ކުދި އުޅަނދުތަކުގެ އަހަރީ ފީ އުވާލައި، ޖޫރިމަނާ މާފުކޮށްފި

ކަނޑުގައި ދުއްވާ ކުދި އުޅަނދުފަހަރުގެ އަހަރީ ފީ އުވާލައި ޖޫރިމަނާ، އިކޮނޮމިކް މިނިސްޓްރީން މާފުކޮށްދީފި އެވެ.


އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އަހަރީ ފީގެ ގޮތުގައި ބޮޑު އަދަދެއް ދެއްކުމަކީ ކުދި އުޅަނދުތަކަށް އުނދަގޫވާ ކަމެއް ކަމަށެވެ. އެހެންވެ، އެ ކަމަށް ހައްލެއް ހޯދައިދިނުމަށް، ކަނޑުގައި ދުއްވަން ރަޖިސްޓަރީ ކޮށްފައިވާ ނުވަ މީޓަރަށް ވުރެ ކުދި އުޅަނދުފަހަރުގެ އަހަރީ ފީ ދެން ދައްކަން ނުޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

ކަނޑުގައި ދުއްވާ ކުދި އުޅަނދުފަހަރުގެ އަހަރީ ފީ ސަރުކާރުން މި އުވައިލީ، އޮޑިދޯނިފަހަރުގެ ޖޫރިމަނާ އާއި އެކި ފީތަކަށް ހައްލެއް ހޯދައިދެއްވާނެ ކަމަށް، އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަނުން ވާދަކުރައްވާ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ.

ކެމްޕެއިނަށް ތ. މަޑިފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އޮޑިދޯނި ފަހަރުން އަލަށް ނަގަން ފަށާފައިވާ ފީތައް އެތައް ބަޔަކަށް ބުރައަކަށް ވެފައި ވާތީ، އިދިކޮޅު ކޯލިޝަނެއްގެ ވެރިކަމެއްގައި އެކަން ހައްލުކޮށްދެއްވާނެ ކަމަށެވެ.

އަހަރީ ފީގެ އިތުރުން ގެއްލިގެންނާއި ހަލާކުވެގެން ބޭނުން ނުކުރެވޭ ކުދި ދޯނި ފަހަރާއި ޑިންގީ އަދި ބޮއްކުރާގެ ޖޫރިމަނާ ވެސް މިދިޔަ މަހުގެ 18 އިން ފެށިގެން މާފުކޮށްދޭން ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ.

އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަަބްދުﷲ ޝިޔާޒް ވިދާޅުވީ، 2004 ވަނަ އަހަރު ރާއްޖެ އަށް ކުރިމަތިވި ސުނާމީ ކާރިސާ ގައި ވެސް ގިނަ އުޅަނދުތަކެއް ހަލާކުވެ، ގެއްލިގެން ދިޔަ ކަމަށެވެ. އަހަރީ ފީ ނުދައްކައިގެން އެ އުޅަނދުތަކަށް ވެސް ބޮޑު ޖޫރިމަނާއެއް އަރާފައިވާ ކަމަށް ޝިޔާޒް ވިދާޅުވި އެވެ.

"ސުނާމީ ކާރިސާގައި ވެސް ގިނަ އުޅަނދުތަކެއް ގެއްލި ހަލާކުވެގެން ދިޔައިރު އެ އެއްޗިއްސަށް އެބަހުރި ވަރަށް ބޮޑު އަދަދަކުން ޖޫރިމަނާ އަރާފައި. އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލް ކުރެވޭނީ ޖޫރިމަނާ ދައްކައިގެން. އަހަރީ ފީ ނުދައްކައިގެން ކޮށްފައިވާ ޖޫރިމަނާތައް ދައްކައިދޭން މި ނިންމީ،" އޭނާ ވިދާޅުވި އެވެ.

ގަވައިދާ ހިލާފަށް ޕާކްކޮށްގެން ސައިކަލްތަކަށް އަރާފައިވާ 7.8 މިލިއަން ރުފިޔާގެ ޓްރެފިކް ޖޫރިމަނާ މާފުކޮށްދޭން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ. ނަމަވެސް އެއީ 2015 އަދި 2016 ވަނަ އަހަރު ކޮށްފައިވާ ޖޫރިމަނާތަކެވެ.