އެންމެ ބޮޑު އަޣްލަބިއްޔަތު ލިބޭނީ ހައްދުންމަތިން: ޝަހީމް

އަންނަ މަހު 23ގައި އޮންނަ ރިޔާސީ އިންތިހާބުގައި، ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް އެންމެ ބޮޑު އަޣްލަބިއްޔަތެއް ލިބޭނީ ލ. އަތޮޅުން ކަމަށް އެ މަނިކުފާނުގެ ރަނިންމޭޓު މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.


އެ އަތޮޅު ފޮނަދޫން ރައީސް ޔާމީނަށް އޮތް ތާއީދު ދައްކާލުމަށް، މިއަދު ހަވީރު އެ ރަށުގައި ބޭއްވި ސައިކަލު ބުރު ނިންމާލުމަށް ފަހު ޝަހީމް ވިދާޅުވީ އެ ހަރަކާތުގައި ބައިވެރިވި މީހުންގެ އަދަދުން ވެސް، ކުރިއަށް އޮތް އިންތިހާބު، ތަނަވަސް އަޣްލަބިއްޔަތަކުން ރައީސް ކާމިޔާބު ކުރައްވާނެކަން ޔަގީންވެ ވަޑައިގަންނަވާ ކަމަށެވެ. އަދި ފޮނަދޫން އެ ހަގީގީ މަންޒަރު ފެނިވަޑައިގެންފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ސައިކަލް ބުރު ނިންމާލެއްވުމަށް ފަހު، ޝަހީމް ވާހަކަ ދައްކަވަނީ

"އަޅުގަނޑު މިއައީ ރައީސް ވިދާޅުވެގެން، ކެމްޕޭންކޮށް އެ މަނިކުފާނަށް ތާއީދު ހޯދުމަށް. އެކަމަކު އަޅުގަނޑު މިއަދު ރައީސަށް ދަންނަވަން ބޭނުން ވަނީ މި ރަށަކުން އެ މަނިކުފާނަށް އިތުރު ކުރާނެ ތާއީދެއް ނެތޭ. މިތާ އެ ތާއީދު އެބައޮތޭ،" ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލ. އަތޮޅުގެ ކޮންމެ ރަށަކުން ވެސް އެ ތާއީދު ފެނިވަޑައިގެންފައިވާ ކަަމަށާއި އެހެންވެ، އިންތިހާބު ފަސޭހަކަމާއެކު ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ ކަމުގެ އުއްމީދާއި ޔަގީންކަން އެބައޮތް ކަމަށެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲގެ އުފަންރަށް، ފޮނަދޫގައި މިއަދު ބޭއްވި ސައިކަލް ބުރުގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި އެވެ. ފިޔާތޮށިކުލައިގެ ޓީޝާޓާއި ދިދަތަކާއެކު ބޭއްވި އެ ސައިކަލް ބުރުގައި އެންމެ ކުރީގައި އިންނެވީ ޝަހީމެވެ.

ލ. ފޮނަދޫގައި މިއަދު ބޭއްވި ސައިކަލް ބުރުގައި އެ ރަށުގެ ގިނަ ބަޔަކު ބައިވެރިވަނީ

ކުރިއަށް އޮތީ ރާއްޖޭގެ މުސްތަގްބަލް ކަނޑައަޅާ އިންތިހާބެއް ކަމަށް ސިފަކުރައްވަމުން، އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ވިދާޅުވީ މި އިންތިހާބުން، ރާއްޖޭގައި ގެންގުޅޭނީ އިސްލާމްދީން ދެމެހެއްޓުމުގެ އުސޫލީ ސިޔާސަތުތަކެއްތޯ ނުވަތަ ކުރިއަށް ދާނީ ބައިބައިވެފައިވާ ސިޔާސީ ވެއްޓެއްގައިތޯ ކަނޑައަޅާނެ ކަމަށެވެ. އަދި ކުރިއަށް ދާން ބޭނުންވަނީ، ތަރައްގީގެ ފަލްސަފާ އާއި ވަތަނީ ފަލްސަފާއާ އެކުގައިތޯ ވެސް ކަނޑައަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، އިންތިހާބުގައި ރައީސްގެ ކެންޑިޑޭޓް ނަމްބަރު، އެކެއްގައި ހެޔޮ ފާހަގަ ޖެހުމަށް ޝަހީމް އިލްތިމާސް ކުރެއްވި އެވެ.

"އެއީ ރާއްޖޭގައި އިސްލާމީ ސަގާފަތާއި ރިވެތި އަހްލާގު ދަމަހައްޓާނެ ނަމްބަރު. ނަމްބަރު އެކެއް އެއީ ރާއްޖޭގެ އިގްތިސޯދު ކުރިއަރުވާނެ ނަމްބަރު. ބައިނަލްއަގްވާމީ ވައިގެ ބަނދަރު ތަރައްގީ ކުރާނެ ނަމްބަރު. ބަނދަރު ތަރައްގީ ކުރާނެ ނަމްބަރު. ނަމްބަރު އެކެއް އެއީ މަހާޖައްރާފު ގެނައި ނަމްބަރު،" ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން އޭނާ ވިދާޅުވި އެވެ.