދެ އެވެ.

އެކަމަކު، ޝޯޝަލްމީޑިއާގައި ބައެއް މީހުން ލިއެފައިވާ ގޮތުގައި، އޭޑީކޭގެ އައިސީޔޫގައި ހަމްޒަތު އަށް ފަރުވާ ދެމުން އައީ، ސްޓްރޯކެއް ޖެހިގެންނެވެ. ފަރުވާ އަށް އައިޖީއެމްއެޗަށް މިދިޔަ ބުދަދުވަހު ހަމްޒަތު ގެނައީ އޭނާ އަށް ސްޓްރޯކް ޖެހުނުތާ ގާތްގަނޑަކަށް ފަސް ގަޑިއިރު ފަހުން ކަމަށް ތުހުމަތުކޮށްފައިވެ އެވެ. އޭނާ އޭޑީކޭ އަށް ބަދަލުކުރީ، އާއިލާ އިން ބޭނުންވެގެން ކަމަށް ވެ އެވެ.

ހަމްޒަތުގެ ފަރުވާ އަށް އިހުމާލުވެފައިވާ ކަމަށް ކުރާ މި ތުހުމަތުތައް ކަރެކްޝަނަލް ސާވިސް އިން މިހާތަނަށް ދޮގުކޮށްފައެއް ނުވެ އެވެ.

މީގެކުރިން ވެސް ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ބައެއް ގައިދީން މަރުވި އެވެ. އެކަމާ ގުޅިގެން ގިނަ ފާޑު ކިޔުންތަކެއް ސަރުކާރަށް އަމާޒުވި އެވެ.