ދަފުތަރުގައި ރަޖިސްޓްރީވާން މާދަމާ ހުޅުވައިލަނީ

މާލޭގެ ދަފުތަރުގައި ރަޖިސްޓްރީވާން މާދަމާ ރަސްމީކޮށް ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.


މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ކުރަމުން އައި، މާލޭ ދަފްތަރު ބެލެހެއްޓުމުގެ މަސައްކަތް ހައުސިން މިނިސްޓްރީގެ ދަށަށް މި ހަފުތާގައި ވަނީ ބަދަލުކޮށްފަ އެވެ. އެ މިނިސްޓްރީން ބުނީ ދަފުތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މާދަމާ ހުޅުވާލައި، އެކަން ގެޒެޓުގައި އާއްމުކޮށް އިއުލާނުކުރާނެ ކަމަށެވެ.

ދަފުތަރު އަލުން ހުޅުވައިލާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވާތީ، ކުރިން އެ މަސައްކަތް ކުރަމުން އައި ސިޓީ ކައުންސިލުން ވަނީ ސުވާލު އުފައްދައިފަ އެވެ.

ސިޓީ ކައުންސިލުން މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ މާލޭގެ ރައްޔިތުން ދަފުތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު 1987 ހުޅުވާލާފައި އޮތް އިރު، ރަށްރަށުގެ މީހުން ދަފުތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު 1994 އިން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ. އަދި މިހާތަނަށް އައި އިރު، އެ ފުރުސަތު ބަންދު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ދަފްތަރުގައި ރަޖިސްޓްރީކުރުން މީގެ އަށް އަހަރު ކުރިން ފެށިގެން ސިޓީ ކައުންސިލުން ވަނީ ހުއްޓާލައިފަ އެވެ. އަދި 2009 ވަނަ އަހަރު ދަފްތަރުގެ މައުލޫމާތު ސައްހަ ކުރި ފަހުން އެއްވެސް ބަދަލެއް ނާންނަ ކަމަށް ވިދާޅުވެފައި ވެ އެވެ.

މިވާހަކަ ދޮގު ކުރައްވައި ޝަމާއު ވިދާޅުވީ މި އަހަރު އެކަނި ވެސް 70 އަށް ވުރެ ގިނަ މީހުން ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ކަމަށެވެ. އަދި ދަފުތަރު ބަންދު ކުރި ވާހަކައަކީ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށާއި މިކަމާ ގުޅޭގޮތުން މިނިސްޓަރު މުޅިން ވެސް ހައްދަވަނީ ދޮގު ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ތުހުމަތު ކުރާ ގޮތުގައި މީގެ އެތައް އަހަރެއް ކުރިއްސުރެ އޮންނަ ދަފުތަރެއް، އަލުން ހުޅުވައިލާ ކަމަށް މިނިސްޓަރު ވިދާޅުވުމުން ބޮޑަށް ގަބޫލު ކުރެވެނީ އޭގެ އާ ލިސްޓެއް އެކުލަވާލުމެވެ. އަދި އިންތިހާބުގެ ދުވަސްވަރު އެ ފަދަ ކަމެއް ކުރުމުން ވޯޓު އޮޅުވާލަން މަގުފަހިވާނެ ކަމަށް އެތަނުން ބުންޏެވެ.

"ދަފުތަރުގައި ޖެހުމުން އެ މީހެއްގެ ދާއިމީ އެޑްރެހުގެ ގޮތުގައި މި އޮންނަނީ ނަމްބަރެއް. ވޭތުވެ ދިޔަ އަހަރުތަކުގައި މަރުވެފައިވާ މީހުންގެ ނަން އުނިކޮށް، އާ ލިސްޓެއް ހަދައިފި ނަމަ އެ ހުރިހާ މީހުންގެ (ދަފުތަރު) ނަމްބަރުތަކަށް ވެސް ބަދަލު އަންނާނެ. އޭރުން އައިޑީކާޑުގައި އޮތް ދާއިމީ އެޑްރެސް ވެސް އޮންނާނީ ބަދަލުވެފައި. އެކަމަކު ވޯޓާސް ލިސްޓު އިސްލާހުކޮށް ނެރެފައިވާތީ، މި އާ އެޑްރެހެއް ލިސްޓުގައެއް ނޯންނާނެ. އަދި ވޯޓުލާން ދާއިރު އެ މީހުންގެ މައުލޫމާތު ސައްހައެއް ނުވާނެ،" ޝަމާއު ވިދާޅުވި އެވެ.

މިކަމަށް ރައްދު ދެއްވައި މިނިސްޓަރު ވިދާޅުވީ ދަފްތަރުގައި ރަޖިސްޓަރީ ވުމުގެ ފުރުސަތު އަލުން ހުޅުވައިލަނީ، މި ސަރުކާރުން ހުޅުވައިލި 7،000 ފްލެޓުގެ މަޝްރޫއުން އެއްވެސް މީހެއްގެ ހައްގު ގެއްލުވައިނުލުމަށް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ދަފްތަރުގައި ރަޖިސްޓަރީ ވުމުގެ ފުރުސަތު ހުޅުވައިލިޔަސް ރިޔާސީ އިންތިޚާބުގެ ވޯޓާސް ލިސްޓަށް ބަދަލެއް ނާންނާނެ އެވެ. އަދި ވޯޓުލުމުގެ ފުރުސަތު ގެއްލޭ ފަދަ ނުވަތަ ވޯޓުލުމުގެ ހައްގަށް އުނިކަމެއް އަންނަ ފަދަ ކަމެއް ވެސް އޭގެ ސަބަބުން މެދުވެރި ނުވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މީގެ 31 އަހަރު ކުރިއްސުރެ މާލޭގެ މީހުންނަށް ހުޅުވައިލާފައި އޮންނަ "ހާއްސަ ދަފުތަރު"ގައި މިހާތަނަށް 3،264 މީހުން ރަޖިސްޓްރީ ވެފައިވާއިރު ރަށްރަށުގެ މީހުން މާލެ އަށް ބަދަލުވުމަށް 12،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ވެފައިވެ އެވެ.