އިދިކޮޅުގައި އޮތީ ހިޔާލު ތަފާތުވުން، ވެރިކަމެއް ނުކުރެވޭނެ: ޝަހީމް

އިދިކޮޅު ކޯލިޝަންގައި އޮތީ ހިޔާލު ތަފާތުވުންތައް ކަމަށާއި އެ ކޯލިޝަނަށް ވެރިކަމެއް ނުކުރެވޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓް މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.


ލ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުގައި ކަލައިދޫ ކެމްޕެއިން ޖަހަގަ ހުޅުވައި ދެއްވުމަށް ފަހު ޝަހީމް ވިދާޅުވީ ތަފާތު ޕާޓީތައް އެކުލެވޭ ބަޔަކަށް ވެރިކަން ދީފި ނަމަ އަބަދުވެސް އޮންނާނީ ހަމަނުޖެހުމާއި ތަޅާފޮޅުން ކަމަށެވެ.

"އޭގެ ތެރޭގައި ތިބީ ހައްތަހާ ވެސް ވެރިން. ވެރިކަމާ ހަވާލުވާން ބޭނުންވާ އަސްލު މީހާ ހުރީ އަދި. އަސްލު މީހާއަށް ކޮށާ މަގެއް މިއީ،" ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިޝާރަތްކުރައްވައި، ޝަހީމް ވިދާޅުވި އެވެ.

"އެހެންވީމަ މި ފުރުސަތު ނުދޭންވީ. އަނެއްކާ ގައުމުގެ ވަލިއްޔުލް އަމްރު ކަމަށް އަންނަން ޖެހޭނީ ކިޔަވާފައި ތިބި ގާބިލް، ތަޖްރިބާ ތިބި މީހުން."

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކަށް ރިޔާސީ އިންތިޚާބު ކާމިޔާބުވެއްޖެ ނަމަ މިހާރު ހިންގަމުން އަންނަ ހުރިހާ މަޝްރޫއުތަކެއް ހުއްޓި، ސިޔާސީ ހަލަބޮލި ކަމެއްގެ ތެރެއަށް ދާނެ އެވެ. ހުއްޓުމެއް ނެތި، ގައުމު ކުރިއަށް ގެންދެވެން އޮތީ ރައީސް ޔާމީނަށް ވޯޓު ދީގެން ކަމަށް ވިދާޅުވި އެވެ.

"މި ވޯޓުން ރައްޔިތުން ނިންމަންވީ ރާއްޖޭގެ މުސްތަގްބަލް. އަޅުގަނޑުމެން ދަނީ ފަހަތަށްތޯ ނުވަތަ ކުރިއަށްތޯ ފިޔަވަޅު އަޅާނީ؟. އަޅުގަނޑުމެން ބޭނުންވަނީ ކުރިއަށް ފިޔަވަޅު އަޅަން،" ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރު އައީ ގިނަ ކަންތައްތަކެއް ރައްޔިތުންނަށް ދަތިވެފައި ވަނިކޮށެވެ. އޭގެ ތެރެއިން ވަރަށް ގިނަ ކަންކަން ސަރުކާރުން މިހާރު ހައްލުކޮށް ދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ދީނީ އިލްމުވެރިންނަށް ފަތުވާ ދިނުމުގެ މިނިވަންކަން ހޯދައިދިނީ މި ސަރުކާރުން ކަމަށާއި ދީނީ ފަތުވާއެއް ދީގެން އެއްވެސް މީހަކަށް ސަރުކާރުން ގޯނާކޮށްފައި ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ރާއްޖޭގެ ތާރީޚު ވަނީ ދެކެފައި ރާއްޖޭގެ ދީނީ އިލްމުވެރިންގެ ތެރެއިން ކިތަންމެ ބަޔަކު ނުހައްގުން އަނިޔާކޮށް، ޖަލަށްލެވި، އެ މީހުންގެ ތުނބުޅިތައް ބާލައި، ޗިލީ ސޯސް ޖަހައި، އެ ބާވަތުގެ ކިތަންމެ ކަމެއް. އެހެން ނަމަވެސް މިހާރު އެހެންތޯ އެކަންކަން އޮތީ؟. އެހެނެއް ނޫން އެކަން އޮތީ،" ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދެވަނަ ދައުރެއް ރައީސް ޔާމީނަށް ލިބިވަޑައިގެންފި ނަމަ ރައްޔިތުން ބޭނުންވާ ހުރިހާ ތަރައްގީއެއް ލިބޭނެ އެވެ. އަދި ރައްޔިތުން ބޭނުންވާ ކަންކަން ހައްލުކޮށް ދިނުމަށް ރައީސް ޔާމީނަށް އެންމެ ބޮޑަށް ބާރު އަޅުއްވާނީ އޭނާ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.