ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ސައިންސް ފެއާ މިއަދު ބާއްވައިފި އެވެ.
އެ ސްކޫލުގައި ސައިންސް ކިޔަވަމުން އަންނަ ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވި ފެއާގައި، ސައިންސްގެ އެކި މާއްދާތަކާ ގުޅޭ ތަފާތު ޕްރޮޖެކްޓް ހަދައި، އެ ތަކެއްޗާ ގުޅޭ މައުލޫމާތު ފޯރުކޮށްދީފައި ވެ އެވެ.
ފެއާގައި، ވިލާ ހައި ސްކޫލުގައި ސައިންސް ސްޓްރީމަށް ކިޔަވާ ގްރޭޑް 11 އަދި 12ގެ ދަރިވަރުން ބައިވެރިވި އެވެ.
އެ ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދު ވިދާޅުވީ ސައިންސް ފަދަ މާއްދާތައް ކިޔަވާއިރު، އަމަލީ މައިދާނުގައި ދަރިވަރުން ކަންކަން ތަޖުރިބާ ކުރަން ޖެހޭ ކަމަށެވެ. އެ މަގުސަދުގައި މެންދުރު 1:30 އިން ހަވީރު 4:00 އަށް ބޭއްވި ފެއާއަށް ރަނގަޅު ތަރުހީބެއް ލިބުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދަރިވަރުން ކިޔަވަމުން އަންނަ މާއްދާތަކާ ގުޅޭ ތަފާތު ޕްރޮޖެކްޓުތައް ހަދާފައި ވަނީ. އެ އެއްޗެހި ތައްޔާރުކުރުމުގައި ވެސް ދަރިވަރުންނަށް ގިނަ ކަންތައްތަކެއް ދަސްވި. އެހެންވެ ސައިންސް ފެއާ ބޭއްވުމުގެ މަގުސަދު ހާސިލްވޭ،" ސައީދު ވިދާޅުވި އެވެ.
ދަރިވަރުން ތައްޔާރުކޮށްފައި ހުރި ޕްރޮޖެކްޓުތަކުގެ ތެރޭގައި އިންސާނުންގެ ސިކުނޑި މަސައްކަތް ކުރާ ގޮތާއި ވިންޑްމިލް މަސައްކަތް ކުރާ ގޮތް ދައްކުވައިދިނުން ހިމެނެ އެވެ.