19 އޯގަސްޓް 2018 - 19:13
ވެރިކަންކުރާ ޕާޓީ، ޕީޕީއެމާއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ކައުންސިލް މެމްބަރު އައިޝަތު މަމްދޫހާ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ތާއީދުކުރައްވަން ނިންމަވައިފި އެވެ.
އިދިކޮޅު އެމްޑީޕީގައި ވެސް ކުރިން ހަރަކާތްތެރި ވުމަށް ފަހު، 2015 ގައި އެމްޑީއޭއާ ގުޅުނު މަމްދޫހާ މިއަދު ވަނީ އިބޫއާ އެކު ނަންގަވާފައިވާ ފޮޓޯއެއް ފޭސްބުކްގައި އާންމު ކުރައްވައިފަ އެވެ. އޭގެ ކުރިން، އޭނާ ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އެއްވެސް ޕާޓީއެއްގައި މަސައްކަތް ކުރައްވަން ފުރުސަތު ލިބިވަޑައިނުގަތަސް، އެތައް ބައެއްގެ ހައްގަކަށް އަރައި ނުގަންނާނެ ކަމަށެވެ.
އިބޫއަށް ތާއީދު ކުރައްވަން މަމްދޫހާ މި ނިންމެވީ، ސަރުކާރުގެ އެކި ސިޔާސަތުތަކާ މެދު ހިތްހަމަޖެހިވަޑައިނުގެން ތަފާތު ލިޔުންތައް ސޯޝަލް މީޑިއާގައި އާންމު ކުރައްވަމުން ގެންދަވާތާ ދުވަސްކޮޅެއް ފަހުންނެވެ. އަދި ރައީސް އަބްދުﷲ ޔާމީނާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމާ ދެމެދު ގުޅުން ގޯސްވެފައިވާ ކަމަށް އަޑު ފެތުރިފައި ވަނިކޮށެވެ. އެކަމަކު، ރައީސް ޔާމީން ދާދި ފަހުން ވިދާޅުވެފައި ވަނީ އެމްޑީއޭ އަދިވެސް އޮތީ ޕީޕީއެމާ އެކު ކަމަށެވެ.
މަމްދޫހާ "މިހާރު" އަށް މިއަދު ވިދާޅުވީ، އޭނާ ހިމެނޭ ޕާޓީގެ ކޯލިޝަން ޕާޓްނަރު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީންގެ ބަދަލުގައި އިދިކޮޅު ކެންޑިޑޭޓު އިބޫއަށް ތާއީދު ކުރައްވަން ނިންމެވީ، މިނިވަން އިންސާފުވެރި އިންތިޚާބަކަށް އެތައް ހުރަސްތަކެއް ކުރިމަތި ކުރުވަމުން ދާތީ ކަމަށެވެ. އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބާ ގުޅޭ އެތައް ކަމެއްގައި ހުރަސްތައް ކުރިމަތިވަމުން ދާއިރު، މިނިވަން އިންތިޚާބެއް ރާއްޖޭގައި ބޭއްވިދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މަމްދޫހާ ވިދާޅުވި ގޮތުގައި އެމްޑީއޭގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި، އިބޫއަށް ތާއީދުކުރަން ނިންމެވި ނިންމެވުމަކީ އޭނާގެ އަމިއްލަ ކަމެކެވެ. އެ ނިންމެވުމާ ގުޅިގެން އޭނާއާ މެދު އެމްޑީއޭ އިން ފިޔަވަޅެއް އަޅާފާނެތީ ކަންބޮޑު ނުވާ ކަމަށާއި ފިޔަވަޅެއް އެޅިޔަސް، އިބޫއަށް ކުރާ ތާއީދު އަނބުރާ ނުގެންދަވާނެ ކަމަށް ވެސް މަމްދޫހާ ވިދާޅުވި އެވެ.
"އެންމެ ބޮޑު ވަރަކަށް ވެސް އަޅުގަނޑު ކައުންސިލުން ވަކި ކުރާނީ ދެއްތޯ؟. އަޅުގަނޑުގެ މައްސަލައެއް ނެތް ވަކިކުރިޔަސް. އެތައް ބައެއްގެ ހައްގަށް އަރައިގަންނާކަށް އަޅުގަނޑަކަށް ނުކެރޭނެ،" އޭނާ ވިދާޅުވި އެވެ.
ބިލެއްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަދި ރައީސް ޔާމީން ޕްރޮމޯޓް ކުރުމުގައި އެންމެ އިސްކޮށް އުޅުއްވާ ބޭފުޅުންގެ ތެރޭގައި ހިމެނޭ އަހުމަދު މުބީނާ ކައިވެނި ބައްލަވައިގެން ހުންނެވި މަމްދޫހާ ވިދާޅުވީ، އިބޫއަށް ތާއީދު ކުރަން އޭނާ ނިންމިޔަސް، މުބީންއާ ދެމެދު އޮތް ގުޅުމަކަށް ބުރުލެއް ނާރަ އެވެ. އަދި އޭނާ މުބީނާ ކައިވެނި ކުރެއްވުމުގެ ކުރިން ވެސް ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވަމުން ދިޔަ ކަން މަމްދޫހާ ފާހަގަ ކުރެއްވި އެވެ.
"މުބީންގެ ސިޔާސީ ކަންކަމާ އަޅުގަނޑެއް ނުބެހޭނަން. އަދި އެހެން މީހަކަށް ވެސް އަޅުގަނޑުގެ ކަންކަމަކާ ނުބެހެވޭނެ. އަޅުގަނޑު މިއީ އެއްވެސް މީހެއްގެ ވަޒީފާގައި ހުރި މީހެއް ނޫން،" މަމްދޫހާ ވިދާޅުވި އެވެ.
ކުރިން އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވިއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލަން ގޮވާލައި، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި މުޒާހަރާކުރި މައްސަލާގައި މަމްދޫހާގެ އިތުރުން އިދިކޮޅު އެހެން 13 މީހަކު ތިން މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން 2016 ގައި ހުކުމްކުރި އެވެ. އެކަމަކު، އެ ހުކުމް ތަންފީޒު ކުރުން ތިން އަހަރަށް ފަސް ކޮށްފައިވާތީ، އެ މުއްދަތުގައި އިތުރު ކުށެއް ނުކުރާ ނަމަ ޖަލަށް ދާކަށް ނުޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަސްކުރޭ
21 August 2018
ބުނަންއޮތީ ކައިރި ނުކުރައްޗޭ. ވަފާތެރިން ބޭނުންވަނީ. ތިމާ ބޭނުންހާކަމެއް ނުވީމަ ގޮސްފަ އަނެއްކަ އެކޮޅުން ނުވާނެހެން ހީވީމަ އަންނަ މީހުނެއްނޫން. މިކަހަލަ މީހުން ދަސްކުރަން އެބަޖެހޭ.
ސުލްތާން
20 August 2018
އެއްކޮޅަށް ހުންނައިރު އޯކޭ އެއްކޮޅުނުވުމުން އޯކޭނޫން، ކޮންވައްތަރު؟
ސުނިލް
19 August 2018
މެޑަމް އޮފީހަށް މީނަ ވަދެގެން އިންނައިރުވެސް އެގޭ މަކޜާ ހީލަތުގެ ވިސްނުންތަކެއް މީނަ ސިކުޑީގަ އެބުރޭކަން
ޝޮކްތެރަޕީ
19 August 2018
ކުރިންވެސް އެގޭ ތީކަކުކަން.
ޖހފސ
19 August 2018
މުބީން ކޮންއިރަކުންދާނީ?
ގުރާ
19 August 2018
ތީ އެއަރޕޯރޓަށް ގާނޫނާހިލާފަށް އެރިމައްސަލައިގަ ހުކުމަކުންރެކެން ޕާޓީން ކެނޑުނު މީހެއް
ސުވާލެއް
19 August 2018
ގޯސްމިވީ ހުކުމުން ރެކެން މަސައްކަތްކުރިމީހާތަ ނޫނީ އެކަން އެހެން ކުރުމުން އިންސާފުން އެއްކިބާވެ އެމީހުން ބޭނުންވާގޮތަށް ހުކުމްކުރި މީހުންތަ؟
ކަކުނި އިއްބެ
19 August 2018
މަމްދޫހާ ދިޔަ ޔަސް 2018 ރައީސް ޔަމީން ކާމިޔާބު ކުރައްވާނެ ހިނިތުން ވެލާފަ..
އޭބީ
21 August 2018
ތިކަމެއް ހަމަ ހިލާ އިރާދަ ކުރެއްވިއްޔާ އަނިޔާވެރި ޔަކަށް ކާމިޔާބެއް ނުވާނެ
ކަކުނި އިއްބެ
19 August 2018
ތީ މާކުރިން ވެސް ތިކަން އޮތް ގޮތް...
ބޭބެ
19 August 2018
ލަނޑަޔާ ވާނީ ހަމަ ލަނޑަޔަށް!! ބޯވަ އުޅޭގޮތް އަހަރެމެން ދަންނަން!!!
ތަކުރުފާނު.
19 August 2018
އާރެއް ބާރެއްނެތް ސިޔާސީ ގޮތުން ނިކަމެތި ފަޅިޔަށް އެރުމަކީ ގައުމަށް ދެވޭނެ އެންމެ ބޮޑު ގެއްލުން. އެކަން ހަނދާން ކޮށްލުން ކީއްތޯ؟