ހުޅުމާލޭގައި އަޅާ 3،000 ހައުސިން ޔުނިޓްގެ ތެރެއިން ފުރަތަމަ ފިޔަވަހީގައި ހިމެނޭ 1،000 ފްލެޓް އަޅަން ސްރީލަންކާގެ ކޮރަލް ހޯލްޑިންގްސްއާ މިއަދު ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މުޅި މި މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައިވަނީ ދުބާއީގެ ކުންފުންޏަކާއި ދިވެހި ކުންފުންޏަކާ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަ ކުންފުނި ސީ ލައިފްއާ އެވެ. މަޝްރޫއުގެ މަސައްކަތް ސީލައިފްއާ ހަވާލުކޮށް، ފްލެޓްތަކުގެ ބިންގާ މީގެ ދެ އަހަރު ކުރިން ރައީސް އަބްދުﷲ ޔާމީން ވަނީ އަޅުއްވައިދެއްވާފަ އެވެ.
ދަރުބާރުގޭގައި ބޭއްވި ބޮޑު ރަސްމިއްޔާތެއްގައި ސީލައިފްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ތަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދެވެ. އަދި ކޮރަލް ހޯލްޑިންގްސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. އެސް ޕިރާބަހަރަން އެވެ.
ތިން ފިޔަވައްސަކަށް ބަހާލައިގެން ހިންގާ މި މަޝްރޫއުގެ ކޮންމެ ފިޔަވައްސެއްގައި ވެސް އެއް ހާސް ފްލެޓް އަޅާނެ އެވެ. މިއަދު މަސައްކަތް ފަށާ، ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހެވެ.
ސަރުކާރުގެ އަމާޒަކީ 2018 ގެ ކުރިން 3،000 ފްލެޓުގެ މަސައްކަތް ނިންމުމެވެ.
ސީލައިފުން އަޅާ މި ފްލެޓުތަކުގެ ތެރެއިން އެންމެ އަގު ހެޔޮކޮށް ވިއްކަނީ 1.9 މިލިޔަން ރުފިޔާ އަށް ދެ ކޮޓަރީގެ ފްލެޓެވެ. އަދި ތިން ކޮޓަރީގެ ފްލެޓުގެ އަގު 1.9- 2.6 މިލިޔަން ރުފިޔާގައި އުޅޭއިރު ހަތަރު ކޮޓަރީގެ ފްލެޓްގެ އަގު އުޅެނީ 2.8-3.3 މިލިޔަން ރުފިޔާގަ އެވެ.
މިއަށް ވުރެ ފެންވަރު މަތި ފްލެޓްތައް ވެސް އެކި އަގުތަކުގައި ވިއްކުމަށް ހަމަޖެހިފައި ވެ އެވެ.
ސީ ލައިފްގެ ހައުސިން ޔުނިޓްތައް މިހާތަނަށް 400 މީހުން ބުކް ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި ލަންކާގެ ފިނޭންސް މިނިސްޓަރު ރަވީ ކަރުނަނަޔަކަ ބައިވެރިވެ ވަޑައިގެންނެވި އެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ދިމާވި އެކި ޓެކްނިކަލް މައްސަލަތަކުގެ ސަބަބުން މަސައްކަތް ލަސްވި ނަމަވެސް ދެން މަސައްކަތް ވަރަށް ބާރަށް ކުރި އަށް ދާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ ހުޅުމާލެ ތަރައްގީކޮށް، އެކި ފެންވަރުގެ އެކި ފަންތީގެ ހައުސިން ޔުނިޓުތައް ގާއިމުކޮށް ރައްޔިތުން އެ ތަނުގައި ގެދޮރުވެރިކުރުވުން ކަމަށެވެ. އަދި އެ ތަނުގައި 15،000 ހައުސިން ޔުނިޓު އެޅުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭ ތަރައްގީ ކުރަމުން ދަނީ ވަރަށް ވިސްނުންތެރިކަމާ އެކު ބޭރުގެ ބަޔަކު ހަދާފައިވާ މާސްޓާ ޕްލޭނެއްގެ ދަށުންކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ އެ ތަނަށް ހަގީގީ ސިޓީއެއްގެ ސިފަ ޖެހޭނީ ހުޅުމާލޭން ދޫކޮށްފައިވާ ކޮމާޝަލް އަދި އިންޑަސްޓްރިއަލް ބިންތަކުގައި މަސައްކަތް ފެށި، މާލެ އާއި އެ އަވަށް ބްރިޖަކުން ގުޅާލެވުމުން ކަމަށެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އޭރުން އެތަނުގައި ގިނަ ވަޒީފާތަކެއް އުފެދިގެންދާނެ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ލަންކާގެ ފިނޭންސް މިނިސްޓަރު ކަރުނަނަޔަކަ ވިދާޅުވީ މި ފަދަ މަޝްރޫއުތަކަށް އެ ގައުމުން ވެވެން އޮތް ހުރިހާ އެހީއެއް ވެދޭނެ ކަމަށާއި ބޮޑެތި މަޝްރޫއުތަކުގައި ލަންކާގެ ކުންފުނިތަކުން ބައިވެރިވާތީ އެކަމާ އުފާ ކުރައްވާ ކަމަށެވެ.