މާލޭގައި 14 އަހަރުގެ ފިރިހެން ކުއްޖަކަށް މިއަދު ހަވީރު ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
އެނގިފައިވާ ގޮތުގައި ހަވީރު 6:30 ހާއިރު ހިނގި މާރާމާރީގައި އެ ކުއްޖާގެ ބޮލުގެ ދެ ތަނަކަށާއި ފަޔަށް ވަނީ ވަޅި ހަރައިފަ އެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ.
ހަމަލާ ދިނުމާއެކު އެ ކުއްޖާ އެންމެ ފުރަތަމަ ގެންދިޔައީ ސެނަހިޔާ ހޮސްޕިޓަލަށެވެ. އެތަނުން ފަރުވާ ދިނުމަށްފަހު މިރޭ 9:00 ހާއިރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފަ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާރާމާރީގައި ޒަހަމްވި ކުއްޖާގެ ސީޓީ ސްކޭނެއް ހަދާފައިވާ ކަމަށެވެ. ހާލު ސީރިއަސް ނުވިއަސް އެމަޖެންސީގައި ބާއްވައިގެން އޭނާއަށް ފަރުވާ ދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާރާމާރީއެއް ހިންގައިގެން 6:50 ހާއިރު އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލާގައި މިހާތަނަށް އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ. ނަމަވެސް ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.