ޔާމީންގެ ދެ ވަނަ ދައުރެއްގައި ރަށްތައް ފަޅުކުރާނެ: އަމީން

ވެރިކަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީނަށް ދެ ވަނަ ފުރުސަތެއް ދީފި ނަމަ ރާއްޖޭގެ ރަށްތައް ފަޅުކުރައްވާނެ ކަމަށް، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެ އެވެ.


އިދިކޮޅު ޕާޓީތަކުގެ ކޯލިޝަނުން މިރޭ އއ. މަތިވެރީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ރައީސް ޔާމީންގެ ވިސްނުންފުޅަކީ މާލޭގެ ސަރަހައްދަށް މީހުން ޖަމާކުރުން ކަމަށާއި ދެ ވަނަ ދައުރެއްގައި، ރަށްތައް ފަޅުކޮށްގެން ވެސް އެ މަނިކުފާނު މި ސަރަހައްދަށް މީހުން ޖަމާކުރައްވާނެ ކަމަށެވެ.

އެހެންވެ، އަންނަ މަހުގެ 23ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓުލާއިރު އެކަމާ ރައްޔިތުން ވިސްނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ރާއްޖެއަށް ބޮޑެތި ތަރައްގީތަކެއް ގެންނެވި ކަމަށް ރައީސް ވިދާޅުވާއިރު، ވޭތުވެ ދިޔަ ފަސް އަހަަރުގެ ތެރޭގައި ހިންގާފައިވާ މަޝްރޫއުތަކުގެ ސަބަބުން ގައުމު ދިހަ އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށެވެ. އެގޮތުން 650 މިލިޔަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީ ކުރެވެން އޮތް އެއާޕޯޓަށް، 1،200 މިލިޔަން ޑޮލަރު ހަރަދު ކުރަން ނިންމެވުމަކީ ފަހަތަށް ނެންގެވި ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ. އަދި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް އެޅުމަށް އެންމެ ބޮޑުވެގެން، 50-60 މިލިޔަން ޑޮލަރު ހަރަދު ކުރެވެން އޮތް އިރު، އެ މަސައްކަތް 150 މިލިޔަން ޑޮލަރަށް ކުރެއްވުމަކީ ވެސް ފަހަތަށް އެޅުއްވި ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ތިޔަބޭފުޅުންގެ ނަރުދަމާގެ ހިދުމަތާއި ސިއްހީ ހިދުމަތް ތަރައްގީ ކުރުމަށް ހޭދަކުރަން ހުރި ފައިސާ. އެހެންވެ، ފަސް އަހަރުގެ ތަރައްގީގެ ވާހަކަ ދައްކާއިރު، އެހެން ހިދުމަތްތަކުން މި ވަނީ ވަރަށް ބޮޑަށް ފަހަތަށް ގޮސްފައި،" ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް ކުރެއްވި އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ހިދުމަތްތައް ނުލިބޭނަމަ، ގައުމު ތަރައްގީވި ކަމަކަށް ނުބެލޭނެ ކަމަށާއި ގިނަ ރަށްރަށް އެ ހިދުމަތްތަކުން މަހުރޫމްވެފައިވާ ކަމަށެވެ. އަދި ގައުމުގެ ހަގީގީ ހާލަތު ހުރީ އެ ހިސާބުގައި ކަމަށް ވިދާޅުވި އެވެ.

"ގައުމުގެ ހަގީގީ ހާލަތު ހުރި ހިސާބަކީ، ގިނަ ރަށްރަށުގައި ނަރުދަމާގެ ހިދުމަތެއް ލިބޭކަށެއް ނެތް. ބޭސް ފަރުވާގެ ހިދުމަތް ލިބޭކަށެއް ނެތް. އެކަމަކު މިއީ ރައްޔިތުން ޓެކްސް ދައްކައިގެން ހޯދާ ހިދުމަތްތަކެއް،" އަމީން ވިދާޅުވި އެވެ.