އިންތިޚާބު ކާމިޔާބު ކުރުމަށް ބަދަހި ސަފުތަކާ އެކު މަސައްކަތް ކޮށްދިނުމަށް ޑރ. ޝަހީމް އެދިވަޑައިގެންފި

އަންނަ މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބު ޕީޕީއެމަށް ކާމިޔާބު ކޮށްދިނުމަށް އެކުވެރިކަމާއި ބަދަހި ސަފުތަކާ އެކު މަސައްކަތް ކޮށްދިނުމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ އެދިވަޑައިގެންފި އެވެ.


ގދ. ތިނަދޫގެ ޕީޕީއެމް އޮފީސް ހުޅުއްވައި ދެއްވުމަށް ފަހު ވާހަކަ ދައްކަމުން ޝަހީމް ވިދާޅުވީ އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބު ޕީޕީއެމަށް ކާމިޔާބު ކޮށްދިނުމަށް ބުރަ މަސައްކަތް ކޮށްދޭންޖެހޭ ކަމަށެވެ. އަދި އެކަން ކޮށްދެވޭނީ ރައްޔިތުންގެ ހިތްވަރާއި އަޒުމުން ކަމަށް ވުމުން، އެކުވެރިކަން އޮންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ރިޔާސީ އިންތިޚާބު 2018 ކާމިޔާބު ކޮށްދެއްވުމަކީ ތިޔަބޭފުޅުންގެ ހިތްވަރާއި އަޒުމާއި ދުއާއިން ކުރެވޭނެ ކަމެއް. އެހެންކަމުން އަޅުގަނޑު އެދެނީ، މި ރަށުގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް، އެކުވެރި ކަމަކީ ގަދަފަދަ ބާރެއް. ވަކިވެ ގަތުމަކީ ނިކަމެތި ކަމެއް،" މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ތިނަދޫގައި ކެމްޕެއިން ކުރައްވަމުން ގެންދަވާ ޝަހީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހައްގަށްޓަކައި ކުރާ މަސައްކަތެއް މި ކުރަނީ. އަޅުގަނޑުމެންގެ ދީނާއި ސަގާފަތާއި ތަރައްގީ އާއި ކުރިއެރުމާއި މިތަނުގެ މުސްތަގުބަލަށްޓަކައި އަޅުގަނޑުމެން ކުރަން ހައްގު މަސައްކަތެއް މި ކުރަނީ. އެ ހައްގު މަސައްކަތުގައި އަޅުގަނޑުމެން ދެމިތިބެން ވާނީ އެކުވެރިކަމާ އެކުގައި."

އޭނާ ވިދާޅުވި ގޮތުގައި، ތިނަދު އަކީ، ވެރިކަން ކުރާ ޕާޓީ ޕީޕީއެމަށް ބޮޑު ތާއީދެއް އޮންނަ ރަށެކެވެ. އެގޮތުން، ރައްޔިތުންނަށް ދިމާވާ ދަތިތަކާއި ކަންބޮޑުވުންތަކާއި ހިޔާލުތައް ބެލުމަށް ރަށުގެ ހުރިހާ ގެއަކަށް ޒިޔާރަތް ކުރަން ޖެހޭނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

"ޕީޕީއެމްގެ މެމްބަރުން ވާންވީ، މި ރާއްޖޭގައި ތިބި އެންމެ އޯގާތެރި މެމްބަރުންނަށް. އެންމެ ހެޔޮ މެމްބަރުންނަށް. އޭރުން އިރާއްދަކުރެއްވިއްޔާ ޕީޕީއެމް ވެރިކަން ދެމި އޮންނާނީ އިންޝާﷲ." ޝަހީމް ވިދާޅުވި އެވެ.

ތިނަދު އަށް އުފަން، މިހާރުގެ ނައިބު ރައީސް އަބްދުﷲ ޖިހާދަަށް ތައުރީފް ކުރައްވައި ޝަހީމް ވިދާޅުވީ، އެއީ ގައުމަށް ވަރަށް ޚިދުމަތްތެރި ބޭފުޅެއް ކަމަށެވެ. އެހެންވެ، ރިޔާސީ ދެވަނަ ދައުރަކަށް ރައީސް ޔާމީން ހޮވިވަޑައިގެންފި ނަމަ ޖިހާދުގެ ޚިދުމަތްތަކަށް، ބުރުލެއް ނާރައި އެމަނިކުފާނުގެ ޚިދުމަތް ރަށަށް ލިބިގެންދާނެ ކަމަށެވެ.