ދަފްތަރުގައި ޖެއްސުމަށް، ތިން ދުވަސް ތެރޭގައި 1،800 ފޯމު ނަގައިފި

މާލޭ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް މިދިޔަ ތިން ދުވަހުގެ ތެރޭގައި 1،800 އަށް ވުރެ ގިނަ މީހުން ފޯމު ނަގާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.


ދަފްތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު މިދިޔަ ބުދަ ދުވަހު ހުޅުވާލުމާ އެކު، ބޮޑު ތަރުހީބެއް ލިބިފައި މި ވަނީ، ދަފްތަރުގައި ޖައްސާފައިވާ މީހުންނަށް ފްލެޓް ދޭން ސަރުކާރުން ނިންމާފައި ވާތީ އެވެ. މާލޭގެ ރަށްވެއްސެއްގެ ގޮތުގައި، ދަފްތަރުގައި ރަޖިސްޓަރީ ވެފައިވާ މީހުންނަށް ހިޔާ މަޝްރޫއުގެ ދަށުން ދެ ކެޓަގަރީއެއް ވަނީ ކަނޑައަޅައިފަ އެވެ. އެއީ ދަފްތަރުގައި ރަޖިސްޓަރީ ވެފައިވާ މީހުންނަށް ދޭ ދެ ކޮޓަރީގެ ފްލެޓާއި އެއް ކޮޓަރީގެ ފްލެޓް ހިމެނޭ ކެޓަގަރީ އެވެ.

ހައުސިން މިނިސްޓްރީން ބުނީ ދަފްތަރުގައި ރަޖިސްޓަރީ ވުމުގެ ފުރުސަތު، މުއްދަތެއް ނެތް ގޮތަށް ހުޅުވާލާފައި އޮތް ނަމަވެސް، ދަފްތަރު ކެޓަގަރީން ފްލެޓަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 31 ގައި ހަމަވާނެ ކަމަށެވެ. އެހެންވެ، ވީހާ ވެސް ގިނަ ބަޔަކު ދަފްތަރުގައި ރަޖިސްޓްރީ ވުމަށް މިނިސްޓްރީން އެދިފައި ވެ އެވެ.

ދަފްތަރުގައި ރަޖިސްޓަރީ ވުމުގެ ފުރުސަތު ހުޅުވާލުމާ އެކު، އެ ކަމަށް ހައުސިން މިނިސްޓްރީގައި ވަކި ތަނެއް ވަނީ ގާއިމްކޮށްފަ އެވެ. ދަފްތަރުގައި ރަޖިސްޓަރީ ވުމާއި އެ ކެޓަގަރީގެ ދަށުން ފްލެޓަށް ފޯމު ބަލައިގަތުން ވެސް ހަމަޖެހިފައިވަނީ އެތަނުންނެވެ.

ހައުސިން މިނިސްޓްރީގެ ނައިބު އިބްރާހިމް ނަޒީމް ވިދާޅުވީ، ދަފްތަރުގައި ރަޖިސްޓަރީ ވުމާ އެކު، ވަގުތީ ލިޔުމަކާއި ސްލިޕްކޮޅެއް ލިބޭނެ ކަމަށެވެ. ދަފްތަރު ކެޓަގަރީއަށް ފޯމު ހުށަހަޅަން ޖެހެނީ އެ ސްލިޕާ އެކު އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދަފްތަރުގައި ރަޖިސްޓަރީ ވާން ހުށަހެޅި ނަމަވެސް، އެ މީހެއްގެ ނަން ދަފްތަރުގައި އޮންނާނީ އަންނަ ސެޕްޓެމްބަރު 23 ގައި އޮންނަ މި އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހު އެވެ. އެއީ ރިޔާސީ އިންތިޚާބުުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އެކުލަވާލައިި، މިހާރު އިއުލާން ކޮށްފައިވާތީ އެކަމުގެ ސަބަބުން ބައެއް މީހުންނަށް ވޯޓުލުމުގެ ހައްގު ގެއްލިދާނެތީ ކަމަށް ނަޒީމް ވިދާޅުވި އެވެ.

ދަފްތަރުގައި ރަޖިސްޓަރީ ވެފައިވާ މީހުންގެ ކެޓަގަރީ އަށް ގެނައި އިސްލާހުތަކުގެ ދަށުން މިހާރު ފްލެޓް ދިނުމުގައި ބަލަނީ ދަފްތަރުގައި ދެމިހުރި މުއްދަތަށާއި މާލޭގައި މެދުނުކެނޑި ދިރިއުޅުނު މުއްދަތަށެވެ.

އެގޮތުން، އެންމެ ގިނަ ޕޮއިންޓް ލިބެނީ ދަފްތަރުގައި ރަޖިސްޓަރީވެފައި ވާތާ އެންމެ ގިނަ ދުވަސްވީ މީހުންނަށާއި މާލޭގައި ދިރިއުޅޭތާ އެންމެ ގިނަ ދުވަސްވީ މީހުންނަށެވެ. މީގެ 31 އަހަރު ކުރިން ހުޅުވާލި "ހާއްސަ ދަފުތަރު"ގައި މިހާތަނަށް މާލޭގެ 3،264 މީހުން ރަޖިސްޓަރީ ވެފައި ވެ އެވެ. އަދި މާލެ އަށް ރަޖިސްޓަރީ ބަދަލުކުރުމަށް އެކި ރަށްރަށުން 12،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓަރީ ވެފައިވެ އެވެ.