ދަފުތަރުގައި ތިބި މީހުން ފްލެޓް އެދެން އާ ފޯމެއް ހުށަހަޅަން ޖެހިއްޖެ

މާލޭ ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުން، ސަރުކާރުގެ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދެން އަލުން ފޯމް ހުށަހަޅަން ޖެހިއްޖެ އެވެ.


ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ހިޔާ މަޝްރޫއުގެ ދަށުން ދެ ކެޓަގަރީއެއް ވަނީ ކަނޑައަޅައިފަ އެވެ. އެއީ ދަފުތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށް ދޭ ދެ ކޮޓަރީގެ ފްލެޓާއި އެއް ކޮޓަރީގެ ފްލެޓް ހިމެނޭ ކެޓަގަރީ އެވެ.

ފްލެޓަށް ކުރިމަތިލުމަށް އާ ފޯމެއް ހުށަހަޅަން މި ޖެހުނީ، ދަފުތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން އަލުން ހުޅުވާލައި، ފްލެޓް ދިނުމުގައި ޕޮއިންޓްދޭ ބައެއް އުސޫލުތަކަށް ބަދަލު ގެނައުމުންނެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ނައިބު އިބްރާހިމް ނަޒީމް ވިދާޅުވީ ދަފުތަރު ކެޓަގަރީގެ ދަށުން ކުރިން ފްލެޓަށް ފޯމުލާފައިވާ މީހުން ވެސް، އަލުން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ.

"އެކަމަކު އެ އެންމެންނަށް ވެސް އަޅުގަނޑުމެން ވަކިވަކިން ގުޅައި، މި ތަނަށް ގެނެސްގެން، ފޯމުލުމުގެ ފުރުސަތު ދޭނަން،" އޭނާ ވިދާޅުވި އެވެ.

ދަފުތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހުޅުވާލުމާއެކު، އެކަމަށް ހައުސިން މިނިސްޓްރީގައި ވަކި އޮފީހެއް ވަނީ ގާއިމުކޮށްފަ އެވެ. ދަފުތަރުގައި ރަޖިސްޓްރީ ވުމާއި އެ ކެޓަގަރީގެ ދަށުން ފޯމު ބަލައިގަތުން ވެސް ހަމަޖެހިފައިވަނީ އެތަނުންނެވެ.

ނަޒީމް ވިދާޅުވީ ދަފުތަރުގައި ރަޖިސްޓްރީ ވުމާއެކު ވަގުތީ ލިޔުމަކާއެކު ސްލިޕްކޮޅެއް ލިބޭނެ ކަމަށެވެ. ދަފުތަރު ކެޓަގަރީއަށް ފޯމު ހުށަހަޅަން ޖެހެނީ އެ ސްލިޕާއެކު އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދަފްތަރުގައި ރަޖިސްޓްރީވާން ހުށަހެޅި ނަމަވެސް، އެ މީހެއްގެ ނަން ދަފުތަރުގައި އޮންނާނީ އަންނަ ސެޕްޓެމްބަރު 23ގައި އޮންނަ ރިޔާސީ އިންތިހާބަށް ފަހު އެވެ. އެއީ ރިޔާސީ އިންތިހާބުުގައި ވޯޓުލުމުގެ ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އެކުލަވާލައިި، މިހާރު އިއުލާން ކޮށްފައިވާތީ އެކަމުގެ ސަބަބުން ބައެއް މީހުންނަށް ވޯޓުލުމުގެ ހައްގު ގެއްލިދާނެތީ ކަމަށް ނަޒީމް ވިދާޅުވި އެވެ.

ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މީހުންގެ ކެޓަގަރީއަށް ގެނައި އިސްލާހުތަކުގެ ދަށުން މިހާރު ފްލެޓް ދިނުމުގައި ބަލަނީ ދަފުތަރުގައި ދެމިހުރި މުއްދަތަށާއި މާލޭގައި މެދުނުކެނޑި ދިރިއުޅުނު މުއްދަތަށެވެ. އެގޮތުން އެންމެ ގިނަ ޕޮއިންޓް ލިބެނީ ދަފުތަރުގައި ރަޖިސްޓްރީވެފައިވާތާ އެންމެ ގިނަ ދުވަސްވީ މީހުންނަށާއި މާލޭގައި ދިރިއުޅޭތާ އެންމެ ގިނަ ދުވަސްވީ މީހުންނަށެވެ.

އަދި ފްލެޓަށް އެދި ކުރިމަތިލާއިރު މި ދެ ކެޓަގަރީގައި ހިމެނޭ މީހުން ވެސް، އެ މީހުން މާލޭގައި ދިރިއުޅުނު މުއްދަތަށް ހެކިވާ ދެ ހެކިންގެ އައިޑީކާޑުގެ ކޮޕީ ހުށަހަޅަން ޖެހެ އެވެ. އޭގެ އިތުރުން، މި ކެޓަގަރީތަކުގެ ދަށުން ދޫކުރާ ފޯމަށް ބަދަލުތަކެއް ގެނެސް، ތިން ސަފުހާ ވަނީ އިތުރުކޮށްފަ އެވެ.

މީގެ 31 އަހަރު ކުރިން ހުޅުވާލި "ހާއްސަ ދަފުތަރު"ގައި މިހާތަނަށް މާލޭގެ 3،264 މީހުން ރަޖިސްޓްރީ ވެފައިވެ އެވެ. އަދި މާލެ އަށް ރަޖިސްޓްރީ ބަދަލުކުރުމަށް އެކި ރަށްރަށުން 12،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ވެފައިވެ އެވެ.