އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ރަނިންމޭޓަކަށްވުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ނައިބު ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަން އާއި ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް ވެސް މިއަދު ކުރިމަތިލައްވައިފި އެވެ.
އިދިކޮޅު ރިޔާސީ ކެންޑިޑޭޓަކަށް އެމްޑީޕީގެ ކޮންގްރެސް އިން އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ރައީސް އިބޫ ހަމަޖައްސާފައި ވާއިރު ނައިބުކަން ދޭން ނިންމާފައި ވަނީ ޖުމްހޫރީ ޕާޓީން ކަނޑައަޅާ ބޭފުޅަކަށެވެ. އެ ޕާޓީން ރަނިންމޭޓަކު ކަނޑައަޅާފައި އަންނަ ހުކުރު ދުވަހު ބާއްވާ ޖޭޕީގެ ކައުންސިލްގެ 38 މެންބަރުންގެ ވޯޓުންނެވެ.
ރަނިންމޭޓް ކަމަށް ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ އަމީން ވެސް އިއްޔެ ވަނީ ކުރިމަތިލައްވައިފަ އެވެ.
ޖޭޕީގެ އިދާރާއަށް ފޯމު ހުށަހެޅުއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ ކައުންސިލް އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި މަގްސަދަކީ ރާއްޖޭގައި އިންސާފު ގާއިމުކުރެއްވުން ކަމަށެވެ.
"ހުރިހާ ބޭފުޅުންގެ އަރިހުން ވެސް އެދެން ބޭނުންވަނީ އަޅުގަނޑަށް އިތުރަށް ކުރިއަށް ދިއުމަށް މި ފުރުސަތު ދެއްވާށޭ. އަޅުގަނޑުގެ ވިސްނުމަކީ ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެންމެން މި ބޭނުންވާ އިސްލާހުގެ މަގަށް ދަތުރުކޮށް އަޅުގަނޑުމެންގެ ތެރެއިން އެއްވެސް ރައްޔިތަކީ އިންސާފުން ބާކީވެގެން ނުދާނެ ރައްޔިތެއް ކަމުގައި ހެދުން،" ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ އޭނާގެ ތަޖުރިބާއިންނާއި މިހާރުގެ ސިޔާސީ ހާލަތުން ދިވެހިން ބޭނުންވާ ކަންކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑުގެ ހާއްސަ މަޖިލީހުގެ ތަޖުރިބާއިން އަދި މިހާރު މި ހިނގަމުންދާ ކަންތައްތަކުން ވެސް އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭ ދިވެހި ރައްޔިތުން ބޭނުންވަނީ ކޮންކަންތައްތަކެއްކަން. އާދެ، ހަމަޖެހުމާއި ސުލްހަމަސްލަސްކަމާއި އަމާންކަން އެއީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަންތައް،" އޭނާ ވިދާޅުވި އެވެ.
ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ރަޝީދު ވެސް ވިދާޅުވީ އުއްމީދަކީ މިހާރު މި ހިނގަމުންދާ ވެރިކަން ނިމުމަކަށް ގެނައުން ކަމަށެވެ.
"އަޅުގަނޑުގެ އުއްމީދަކީ ރިޔާސީ އިންތިހާބުގައި ވާދަކޮށް މިހާރު މި ހިނގަމުންދާ އަނިޔާވެރި ސަގާފަތް ނިމުމަކަށް ގެނެސް ރައްޔިތުންނަށްޓަކައި އިންތިހާބު ކާމިޔާބު ކުރުމަކީ އަޅުގަނޑުގެ އަމާޒު އަދި އެންމެ ބޮޑު އުއްމީދު،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދިވެހިންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އިދިކޮޅު ޕާޓީތަކުން އަދި ރަނިންމޭޓަކު ކަނޑައަޅާފައި ނުވިޔަސް ރައީސް އަބްދުﷲ ޔާމީންގެ ނައިބަކަށް މިހާރު ވަނީ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖައްސަވައިފަ އެވެ.