ހުޅުމާލޭގައި އަޅާ 7،000 ފްލެޓަށް އެޕްރީލް މަހު ވަދެވޭނެ: މިނިސްޓަރު

ލައްކައެއްހާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން މި ސަރުކާރުން ފަށާފައިވާ "ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާ 7،000 ފްލެޓަށް އަންނަ އެޕްރީލް މަހުގެ ތެރޭގައި ވަދެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.


މިދިޔަ ޖޫން މަހުގެ ތެރޭގައި ފުރުސަތު ހުޅުވާލި މި މަޝްރޫއަށް މި މަހުގެ ނިޔަލަށް ފޯމު ހުށަހެޅޭނެ އެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ 17 ކެޓަގަރީއަކަށް ބަހާލައިގެންނެވެ.

މިނިސްޓަރު މުއިއްޒު މިދިޔަ ހަފުތާގައި "މިހާރު" އަށް ވިދާޅުވީ ފްލެޓްތައް ނިމެންވާ އިރަށް، ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުން ކަނޑައަޅާނެ ކަމަށެވެ. މި މަޝްރޫއުން ފްލެޓަށް އެދި، ގާތްގަނޑަކަށް ބައި ލައްކަ އަށް ވުރެ ގިނަ މީހުން ފޯމު ނެގި އެވެ.

"ފޯމު ހުށަހަޅާ މީހުންގެ ތެރެއިން، ފްލެޓްތައް ލިބޭ މީހުން ލަސްތަކެއް ނުވެ ކަނޑައެޅޭނެ. އަޅުގަނޑުމެން ބޭނުން ވަނީ ފްލެޓަށް ހޮވޭ 7،000 މީހުން ވީހާވެސް އަވަހަކަށް އިއުލާންކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަކު، ފްލެޓަށް ޝަރުތު ހަމަވާ މީހުން ކަނޑައެޅޭނެ މުއްދަތު އެނގޭނީ، ކުރިމަތިލާ މީހުންގެ އަދަދު ސާފުވުމުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

7،000 ފްލެޓް ކެޓަގަރީތަކަކަށް

މިނިސްޓަރު ވިދާޅުވި ގޮތުގައި ފޯމު ހުށަހަޅާ މީހުންގެ ދިރިއުޅުމުގެ ހާލަތާ ބެހޭ ސާވޭއެއް ވެސް ކުރާނެ އެވެ. އެގޮތުން، މިނިސްޓްރީގެ ވިސްނުމަކީ ވީހާވެސް ފުރިހަމައަކަށް ފްލެޓު ދިނުމުގެ ހުރިހާ ކަމެއް ނިންމުން ކަމަށް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ފްލެޓްތަކުގެ ހައްގުވެރިން ކަނޑައަޅައި، މި އަހަރު ނިމުމުގެ ކުރިން އެއްބަސްވުން އެކުލަވާލައި އެ ފަރާތްތަކާ އެކު ސޮއިކުރާނެ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫ އަށް ގާތްގަނޑަކަށް 15،000 މީހުން ކުރިމަތިލި އެވެ. އެ މަޝްރޫއުގެ ފުރަތަމަ ބުރުން ފްލެޓް ދިނީ އެންމެ 704 މީހުންނަށެވެ.

އެ މަޝްރޫއުން ފްލެޓް ނުލިބުނު މީހުންނަށް ސަރުކާރުން ދެއްކި ހައްލަކީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިމާރާތް ކުރަން ނިންމާފައިވާ 80،000 ފްލެޓެވެ. އެ މަޝްރޫއު ރައީސް ޔާމީން ފައްޓަވައި ދެއްވައި، ފްލެޓް އަޅަން ހަވާލުކުރީ ސަރުކާރުގެ އެކި ކުންފުނިތަކާ އެވެ. މި މަޝްރޫއުގެ ބޮޑު ބައި މި އަހަރު ނިމޭނެ ކަމަށް ލަފާކޮށްފައިވާއިރު، މިއީ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމެއް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

މި މަޝްރޫއުގެ އިތުރުން ގުޅީފަޅާއި ފުށިދިއްގަރު ފަޅު ހިއްކައިގެން، ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކުރިއަށް ގެންދަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ މަޝްރޫއުން ފްލެޓާއި ގޯއްޗަށް އެދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.