މިދިއަ އަހަރަށް ވުރެ މި އަހަރުގެ މިހާތަނަށް އަތުލައިގަތް މަސްތުވާތަކެތި 42 ޕަސެންޓް އިތުރު

މިދިއަ އަހަރަށް ވުރެ މި އަހަރުގެ މިހާތަނަށް އަތުލައިގަތް މަސްތުވާތަކެތީގެ އަދަދު 42 ޕަސެންޓު އިތުރު ވެފައިވާ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.


ކަސްޓަމްސް އިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ކަސްޓަމްސްގެ ޗީފް ސުޕްރިންޓެންޑެންޓް އިސްމާއިލް ހަމްދޫން ވިދާޅުވީ މި އަހަރުގެ މިހާތަނަށް 23 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

އޭގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ކެނަބިސްގެ ބާވަތްތަކެވެ. އެގޮތުން އެ ބާވަތްތަކުގެ 9.4 ކިލޯ ވަނީ އަތުލައިގެންފަ އެވެ.

އޭގެ އިތުރުން ހެރޮއިންގެ 8.9 ކިލޯ، ހަޝިޝްގެ ބާވަތުގެ 1.8 ކިލޯ ވެސް، މިހާތަނަށް ކަސްޓަމްސް އިން ބެލި 54 މައްސަލާގައި އަތުލައިގެންފައިވެ އެވެ.

"މިދިޔަ އަހަރާ ބަލާއިރު މިއީ 42 ޕަސެންޓުގެ އިތުރުވުމެއް. [އެކަމަކު] މިއީ އަޅުގަނޑުމެން އުފާކުރާ ކަމެއް ނޫން،" ހަމްދޫން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންވަނީ މި ޕަސެންޓް ތިރިކުރަން."

ހަމްދޫން ވިދާޅުވި ގޮތުގައި "ޕާޓީ ޑްރަގްސް"ގެ ގޮތުގައި މަޝްހޫރުވެފައިވާ ބައެއް އެއްޗެހި އަތުލެވޭ މިންވަރު ވެސް މިހާރު ދަނީ ގިނަވަމުންނެވެ.

"މީގެ [ޕާޓީ ޑްރަގްސްގެ] ނުރައްކާ ކަމަކީ މީތި ހެދިފައި މިހުންނަނީ ވަރަށް ގިނަ ބާވަތުގެ ޑްރަގްސް އަޅައިގެން. އާންމު ގޮތެއްގައި ބޭނުން ކުރާ ޑްރަގްސްއަށް ވުރެ މީގެ ގެއްލުން މާ ގިނަ، މާ ބޮޑު."

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނެއިދު ވިދާޅުވީ މަސްތުވާތަކެތި އެތެރެ ކުރުން އެއްކޮށް ހުއްޓުވާ ނުލެވޭނެ ކަމަށެވެ.

"މިއީ މިއަދަކު ދިވެހި ރާއްޖެއަށް އުފަންވެގެން އުޅޭ ކަމެއް ނޫން. މިކަމެއް މުޅިންނެއް ނުވެސް ހުއްޓުވޭނެ. އެކަމަކު މިކަން މިނިމައިޒް ކުރެވޭނެ،" ދާދި ފަހުން ކަސްޓަމްސްއާ ހަވާލުވެވަޑައިގެންނެވި ޖުނެއިދު ވިދާޅުވި އެވެ.

"އަޅުގަންޑުމެންނެއް ނުދަންނަވަން މިހާތަނަށް ރާއްޖެއަށް އިތުރުވާ ޑްރަގްސް ހުއްޓުވީއެކޭ. ކެނޑިނޭޅި މަސައްކަތް ކުރަމުން މިދަނީ މަދުކުރަން."

އެކަމަކު އޭނާ ވިދާޅުވީ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމުގެ ޒަމާނީ ވަސީލަތްތައް އަދިވެސް ރާއްޖޭގައި ނެތް ކަމަށެވެ.