ރައީސް ޔާމީން، އދ. ގެ އެސިސްޓަންޓް އެސްޖީއާ ބައްދަލުކުރައްވައިފި

ރައީސް އަބްދުﷲ ޔާމީން، އދ. ގެ ސިޔާސީ ދާއިރާއާ ބެހޭ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް މރ. މިރޮސްލާވް އެންކާއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.


ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ޔާމީން ވަނީ ކުރި އަށް އޮތް ދުވަސްތަކުގައި ވެސް ރާއްޖެ އާއި އދ.އާ ދެމެދު އޮތް ގާތްކަން އޮންނާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

މީގެ އިތުރުން އަންނަ މަހުގެ 23ގައި ބާއްވާ ރިޔާސީ އިންތިހާބަކީ މިނިވަން މުސްތަގިއްލު އިންތިޚާބަކަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން، މިއަދު އދ. ގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލްއާ ބައްދަލު ކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް

އދ. ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކައިގައި ރާއްޖެ އަށް ވަޑައިގަތުމަށް އެ މަނިކުފާނަށް ދައުވަތު ދެއްވި ކަމަށްޓަކައި ޝުކުރު އަދާކުރެއްވި އެވެ. މި ސަރުކާރުން ހޯދާފައިވާ އިގްތިސާދީ ކާމީޔާބީތަކަށް ތައުރީފު ކުރައްވައި އެ ކާމިޔާބީގެ އަސްލަކީ ރައީސް ޔާމީން ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސްގެ އަރިހުގައި، ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމާއި، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރާއި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނަސީރު ބައިވެރިވެވަޑައިގެންނެވި އެވެ.