މި އަހަރުގެ ރިޔާސީ އިންތިޚާބުން ރައީސް އަބްދުﷲ ޔާމީނަށް ރަނގަޅު ނަތީޖާއެއް ގދ. ތިނަދޫން ދައްކަންޖެހޭ ކަމަށް އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
ގދ. އަތޮޅުގައި އެންމެ އާބާދީ ބޮޑު ރަށަށް އިއްޔެ ފެއްޓެވި ކެމްޕެއިން ދަތުރުގައި، ޒުވާނުންނާ ބައްދަލުކުރައްވައި ޝަހީމް ވިދާޅުވީ، ތިނަދޫގެ އުމްރާނީ ތަރައްގީ އަށް މިހާތަނަށް އެންމެ ގިނަ ކަންތައްތަކެއް ކޮށްދެއްވި ރައީސަކީ ރައީސް ޔާމީން ކަމަށެވެ. އޭގެ ތެރޭގައި ތިނަދޫގެ ސިއްހީ ދާއިރާ ތަރައްގީ ކުރުމާއި ސަގާފީ ކަންކަމާއި އެ ރަށަށް ޚާއްސަ އިސްލާމީ މަރުކަޒެއް އިމާރާތް ކުރުމާއި މަގުތައް ހެދުމާއި ނަރުދަމާގެ ނިޒާމާއި ބަނދަރު ހެދުން ފަދަ ކަންކަން ހިމެނޭ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"ކޮން ރައީސެއް މިކަންތައް ކޮށްދެއްވީ. ތިޔަބޭފުޅުން ވިދާޅުވެ ބައްލަވާ. [އެއީ] ރައީސް ޔާމީން،" ހަފުތާއެއްހާ ދުވަސް ވަންދެން ފުވައްމުލަކުގައި ކެމްޕެއިން ކުރެއްވުމަށް ފަހު، ތިނަދު އަށް ވަޑައިގެން އެ ރަށުގެ ޒުވާނުންނާ ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވި އެވެ.
"ދެން ކީއްވެގެން ރައީސް ޔާމީނަށް ނޫނެކޭ ބުނަންވީ. މި ހުރިހާ ކަމެއް އަޅުގަނޑުމެންނަށް ރައީސް ޔާމީން ކޮށްދެއްވާފައި މިވަނީ ސިޔާސީ ގޮތުން ރާއްޖޭގެ އެއްވެސް ރައީސަކަށް ކުރިމަތި ނުވާ ފަދަ ސިޔާސީ ގޮންޖެހުންތައް އެމަނިކުފާނު ގިރާ ކުރައްވަމުން ވަޑައިގެން. ދެން ވިސްނަވާ އެމަނިކުފާނުގެ ވިސްނުމާއި ހިކުމަތް. ދިވެހިރާއްޖޭގެ މިހާރުގެ ސަރުކާރު ފުރޮޅާލުމަށް ކިތައް ފަހަރުތޯ މަސައްކަތް ކުރީ ރާއްޖޭގެ އެތެރެއިންނާއި ބޭރުން. އެކަމަކު، އެމަނިކުފާނު ގިނިކަންޏާ އެކަންކަމާ ކުރިމަތިލައްވައި މި ގައުމު އަނެއްކޮޅުން ތަރައްގީ ވެސް ކުރައްވާ."
ޝަހީމް ވިދާޅުވީ ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލައްވައި ނަސްރު ހޯއްދަވައިގެން ރައްޔިތުންނަށް ޚިދުމަތް ކުރެވޭނީ ވަރަށް އާދަޔާ ޚިލާފު ލީޑަޝިޕަކަށް ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރު ދަމަހައްޓަން ޖެހެނީ ޝަހީމް ވިދާޅުވި ގޮތުގައި އެ ސަބަބާ ހެދި އެވެ.
"އެހެންވީމާ ޒުވާނުންނަށް އަޅުގަނޑު ގޮވާލަނީ ވިސްނައި، ފިކުރު ހިންގައި، ގައުމު އިސްކުރާށޭ. ޕާޓީއެއް، ވަކި މީހެއް ނޫނޭ އިސްކުރަންވީ. އިސްކުރަންވީ ގައުމު. ގައުމާއިގެން މިވަގުތު ކުރިއަށް ދެވޭނެ ހަމައެކަނި ލީޑަރަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް. އެހެންވީމާ ތިޔަ ހުރިހާ ޒުވާނުން ރައީސް ޔާމީނަށް ވޯޓު ދެއްވާށޭ. ތިޔަ ހުރިހާ ޒުވާނުންނާއި ބެލެނިވެރިންނާއި ރަހުމަތްތެރިންނާއި ހުރިހާ އެކުވެރިން އެންމެން ވެސް އެކުއެކީގައި ރައީސް ޔާމީނަށް ވޯޓު ދެއްވާާށޭ،" އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރުގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވި ގޮތުގައި ޒުވާނުންގެ މަސްލަހަތު އިސްކުރުމުގައި އޭނާ ރައީސް ޔާމީންގެ އަރިހުގައި ދެމިހުންނެވުމަކީ ޒުވާނުންނަށްޓަކައި ވާ ވައުދެކެވެ. އެހެންވެ، އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ތިނަދޫގެ ޒުވާނުންނަކީ ހުވަދު އަތޮޅަށް ވެސް ނަމޫނާ ބަޔަކަށް ވުމަށް ޝަހީމް އެދިވަޑައިގަތެވެ.
ޝަހީމް ވިދާޅުވީ، ތިނަދޫ އޮތީ ރައީސް ޔާމީނާ އެކު ކަން މުޅި ރާއްޖެ އަށް ވެސް ދައްކަންޖެހޭ ކަމަށެވެ. އަދި ތިނަދޫ މީހުންނަކީ ވަފާތެރި ބައެއް ކަން ދައްކަންޖެހޭ ކަމަށް ވިދާޅުވި އެވެ.
"މި ރަށަށް މިހާ ބޮޑު ޚިދުމަތްތަކެއް ކުރެއްވި ސަރުކާރަކަށް ވަފާތެރި ބައެއް ކަން މި ރަށުގެ ޒުވާނުން އެބަޖެހޭ ދައްކައިދޭން. އަހަރެމެން ބަލައިގަންނަމޭ ޚިދުމަތް ކުރެއްވި ރައީސް. އަހަރެމެންނަށް ޚިދުމަތް ކުރެއްވި ރައީސް އަހަރެމެން ބަލައިގަންނަމޭ. އެއީ ވަރަށް ބޮޑު ވަފާތެރި ކަމެއް،" އިދިކޮޅު އެމްޑީޕީގެ ބޮޑު ތާއީދެއް އޮންނަ ތިނަދޫން ރައީސް ޔާމީނަށް ވަފާތެރިކަން ދެއްކުމަށް އެދިވަޑައިގަންނަވަމުން ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރައީސް ޔާމީންގެ ފަރާތްޕުޅުން ގޯސް ކަމެއް ފެންނަ ނަމަ، އެ ކަމެއް ރަނގަޅު ކުރަން ތިނަދޫގެ ޒުވާނުން އެދެންވީ ކަމަށެވެ.
ޝަހީމް ވިދާޅުވި ގޮތުގައި، ތިނަދޫ ތަރައްގީ ވެފައިވާ މިންވަރަށް އެ ރަށުގެ މީހުންގެ ވިސްނުން ވެސް ތަރައްގީ ވާން ޖެހެ އެވެ. އެއީ ރަނގަޅާއި ނުރަނގަޅު ވަކި ކުރުމަށެވެ.
"ބޮޑެތި މުއައްސަސާތަކުގައި އަލިފާންޖެހި ދުވަސް ވެސް އަޅުގަނޑުމެން ދުށީމު. އެކަމަކު އެ ދުވަސް މިއަދު މާޒީގެ ތެރެއަށް ފާއިތުވެ ހިނގައްޖެ،" ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހުގެ ފަހު ދުވަހު ހިންގި ހަމަނުޖެހުންތަކުގައި ދައުލަތުގެ ބައެއް މުއައްސަސާތަކުގައި ހުޅުޖެހި މައްސަލައަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ، ރައީސް ޔާމީން ރިޔާސީ ދެވަނަ ދައުރަކަށް އިންތިޚާބު ކޮށްފި ނަމަ ހިތާމަ ކުރަން ނުޖެހޭނެ ކަމަށެވެ. ސަބަބަކީ، ރައީސް ޔާމީންގެ ދެވަނަ ދައުރުގައި ރާއްޖެ ތަރައްގީ ކޮށްދޭއިރު، އެއީ ކޮންމެ ދިވެއްސަކު ވެސް މޭގައި އަތް ޖަހައި ފަޚުރުވެރިވާނެ ކަމަކަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ، މިހާތަނަށް ރާއްޖޭގެ އެއްވެސް ސަރުކާރަކުން ސްކޮލަޝިޕްތައް ނުދޭ މިންވަރަށް ރައީސް ޔާމީންގެ ސަރުކާރުން ސްކޮލަޝިޕްތައް ދީފި ކަމަށެވެ. އަދި އަމިއްލަ ވިޔަފާރި ކުރިއެރުވުމަށް ލޯނު ދިނުމާއި ތައުލީމީ ލޯނު ދިނުމުގައި މި ސަރުކާރު ވައްޓައި ނުލެވޭނެ ކަމަށް ވިދާޅުވި އެވެ.