ދަފުތަރު މީހުންނަށް ފްލެޓް ދިނުމުގައި ޕޮއިންޓް ދޭ އުސޫލު އާންމުކޮށްފި

މާލޭ ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށް، ސަރުކާރުގެ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ދިނުމުގައި ބަލާނެ ކަންކަމާއި ޕޮއިންޓް ދޭ އުސޫލު އާއްމުކޮށްފި އެވެ.


މާލޭގެ ރަށްވެއްސެއްގެ ގޮތުގައި، ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ހިޔާ މަޝްރޫއުގެ ދަށުން ދެ ކެޓަގަރީއެއް ވަނީ ކަނޑައަޅައިފަ އެވެ. އެއީ ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށް ދޭ ދެ ކޮޓަރީގެ ފްލެޓާއި އެއް ކޮޓަރީގެ ފްލެޓް ހިމެނޭ ކެޓަގަރީ އެވެ.

ގެޒެޓުގައި މިހާރު އިއުލާންކޮށްފައިވާ ގޮތުން މި ދެ ކެޓަގަރީއަށް ވެސް ވަނީ އިސްލާހުތަކެއް ގެނެސްފަ އެވެ. އެ ގޮތުން، މި ކެޓަގަރީތަކުގައި ހިމެނޭ މީހުންނަށް ފްލެޓް ދިނުމުގައި ބަލާފައިވަނީ ދަފުތަރުގައި ދެމިހުރި މުއްދަތަށާއި މާލޭގައި މެދުނުކެނޑި ދިރިއުޅުނު މުއްދަތަށެވެ. އެގޮތުން އެންމެ ގިނަ ޕޮއިންޓް ލިބެނީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާތާ އެންމެ ގިނަ ދުވަސްވީ މީހުންނަށާއި މާލޭގައި ދިރިއުޅޭތާ އެންމެ ގިނަ ދުވަސްވީ މީހުންނަށެވެ.

ޕޮއިންޓް ދޭ އުސޫލު - (ދަފުތަރުގައި ދެމިހުރި މުއްދަތު)

- ދަފުތަރުގައި ރަޖިސްޓްރީވެފައިވާތާ ފަސް އަހަރު ނުވާނަމަ- 5 ޕޮއިންޓް

- ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާތާ 5 އަހަރުވެ، 10 އަހަރު ނުވާނަމަ - 10 ޕޮއިންޓް

- ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާތާ 10 އަހަރުވެ، 15 އަހަރު ނުވާނަމަ - 15 ޕޮއިންޓް

- ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާތާ 15 އަހަރުވެ އިތުރުވެފައިވާނަމަ - 20 ޕޮއިންޓް

މާލޭގައި މެދުނުކެނޑި ދިރިއުޅުނު މުއްދަތު

- މާލޭގައި ދިރިއުޅޭތާ 5 އަހަރު ނުވާނަމަ - 5 ޕޮއިންޓް

- މާލޭގައި ދިރިއުޅޭތާ 5 އަހަރުވެ، ދިހަ އަހަރު ނުވާނަމަ - 10 ޕޮއިންޓް

- މާލޭގައި ދިރިއުޅޭތާ 10 އަހަރުވެ، 15 އަހަރު ނުވާނަމަ - 15 ޕޮއިންޓް

- މާލޭގައި ދިރިއުޅޭތާ 15 އަހަރުވެ އިތުރުވެފައިވާނަމަ - 20 ޕޮއިންޓް

މީގެ އިތުރުން ޕޮއިންޓް ދިނުމުގައި އާއިލާގެ ކުޑަބޮޑުމިނަށް ވެސް ބަލަ އެވެ. އެގޮތުން ދަރިއަކު ނެތް ނަމަ ފަސް ޕޮއިންޓް ލިބޭއިރު، ދަރިންގެ އަދަދު ތިނެއް ނުވަތަ އެއަށް ވުރެ އިތުރު ވާނަމަ 20 ޕޮއިންޓް ލިބެ އެވެ. އަދި އާއިލާގައި ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ހުންނަ ނަމަ އިތުރު ޕޮއިންޓް ލިބޭއިރު، ދިރިއުޅުމުގެ ހާލަތަށް ބަލާފައި އިތުރަށް ޕޮއިންޓް ދެ އެވެ.

ފްލެޓަށް އެދި ކުރިމަތިލާއިރު މި ދެ ކެޓަގަރީގައި ހިމެނޭ މީހުން ވެސް، އެ މީހުން މާލޭގައި ދިރިއުޅުނު މުއްދަތަށް ހެކިވާ ދެ ހެކިންގެ އައިޑީކާޑުގެ ކޮޕީ ހުށަހަޅަން ޖެހެ އެވެ. އޭގެ އިތުރުން، މި ކެޓަގަރީތަކުގެ ދަށުން ދޫކުރާ ފޯމަށް ބަދަލުތަކެއް ގެނެސް، ތިން ސަފުހާ ވަނީ އިތުރުކޮށްފަ އެވެ.

މާލޭ ދަފުތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ވަނީ ހުޅުވާލައިފަ އެވެ. އަދި ދަފުތަރުގައި ރަޖިސްޓްރީވުމަށް ހުށަހަޅަން ވަކި އޮފީހެއް ހަދައި، ދަފުތަރުގައި ރަޖިސްޓްރީވާ މީހުން ފްލެޓަށް އެދޭ ފޯމު އެތަނަށް ހުށަހެޅޭނެ ކަމަށް ގެޒެޓުގައި ވަނީ ބުނެފަ އެވެ.

މީގެ 31 އަހަރު ކުރިން ހުޅުވާލި "ހާއްސަ ދަފުތަރު"ގައި މިހާތަނަށް މާލޭގެ 3،264 މީހުން ރަޖިސްޓްރީ ވެފައިވެ އެވެ. އަދި މާލެ އަށް ރަޖިސްޓްރީ ބަދަލުކުރުމަށް އެކި ރަށްރަށުން 12،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ވެފައިވެ އެވެ.