ވައިގެ މަގުން ރާއްޖެ ދަތުރުކުރާ މީހުންގެ މައުލޫމާތު ކަސްޓަމްސް އަށް ދިނުމާ ބެހޭ ގަވާއިދެއް ހަދައިފި

ވައިގެ މަގުން ރާއްޖެ ދަތުރުކުރާ މީހުންގެ މައުލޫމާތު ކަސްޓަމްސް އަށް ދިނުމާ ބެހޭ ގަވާއިދެއް ހަދައިފި އެވެ.


ކަސްޓަމްސް އިން އިއްޔެ ގެޒެޓުކުރި ގަވާއިދުގައި ބުނެފައިވަނީ، ވައިގެ މަގުން ދަތުރުކުރާ މީހުންގެ މައުލޫމާތުތަކުގެ އިތުރުން ރާއްޖެއަށް ވައިގެ މަގުން އަންނަ އަދި ފުރާ އުޅަނދުތަކާ ބެހޭ މައުލޫމާތު ވެސް އެތަނަށް ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ.

އެއީ ކަސްޓަމްސްގެ ގާނޫނާއި ޔުނައިޓެޑް ނޭޝަންސް ސެކިއުރިޓީ ކައުންސިލްގެ ރިޒޮލިއުޝަނަށް ރިއާޔަތްކޮށްގެން ހަދާފައިވާ ގަވާއިދެއް ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

ކަސްޓަމްސްގެ ސީނިއަ ސުޕްރިޓެންޑެންޓް އަހުމަދު ނިޔާޒު ވިދާޅުވީ ވައިގެ މަގުން ދަތުރުކުރާ މީހުންގެ މައުލޫމާތު ހޯދުމާ ބެހޭ ގަވާއިދެއް ނޯންނާތީ ކަސްޓަމްސްގެ ބައެއް އޮޕަރޭޝަންތައް ހިންގަން ގޮންޖެހުންތައް ދިމާވާ ކަމަށެވެ.

"ވައިގެ މަގުން ދަތުރުކުރާ މީހުންގެ މައުލޫމާތު ދިނުމާ ބެހޭ ގަވާއިދެއް ހެދީމަ ފްލައިޓް އޮޕަރޭޓްކުރާ ފަރާތްތަކަށް މަޖުބޫރުވެގެން އެބަ ދޭ މައުލޫމާތު ދޭން. އޭގެ ސަބަބުން ފަސޭހަވެގެން ދާނެ އޮޕަރޭޝަންތައް ހިންގުމަށް،" ނިޔާޒު ވިދާޅުވި އެވެ.

މިސާލަކަށް "މަސްތުވާތަކެތި އަންނަ ގައުމުތައް ހުރޭ. އެހެންވެ އެ މައުލޫމާތުތައް ލިބުނީމަ ކުރިން ތައްޔާރުވެވޭނެ."

ރާއްޖެ އަށް އަންނަ ފްލައިޓްތަކުން ދަތުރުކުރާ އެންމެންނާއި ފްލައިޓް ފުރާ ގަޑީގެ އިތުރުން ރާއްޖެ އާދެވޭނެ ގަޑި ވެސް އެ ގަވާއިދުގެ ދަށުން ކަސްޓަމްސް އަށް އަންގަން ޖެހެ އެވެ.

ގަވާއިދުގެ ދަށުން މައުލޫމާތު ނުދޭ ފަރާތްތަކާ ދެކޮޅަށް ކަސްޓަމްސް އަށް ފިޔަވަޅު ވެސް އެޅެ އެވެ. އެގޮތުން ފްލައިޓާއި އެއިން ދަތުރުކުރާ މީހުންނާ ބެހޭ މައުލޫމާތު ފޯރުކޮށްނުދީ ނުވަތަ އެ މައުލޫމާތު ދިނުން ލަސްކުރާ ނަމަ އެ އެއާލައިނެއްގެ އެޖެންޓް 2000ރ. އިން ޖޫރިމަނާ ކުރެވެ އެވެ. އަދި އޭގެ ފަހުން މައުލޫމާތު ނުދީ ނުވަތަ މައުލޫމާތު ދިނުން ލަސްކުރުމަށް ފަހު ކުރާ ކޮންމެ ދަތުރަކަށް އެޖެންޓް 300ރ އިން ޖޫރިމަނާކުރެވެ އެވެ.

މި ގަވާއިދަށް އަމަލުކުރަން ފަށާނީ ގަވާއިދު ގެޒެޓު ކުރާތާ މަހެއް ފަހުންނެވެ.