އަޅުގަނޑުމެން ކުރާނީ ފަސް އަހަރުގެ ހިދުމަތް، ކެމްޕޭނެއް ނޫން: ފައިސަލް

އިދިކޮޅު އިއްތިހާދުގެ ވެރިކަމެއް ގާއިމުކުރެވިއްޖެ ނަމަ، ކުރިއަށް އޮތް ފަސް އަހަރު ދުވަހު ރައްޔިތުންނަށް ކުރާނީ ހިދުމަތް ކަމަށާއި އޭގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ކެމްޕޭން ނޫން ކަމަށް، އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓު، ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.


އަންނަ މަހު 23 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރެއްވުމަށް މިހާރު ދ. އަތޮޅަަށް ކުރައްވާ ދަތުރުގައި، ހުޅުދެލީގައި ބޭއްވި ޖަލްސާއެއްގައި ވިދާޅުވީ ކޯލިޝަން ސަރުކާރެއް އެންމެ ފުރިހަމަ ގޮތުގައި ހިންގޭނީ ރައްޔިތުންގެ އިހުސާސްތައް ދަނެގެން ކަމަށެވެ.

"އަޅުގަނޑުމެންގެ މި މަސައްކަތަކީ، ރައްޔިތުންނާ ބައްދަލުކުރުން. އަޅުގަނޑުމެން ގަބޫލުކުރަނީ ކޯލިޝަން ސަރުކާރެއް، އޯގާތެރި ސަރުކާރެއް ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ހިންގޭނީ ރައްޔިތުންގެ އިހުސާސްތައް ދަނެގެން." ފައިސަލް ވިދާޅުވި އެވެ.

އެގޮތުން ރައްޔިތުންނަށް ކުރިމަތިވާ ދަތިތައް ހައްލުކުރާނީ ހަލުވި ސްޕީޑެއްގައި ކަމަށް ފައިސަލް ވިދާޅުވި އެވެ. އޭގެ އިތުރުން ރައްޔިތުންގެ ތާއީދު ލިބިގެން ހޮވާ ކައުންސިލަރުންނަށް ގާނޫނުގެ ދަށުން ހިދުމަތް ދެވޭނެ މަގު ފަހިކޮށްދީ، ކައުންސިލަރުން ބާރުވެރި ކޮށް އެ ރަށެއްގައި ގިނަ ހިދުމަތް ކޮށްދިނުމަކީ އިދިކޮޅު ކޯލިޝަންގެ މައިގަނޑު އަސާސެއްކަމަށް ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުން ހިމާޔަތް ކުރުމުގެ ވާހަކަ ދައްކާ އިރު، ރައްޔިތުން ހިޔާމަތް ކުރެވޭނީ ރަށްތައް ހިމާޔަތް ކުރެވިގެންނެވެ. އެ ގޮތުން ސިއްހީ ހިދުމަތް ހޯދުމަށްޓަކައި ކަނޑު ހުރަސް ކޮށް ދަތުރު ކުރުން މަދުކޮށް އެ ކަމަށް ހައްލެއް ގެނެސްދީ، ތައުލީމީ ނިޒާމަށް ބޮޑު އިންގިލާބީ ބަދަލެއް ގެންނާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

އިދިކޮޅު ރަނިންމޭޓް ފައިސަލް ނަސީމް ފ. އާއި ދ. އަތޮޅުގެ 13 ރަށަކަށް ކުރައްވާ ދަތުރު ފެއްޓެވީ އިއްޔެ އެވެ. އެގޮތުން ފ. އަތޮޅުން ވަޑައިގަންނަވާނީ ފީއައްޔާއި މަގޫދު އާއި ބިލެއްދޫ އާއި ދަރަނބޫދޫ އަދި ނިލަންދު އަށެވެ. ދ. އަތޮޅުން ފައިސަލް ވަޑައިގަންނަވާނީ ހުޅުދެއްޔާއި ރިނބުދު އާއި ބަނޑިދު އާއި މީދު އާއި މާއެނބޫދޫ އަދި ކުޑަހުވަދު އަށެވެ.