މި ވަނީ ހުވަފެނީ ވައުދުތަކެއް ނޫން، ކަންކަން ފުރިހަމަކޮށްދޭނަން: އިބޫ

ރަށްްރަށަށް ވަޑައިގެން، ކޮށްދޭނެ ކަމަށް ވައުދުވެ ވަޑައިގަންނަވާ ކަންކަމަކީ ހުވަފެނީ ވާހަކަތަކެއް ނޫން ކަމަށާއި ކޯލިޝަންގެ ވެރިކަމެއްގައި އެ ކަންކަން ފުރިހަމަ ކޮށްދެއްވާނެ ކަމަށް، އިދިކޮޅު ކޯލިޝަން ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.


ހދ. އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރު ނިންމަވާލެއްވުމަށް ފަހު މިއަދު ކ. ގުޅިއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން އިބޫ ވަނީ އެ ރަށަށް ވެސް ގިނަ ކަންތައްތަކަކަށް ވައުދުވެ ވަޑައިގެންފަ އެވެ. އޭނާ ވިދާޅުވީ އެ ވައުދުތަކަކީ، ރައީސް އަބްދުﷲ ޔާމީންގެ ވައުދުތަކާ ޚިލާފަށް، ހުވަފެެނެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން މި ދައްކާ ވާހަކަތަކަށް އަމަލީ ސިފަ އަންނާނެ. މިއީ ދައްކާ ހުވަފެންތަކެއް ނޫން. އެކަން ކުރާނެ ގޮތާއި ފައިސާ ހޯދާނެ ގޮތް އަޅުގަނޑުމެންގެ މެނިފެސްޓޯގައި އޮންނާނެ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ 20 ރަށެއްގައި ނަރުދަމާގެ މަޝްރޫއު ފެށުމަށް މިދިޔަ ޖުލައި މަހު ސްރީ ލަންކާގެ ކުންފުންޏަކާއެކު ސަރުކާރުން ސޮއިކުރި އިރު އެ ރަށްތަކުގެ ތެރޭގައި ގުޅި ވެސް ހިމެނޭ ކަމަށާއި އެކަމަކު ގުޅީގައި ނަރުދަމާ އަޅަން މީގެ ކުރިން ސޮއިކޮށްފައިވާ ކަމަށެވެ. އަދި ދެވަނަ ފަހަރަށް ސާވޭކުރަން އެ ރަށަށް ސަރުކާރުގެ ޓީމެއް ދިޔަ ކަމަށް ވިދާޅުވި އެވެ. އެކަމަކު އެކަން ކުރެވޭނީ ހަތަރު މަސް ފަހުން ކަމަށް އެ ޓީމުން އަންގާފައިވާ ކަމަށާއި އެހެންވެ، އެއީ އަމަލީ ސިފަ އަންނާނެ މަސައްކަތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އިބޫ މިއަދު ގުޅިއަށް ވަޑައިގެން އެ ރަށުގެ ޖަގަހައެއް ހުޅުއްވައިދެއްވަނީ

އިބޫ ވަނީ ގުޅީގެ އިތުރުން، ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ނަރުދަމާ އާއި ބޯފެނުގެ ހިދުމަތް ދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ. އަދި ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ އެ ރަށުން، ކޯލިޝަނުގެ ވެރިކަމުގައި ގޯތި ދޫކުރަން ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިސޯޓުތަކާއި ގެސްޓްހައުސްތަކުން ގްރީން ޓެކްސް ނަގަން ފެށުމުން، އެއިން ލިބޭ ފައިސާ، ތިމާވެށި ހިމާޔަތް ކުރުމަށާއި ކުނި ނައްތާލުމަށް ބޭނުންކުރާނެ ކަމަށް އުންމީދުކުރެއްވި ކަމަށެވެ. އެކަމަކު އެ ފައިސާ ހަރަދު ކުރާ ދިމާލެއް އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއްގައި، އެ ފައިސާ ލާނީ ގްރީން ފަންޑަކަށް. އަދި އެއިން ބައެއް ކައުންސިލްތަކަށް ދީ، ކުނި ނައްތާލެވޭނެ އިންތިޒާމް އެ ފައިސާއިން ހަމަޖައްސައިދޭނެ،" އިބޫ ވިދާޅުވި އެވެ.

އޭނާ ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ކުނި ނައްތާލެވޭނެ ގޮތް ހަދައި، އެއިން ހަކަތަ އުފެއްދޭނެ ގޮތް ހެދުމަށް ވެސް ވައުދުވެ ވަޑައިގެންފަ އެވެ.

ރިޔާސީ އިންތިހާބު ކައިރިވަމުން އަންނައިރު، ކުރަން ޖެހޭ މަސައްކަތްތައް ގިނަ ކަމަށާއި އެކަމަކު ގިނަ ރަށްތަކެކޭ އެއްގޮތަށް، ގުޅި ވެސް އޮތީ ބަދަލަކަށް އެދިގެން ކަމަށް އިބޫ ވިދާޅުވި އެވެ. އަދި ގިނަ ބައެއްގެ ތާއީދާއެކު، އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް މިއަދު ވެސް އޭނާ ވިދާޅުވި އެވެ.