"މިހާރު"ގެ ކިއުންތެރިންގެ ސަމާލުކަމަށް

މިހާރު" ގެ ހަބަރުތަކުގެ ސުރުޚީ ހުންނަ ގޮތަށް އަދި "މިހާރު"ގެ ލޯގޯ ބޭނުންކޮށްގެން ހަގީގަތާ ހިލާފު ސުރުޚީތައް ސޯޝަލް މީޑިއާގައި ސިޔާސީ ފަރާތްތަކުން ދަނީ ފަތުރަމުންނެވެ. މިއީ ސިޔާސީ ގޮތުން އެއް ބަޔަކު އަނެއް ބަޔަކަށް އެންޓި ކެމްޕެއިން ކުރުމުގެ ތެރެއިން ހިންގާ އަމަލެކެވެ. އެކަމަކު "މިހާރު" ނޫހުގައި ނުޖަހާ އަދި ކަނޑައެޅިގެން ދޮގެއް ކަން އެނގޭ ލިއުންތައް "މިހާރު"ގެ އެއްޗެއް ކަމަށް ފެންނަ ގޮތަށް ސޯޝަލް މީޑިއާގައި ބޭނުންކުރުމަކީ އޭގެ ޒާތުގައި ގާނޫނާ ވެސް ޚިލާފު ކަމެކެވެ.


ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓުންނަށް ވިޔަސް އަދި އެހެން ބަޔަކަށް ނިސްބަތްކޮށް ނަމަވެސް "މިހާރު"ގެ ލޯގޯ ބޭނުންކޮށް އަދި "މިހާރު" ސިފަކުރެވޭ ގޮތަށް ހަގީގަތާ ޚިލާފު ވާހަކަތައް ފެތުރުމަކީ، ޚަބަރާއި މައުލޫމާތު ފެތުރުމުގެ ޒިންމާއާ ޚިލާފު އަދި ކަނޑައެޅިގެން ގަސްދުގައި ރައްޔިތުންނަށް އޮޅުވާލަން ބަޔަކު ކުރަމުން ދާ މަސައްކަތެކެވެ.

މިއީ ވެސް "މިހާރު"ގައި ޖެހި ކަމަށް ބުނެ ފެތުރި ދޮގު ޚަބަރެއް

މިހާރު" ގައި ޖަހާ ކޮންމެ އެއްޗެއް، މިހާރުގެ ސައިޓުންނާއި މޮބައިލް އެޕުން ފެންނަން ހުންނާނެ އެވެ. އެހެންކަމުން މި ދުވަސްވަރު ޝައްކުކުރެވޭ ކަހަލަ އެއްވެސް މައުލޫމާތެއް "މިހާރު"ގެ ނަމުގައި ސޯޝަލް މީޑިއާގައި ފެތުރޭ ނަމަ "މިހާރު"ގެ ސައިޓަށް ވަދެ ޗެކްކުރުން މުހިންމު ކަމަށް ދަންނަވަމެވެ. އަދި "މިހާރު"ގެ ނަމާއި ޑިޒައިން ބޭނުންކޮށްގެން ދޮގު ޚަބަރާއި ނުބައި މައުލޫމާތު ފަތުރަން ކުރަމުން ދާ މަސައްކަތް ހުއްޓާލަން ވެސް ދަންނަވަމެވެ.