37،000 މީހުން ރީ-ރަޖިސްޓަރީ ކޮށްފި

އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށަކަށް ވޯޓުލުމަށް، 37،000 މީހުން މިހާތަނަށް ރީ-ރަޖިސްޓަރީ ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު ބުނެފި އެވެ.


އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ، ރީ-ރަޖިސްޓަރީ ވުމަށް ހުޅުވާލާފައިވާ މުއްދަތު އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހަމަވާއިރު، ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު ރަޖިސްޓަރީ ވަމުން އަންނަ ކަމަށެވެ. އެގޮތުން، ރޭގެ ނިޔަލަށް 37،000 މީހުން ރީ-ރަޖިސްޓަރީ ވެފައިވާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"މިއީ ގިނަ އަދަދެއް. މުއްދަތު ހަމަވާއިރު އަޅުގަނޑުމެން މި ބަލަނީ، ކުރީގެ އިންތިހާބެކޭ އެއްގޮތަށް މި ފަހަރު ވެސް 60-70 ހާސް މީހުން ރަޖިސްޓަރީ ވާނެ ކަމަށް،" އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށަކަށް ވޯޓުލާން ފުރާ ފޯމުތައް ހުރިހާ ޕާޓީތަކަކުން ވެސް ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު، އެއްފަހަރާ ގިނައިން ހުށަހަޅާ ފޯމުތައް ބަލައިގަނެ، ޕްރޮސެސް ކުރުމަށް ދެ ދުވަހެއް ވަރު ނަގާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް މަދުން ގެންނަ ފޯމުތައް ވަގުތުން ޕްރޮސެސް ކުރާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

އީސީގެ އެދުމަކީ ވީ އެންމެ އަވަހަކަށް، ރީ-ރަޖިސްޓަރީކޮށް ނިންމުމެވެ. އެއީ ރަޖިސްޓަރީ ކުރަން ހުޅުވާލާފައިވާ ފުރުސަތު ހަމަވުމުން، ޝަކުވާ ހުށަހެޅުމަށް ދޭ ތިން ދުވަހުގެ މުއްދަތުގެ ތެރޭގައި މައްސަލަތައް ހައްލު ކުރަން ދަތިވެދާނެތީ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ރީ-ރަޖިސްޓަރީ ކުރުމުގެ މުއްދަތު ކުޑަތަން ވެފައިވާ އިރު، އެކަމުގައި މަކަރު ހަދާ ކަމުގެ ތުހުމަތު، ވެރިކަން ކުރާ ޕާޓީ ޕީޕީއެމާއި އިދިކޮޅު ކޯލިޝަން ގައި ހިމެނޭ ޕާޓީތަކުން ވެސް ދަނީ ކުރަމުންނެވެ. އަދި އެ ކަމުގެ ތުހުމަތު އެއް ބަޔަކު އަނެއް ބަޔަކަށް ކުރެ އެވެ.

އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 263،000 މީހުންނަށް ލިބެ އެވެ. އަދި އިންތިޚާބުގައި ރާއްޖެ އަދި ބޭރުގެ ބައެއް ގައުމުތަކުގައި 490 އަށް ވުރެ ގިނަ ވޯޓު ފޮށި ބަހައްޓާނެ އެވެ.