ދުނިޔެ / އެމެރިކާ

އީރާނަށް ފައިސާ ދިނީ ކުށްވެރިން ދޫކުރުމުގެ ބަދަލަކު ނޫން: ވައިޓްހައުސް

އެމެރިކާގެ ރައީސް ބަރަކް އޮބާމާ: ކޯޓުގައި އޮތް މައްސަަ ހައްލު ކުރުމަށް އީރާނަށް ފައިސާ ދެއްވަން ވަނީ ނިންމަވާފައި.

04 އޯގަސްޓް 2016 - 15:56

ވޮޝިންޓަން (އޮގަސްޓް 4) - އެމެރިކާގެ ފަސް ގައިދީއަކު މިނިވަން ކުރުމުގެ ބަދަލެއްގެ ގޮތުން އެމެރިކާ އިން އީރާނަށް ފައިސާގެ ބޮޑު އަދަދެއް ދީފައިވާ ކަމަށް ދައްކާ ވާހަކަތައް ވައިޓްހައުސް އިން ދޮގުކޮށްފި އެވެ.

އެމެރިކާގެ ފަސް ގައިދީން އީރާނުން ޖެނުއަރީ މަހު މިނިވަން ކުރީ އެމެރިކާގައި ބަންދުކޮށްފައި ތިބި އީރާނުގެ ހަތް ގައިދީން މިނިވަން ކުރުމުންނެވެ. ދެ ގައުމުން ވެސް ކުށްވެރިން ބަދަލުކުރީ ނިއުކްލިއާ އެއްބަސްވުމަށް ފަހު އީރާނާ ދެކޮޅަށް އަޅާފައިވާ ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާފައި ވަނިކޮށެވެ. ކުށްވެރިން މިނިވަންކުރި ދުވަސްވަރު އެމެރިކާ އިން ވަނީ އީރާނަށް 400 މިލިއަން ޑޮލަރު ގެންގޮސްދީފަ އެވެ. މި ފައިސާ މަތިންދާ ބޯޓުގައި ގެންދިޔައީ ނަގުދު ފައިސާގެ ގޮތުގަ އެވެ.

ވޯލް ސްޓްރީޓް ޖާނަލް އިން ރިޕޯޓް ކުރި ގޮތުގައި އެމެރިކާގެ އޮފިޝަލުން ވަނީ ޔޫރޯ، ސްވިސް، ފްރޭންކްސް އަދި އެހެން ގައުމުތަކުގެ ފައިސާ ބަރުކޮށްފައިވާ މަތިންދާ ބޯޓެއް އީރާނަށް ފޮނުވައިފަ އެވެ. އަދި މިއީ އެމެރިކާގެ ފަސް ގައިދީން މިނިވަން ކުރުމުގެ ބަދަލެއްގެ ގޮތުން ފޮނުވި ފައިސާ އަށް ވެދާނެ ކަމަށް ވެސް ވޯލް ސްޓްރީޓުން ބުނެފައިވެ އެވެ. އީރާނުން މިނިވަން ކުރި މީހުންގެ ތެރޭގައި ވޮޝިންޓަން ޕޯސްޓުގެ ނޫސްވެރިޔާ ޖޭސަން ރެޒައިން ވެސް ހިމެނެ އެވެ.

ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ޖޯޝް އާނެސްޓް ވަނީ އެއީ ގައިދީން ދޫކޮށްލުމުގެ ބަދަލުގެ ގޮތުގައި ދިން ފައިސާ ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ 1979 ވަނަ އަހަރުގެ އިންގިލާބުގެ ވެސް ކުރިން އީރާނަށް އެމެރިކާ އިން ދޭން ޖެހިފައިވާ ފައިސާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އާނެސްޓް ވިދާޅުވީ އީރާނުގެ ނިއުކްލިއާ އެއްބަސްވުމާ ދެކޮޅު ހަދާ ރިޕަބްލިކަން މެންބަރުން ވަނީ އީރާނަށް ދިން ފައިސާ އަކީ ނިއުކްލިއާ އެއްބަސްވުމުގެ ދަށުން ދިން އެއްޗެއް ކަމަށް ހަދާ އޮޅުވާލާފައި ކަމަށެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އާނެސްޓް ވިދާޅުވީ އެއީ އީރާނަށް އިސްލާމީ އިންގިލާބު ގެނައުމުގެ ކުރިން އެމެރިކާ އިން ވިއްކި އަސްކަރީ ސާމާނުގެ ފައިސާ ކަމަށެވެ. އެކަމަކު އިންގިލާބުގެ ސަބަބުން މި މުއާމަލާތް ވަނީ މުޅިން ފުރިހަމަ ނުވެ އެވެ. އީރާނުން އެމެރިކާ އަށް ދިން ފައިސާގެ މައްސަލަ ހައްލު ނުވެ އެންމެ ފަހުން އީރާނުން ވަނީ އެ މައްސަލަ ބައިނަލްއަގުވާމީ ކޯޓަށް ހުށަހަޅައިފަ އެވެ. އާނެސްޓް ވިދާޅުވީ އެމެރިކާ އިން މި ފައިސާ ދޫކުރީ ކޯޓުގައި ގިނަ ދުވަސްވެފައިވާ މައްސަލަ ހައްލު ކުރުމަށް ކަމަށެވެ. އަދި ރައީސް ބަރަކް އޮބާމާގެ ސަރުކާރުން ވަނީ 1.7 ބިލިއަން ޑޮލަރު އީރާނަށް ދޭނެ ކަމަށް ބުނެފައި ކަމަށް ވެސް އާނެސްޓް ވިދާޅުވި އެވެ. މީގެ ތެރޭގައި ހިމެނެނީ ފައިސާގެ އަސްލު އަދަދާއި އެ ފައިސާގެ ޖޫރިމަނާ ކަމަށެވެ.

މަތިންދާ ބޯޓުގައި އީރާނަށް ފައިސާ ގެންދިޔައީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން އީރާނާ އެކު ދުނިޔޭގެ ބޭންކިން ސިސްޓަމުން އިލެކްޓްރޯނިކް ހުރިހާ މުއާމަލާތެއް ކަނޑާލާފައިވާތީ އެވެ. އަދި އެމެރިކާ ޑޮލަރުން އީރާނާއާ އެކު އެއްވެސް ފައިސާގެ މުއާމަލާތެއް ކުރިން ވެސް ވަނީ މަނާކޮށްފަ އެވެ.

0 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 93%
icon sad icon sad 7%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454